މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި
7 އޯގަސްޓު 2026 | ހުކުރު 19:16އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް މަރަޑޯނާގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ ސިއްހީ މުވައްޒަފުންގެ ޝަރީއަތުގައި، އޭނާގެ ފަހު ދުވަސްތަކުގެ ހާލަތާ ގުޅޭގޮތުން މުހިންމު ހެކިބަސްތަކެއް ދީފި. މަރަޑޯނާގެ ޚިދުމަތުގައި ހުރި މީހަކު ކޯޓުގައި ބުނީ އޭނާގެ ހަށިގަނޑު ދުޅަވެ ބަލިހާލަތު ގޯސްވި ނަމަވެސް، މެޑިކަލް ޓީމުން އެކަމަށް އެދެވޭ ސަމާލުކަމެއް ދީފައިނުވާ ކަމަށް

ޑިއޭގޯ މަރަޑޯނާ | ގެޓީ އިމޭޖަސް
އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ 2020 ވަނަ އަހަރު މަރުވި ހާދިސާއާ ގުޅިގެން ކުރިއަށްދާ ޝަރީއަތުގައި، އޭނާގެ ގާތުގައި ޚިދުމަތުގައި ހުރި މީހަކު ދިން ހެކިބަހުގައި ބުނެފައިވަނީ މަރަޑޯނާގެ ފަހު ދުވަސްތަކުގައި އޭނާ އޮތީ ބަލިވެ އެނދުމަތިވެފައި ކަމަށާއި، ހަށިގަނޑުގައި ފެން އުފެދި، ފޮއްސިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލާފައިވާ ފަދަ ހާލަތެއްގައި ކަމަށެވެ.
ބުރާސްފަތި ދުވަހު ކޯޓުގައި ހެކިބަސް ދެމުން ނިކޮލަސް ޓަފަރެލް ބުނީ، މަރަޑޯނާ އެނދުން ތެދުވާން ބޭނުންނުވާ ކަމަށާއި، ކާންބޯން ނުވަތަ ފެންވަރައި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަން ދޭންވެސް ބޭނުންނުވާ ކަމަށެވެ. ކޯޓުގައި އިއްވި އޯޑިއޯ މެސެޖެއްގައިވާ ގޮތުން، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މަރަޑޯނާ ބެލުމަށް ކަނޑައަޅާފައިވާ މެޑިކަލް ޓީމުން ކޮންމެ ދުވަހަކު އޭނާއަށް ޒިޔާރަތްކޮށް، މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށް އެ ދުވަސްވަރު ޓަފަރެލް ވަނީ އަންގާފަ އެވެ.
މަރަޑޯނާގެ މަރުގައި އިހުމާލުތަކެއް ހުރިކަމަށް ތުހުމަތުކުރެވޭ ސިއްހީ ދާއިރާގެ ހަތް މުވައްޒަފެއްގެ ޝަރީއަތް އާޖެންޓީނާގައި ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ މެދުތެރޭގަ އެވެ.
މަރަޑޯނާއާ ބެހޭގޮތުން ވާހަކަދައްކަމުން ރޮމުން ކަހަލަ ގޮތަކަށް އަސަރަކާއެކު އޭނާ ބުނީ، އޭނާއަށް ފާހަގަވި މައްސަލަތައް ރިޕޯޓުކުރި ނަމަވެސް، އެކަމަށް އެދެވޭ ފިޔަވަޅެއް ނުވަތަ އަވަސް ހައްލެއް ލިބިފައިނުވާ ކަމަށެވެ.
ޓަފަރެލް ކިޔައިދިން ގޮތުގައި އެ ދުވަސްވަރު މަރަޑޯނާގެ މުޅި ހަށިގަނޑު އޮތީ ފޮއްސިވެފަ އެވެ. އަދި އޭނާގެ ފައިވެސް އޮތީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ.
"ޑޮކްޓަރުން ބުނީ ހާސްނުވުމަށާއި، އެ އަލާމާތްތައް ރަނގަޅުވާނެ ކަމަށް. ކަންބޮޑުވެފައި ހުންނަ ވަގުތު އެމީހުންނަށް އިތުބާރު ކުރެވޭ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެވޭ. އެކަމަކު އެކަން ރަނގަޅެއް ނުވި،" ޓަފަރެލް ބުންޏެވެ. މަރަޑޯނާ މަރުވި ދުވަހުގެ ކުރީ ދުވަސް ކަމަށްވާ ނޮވެމްބަރު 24 ވަނަ ދުވަހު، އޭނާ ލައްވައި "މާޓޭ" (ހާބަލް ބުއިމެއް) ބޯން ކުރި މަސައްކަތް ނާކާމިޔާބުވި ގޮތްވެސް ޓަފަރެލް ކިޔައިދިނެވެ.
މަރަޑޯނާ ބުނި ކަމަށް އޭނާ ބުނީ، "ޓަފީޓާ، އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން، ދެން ނިމުނީ" ކަމަށެވެ. އެއީ ކޮން މާނައެއްގައި ބުނި އެއްޗެއްތޯ އެހުމުން މަރަޑޯނާ ބުނީ "އެއްވެސް ކަމެއް ނޫން، ހަމަ ނިމުނީ" ކަމަށެވެ. މަރަޑޯނާ ބޭނުންކުރި "ޔާ އެސްޓާ" މި ބަހަކީ "ހުރިހާ ކަމެއް ރަނގަޅު" ނުވަތަ "ހުރިހާ ކަމެއް ނިމުނީ" މި ދެ މާނައިގައިވެސް ބޭނުންކުރެވޭ ބަހެކެވެ. މަރަޑޯނާ މަރުވީ އޭގެ އަނެއް ދުވަހު އުމުރުން 60 އަހަރުގައި، އެކަނި އެނދުގައި އޮއްވަ އެވެ. އޭނާ މަރުވީ ހިތް ހުއްޓިގެންނާއި ފުއްޕާމޭގައި ފެން ހެދުމުގެ ސަބަބުންނެވެ. އޭނާ މަރުވީ ސާޖަރީއެއް ކުރިތާ ދެ ހަފްތާ ފަހުންނެވެ.
މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތް ނަމަވެސް، އެ އެންމެންވެސް ދަނީ އިހުމާލުވި ކަމަށް އިންކާރު ކުރަމުންނެވެ.
ދިފާއުގައި އެމީހުން ބުނަމުންދަނީ، އެމީހުންނަކީ ވަކި ދާއިރާތަކަކަށް ހާއްސަ ބައެއް ކަމަށާއި، މަރަޑޯނާ މަރުވާން މެދުވެރިވި ސިއްހީ ސަބަބުތަކާ އެމީހުންގެ ދައުރާ ސީދާ ގުޅުމެއް ނެތް ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތް މި މަސް ނިމޭއިރުވެސް ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ.
މަސްދަރު: އޭއެފްޕީ










