މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ހާފް ޓައިމް އެންމެ ދިގު ލައިގެންދާނެ ފަހަރު!
ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅޭ މި މެޗުގެ ހާފް ޓައިމް ޝޯގައި ދުނިޔޭގެ މަޝްހޫރު ފަންނާނުން ކަމަށްވާ މެޑޯނާ، ޝަކީރާ، ޖަސްޓިން ބީބަރ އަދި ދެކުނު ކޮރެއާގެ މަޝްހޫރު ބޭންޑް ބީޓީއެސް ފެނިގެންދާނެ. މި ޝޯ އަށް ބޭނުންވާ ސާމާނުތައް ދަނޑު މަތީގައި އަތުރައި، އަދި ޝޯ ނިމުމުން އެ ތަކެތި ނަގައި ދަނޑު ސާފު ކުރުމަށް ހޭދަވާ ވަގުތާ އެކު، ހާފް ޓައިމްގެ ވަގުތު 25 މިނެޓަށް ވުރެ ދިގުލައިގެން ދާނެ ކަމަށް ބެލެވޭ


ފީފާ ވޯލްޑް ކަޕް 2026 ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ގެޓީ އިމޭޖަސް
މިފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ހާފް ޓައިމްގެ ވަގުތަކީ، މުބާރާތުގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ދިގުލައިގެންދާނެ ފަހަރު ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ސްޕެއިން އާއި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ބައްދަލު ކުރާ މި ފަހަރުގެ ފައިނަލް މެޗުގެ ހާފް ޓައިމް ދިގުލައިގެން ދަނީ، އެމެރިކާގެ "ސުޕަ ބޯލް" ޝޯތަކާ އެއްގޮތަށް 11 މިނެޓުގެ މުނިފޫހިފިލުވުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާތީ އެވެ.
ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅޭ މި މެޗުގެ ހާފް ޓައިމް ޝޯގައި ދުނިޔޭގެ މަޝްހޫރު ފަންނާނުން ކަމަށްވާ މެޑޯނާ، ޝަކީރާ، ޖަސްޓިން ބީބަރ އަދި ދެކުނު ކޮރެއާގެ މަޝްހޫރު ބޭންޑް ބީޓީއެސް ފެނިގެންދާނެ އެވެ. މި ޝޯ އަށް ބޭނުންވާ ސާމާނުތައް ދަނޑު މަތީގައި އަތުރައި، އަދި ޝޯ ނިމުމުން އެ ތަކެތި ނަގައި ދަނޑު ސާފު ކުރުމަށް ހޭދަވާ ވަގުތާ އެކު، ހާފް ޓައިމްގެ ވަގުތު 25 މިނެޓަށް ވުރެ ދިގުލައިގެން ދާނެ ކަމަށް ބެލެވެ އެވެ.
ފީފާ އިން ކުރިން ބުނެފައި ވަނީ މި ވަގުތު 20 މިނެޓަށް ދެމިގެން ދާނެ ކަމަށެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ މި ވަގުތު އިތުރަށް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް މިހާރު ވަނީ ބެލެވިފައި އެވެ.
ހާފް ޓައިމްގެ ވަގުތު އާދަޔާ ހިލާފަށް ދިގުލައިގެން ދާތީ، ދެވަނަ ހާފުގެ ކުޅުން ފެށުމުގެ ކުރިން ކުޅުންތެރިން އަލުން ވޯމް އަޕް ހަދަން ޖެހުމުގެ ފުރުސަތު އޮތް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ފުޓުބޯޅައިގެ ގަވާއިދުތައް ކަނޑައަޅާ ބޯޑު، އައިއެފްއޭބީގެ ގަވާއިދު ބުނާ ގޮތުން މެޗެއްގެ ހާފް ޓައިމް ބްރޭކް 15 މިނެޓަށް ވުރެ އިތުރު ވެގެން ނުވާނެ އެވެ.
ނަމަވެސް، މިދިޔަ އަހަރު ނިއު ޖާޒީގައި ބޭއްވި ކުލަބު ވޯލްޑް ކަޕް ފައިނަލުގައި ވެސް، ކޯލްޑްޕްލޭ އާއި ޖޭ ބަލްވިން ފަދަ ފަންނާނުންގެ ހުށަހެޅުންތަކާ ގުޅިގެން ހާފް ޓައިމްގެ ވަގުތު 24 މިނެޓަށް ދެމިގެން ދިޔަ އެވެ.
ވޯލްޑް ކަޕްގެ ފައިނަލް މެޗު ފެށުމުގެ ކުރިން، އެމެރިކާގެ ގަޑިން މެންދުރު ފަހު 13:30 ގައި މުބާރާތުގެ ފައިނަލް މެޗުގެ ރަސްމިއްޔާތު ފެށުމަށް ވަނީ ނިންމައިފަ އެވެ. މި ރަސްމިއްޔާތުގައި އެމެރިކާގެ ގައުމީ ސަލާމް ޖެނިފާ ހަޑްސަން ހުށަހަޅާއިރު، ޓޮމް ކްރޫޒް، ލައުރާ ޕައުސިނީ، ނިކޯލް ޝާޒިންގާ، ރޮބީ ވިލިއަމްސް އަދި އައިޝޯ ސްޕީޑް ފަދަ މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ.










