ޒުވާން އަދި ބަދަހި ސްޕެއިން ޓީމުން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކުރި ގޮތް
މުޅި މުބާރާތުގައި އެންމެ ލަނޑެއް ވަދެފައިވާ ސްޕެއިންގެ މި ކާމިޔާބީއާއެކު، އެޓީމުން ވަނީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެމީހުންގެ ބާރުގަދަކަން ސާބިތުކޮށްދީފައި. އުއްމީދީ ކުޅުންތެރިންތަކެއް ހިމެނޭ މި ސްކޮޑާއެކު ސްޕެއިންގެ ފުޓްބޯޅައިގެ މުސްތަގުބަލު އޮތީ ވަރަށް އުޖާލާކޮށް.

ސްޕެއިނަކީ މިހާރު ޔޫރަޕްގެ އިތުރުން ދުނިޔޭގެވެސް ފުޓްބޯޅަ ޗެމްޕިއަނުން | ރޮއިޓާސް
މީގެ 34 ދުވަސް ކުރިން، ވޯލްޑް ކަޕްގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި މުބާރާތުގައި އަލަށް ވާދަކުރި ކޭޕް ވާޑްއާ ބައްދަލުކޮށް، ލަނޑެއް ނުޖެހި އެއްވަރުވުމުން ގިނަ ބަޔަކު ތިބީ މާޔޫސްވެފަ އެވެ.
ނަމަވެސް، އާދީއްތަ ދުވަހު ނިއު ޖާޒީގައި ކުޅުނު ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ބަލިކޮށް، ސްޕެއިނުން މިވަނީ ވޯލްޑް ކަޕްގެ ތަށި އުފުލާލާފަ އެވެ. ލުއިސް ޑެ ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޒުވާން ސްޕެއިން ޓީމުން ވަނީ މުބާރާތް ކުރިއަށް ދިޔަވަރަކަށް އެމީހުންގެ ކުޅުން އިންތިހާއަށް ރަނގަޅުކޮށްފަ އެވެ. ނޮކައުޓް މަރުހަލާގެ މެޗުތަކުގައި ފެނުނު ވަރުގަދަ ކުޅުމާއެކު، އެންމެ ފަހުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން މިވަނީ ހޯދާފަ އެވެ.
ދުނިޔޭގެ ޗެމްޕިއަންކަން ލިބުމާއެކު ސްޕެއިންގެ ވެލެންސިއާގައި އުފާފާޅުކުރަނީ
މުޅި މުބާރާތުގައި ވެސް ސްޕެއިން ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. އަދި ބަލިނުވެ އެޓީމުން ދަމަހައްޓަމުން އަންނަ ރެކޯޑު މިހާރު ވަނީ އާދަޔާ ހިލާފު 38 މެޗަށް އިތުރުވެފަ އެވެ.
ފައިނަލް މެޗުގައި "ލަ ރޯހާ" (ސްޕެއިން) އިން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށް، އާޖެންޓީނާގެ ނުރައްކާތެރި ހަމަލާތައް ހުއްޓުވައި، މޮޅު ކުޅުމެއް ދައްކާފަ އެވެ.
ސްޕެއިނުން އެމީހުންގެ ދެވަނަ ވޯލްޑް ކަޕް ކާމިޔާބުކުރި ގޮތަށް ބަލާލަމާ ހިނގާށެވެ.
ޒުވާން ކުޅުންތެރިންގެ ހުނަރުވެރިކަން
މި މުބާރާތުގައި ވާދަކުރި 48 ޓީމުގެ ތެރެއިން ހަވަނައަށް އެންމެ ޒުވާން ސްކޮޑަކީ ސްޕެއިން އެވެ. އެޓީމުގެ އެވްރެޖް އުމުރަކީ 26.19 އަހަރެވެ. އަދި 30 އަހަރުން މަތީގެ ތިބީ އެންމެ ހަ ކުޅުންތެރިންނެވެ.
މިސާލަކަށް ބްރެޒިލްއަށް ބަލާއިރު، އެޓީމުގައި 30 އަހަރުން މަތީގެ 11 ކުޅުންތެރިން ތިބިއިރު، އެވްރެޖް އުމުރަކީ 28.65 އަހަރެވެ.
ސްޕެއިނުން ތަޖުރިބާއަށްވުރެ ބޮޑަށް ޒުވާން ލޭ އިޚްތިޔާރުކުރިއިރު، އެއީ ރަނގަޅު ނިންމުމެއްކަން މިވަނީ ސާބިތުވެފަ އެވެ. އެޓީމުގެ އެންމެ މޮޅު ބައެއް ކުޅުންތެރިންނަކީ ފުރާވަރުގެ ކުދިންނެވެ. އެގޮތުން ޕާއު ކުބާސީ އާއި ލަމީން ޔަމާލްގެ އުމުރަކީ އެންމެ 19 އަހަރެވެ.
ފައިނަލް މެޗުގެ މޮޅުވި ލަނޑު ޖެހުމަށް އެހީތެރިވެދިން ނިކޯ ވިލިއަމްސްގެ އުމުރަކީ 24 އަހަރެވެ. އަދި ބާސެލޯނާގެ މިޑްފީލްޑަރު ޕެޑްރީގެ އުމުރަކީ 23 އަހަރެވެ.
ފެށުން ސްލޯ ނަމަވެސް ނިންމުން ވަރުގަދަ
ޖޫން މަހުގެ މެދުތެރޭގައި އެޓްލާންޓާގައި ކުޅުނު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސްޕެއިން ބައްދަލުކުރީ އަލަށް ވާދަކުރި ކޭޕް ވާޑްއާ އެވެ. ޔޫރަޕްގެ ޗެމްޕިއަނުންނަށް އެ މެޗުގައި އެފްރިކާގެ ކޭޕް ވާޑްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ. އަދި އެޓީމުގެ ތަރި، ގޯލްކީޕަރު ވޮޒީނިއާ ވަނީ ސްޕެއިންގެ ހަމަލާތައް ހުއްޓުވައި، މެޗު ލަނޑެއް ނުޖެހި އެއްވަރުކޮށްފަ އެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ އެވެ. މިއާއެކު މި މުބާރާތުގައި ސްޕެއިނަށް އޮތް ފުރުސަތުތަކާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.
ނަމަވެސް، އެ ހުރިހާ ވާހަކަތަކަކަށް ފަހު، ސްޕެއިނުން ވަނީ ޖެހިގެން އައި ގްރޫޕް މެޗުގައި ސައުދީ އަރަބިއްޔާ ފަސޭހަކަމާއެކު ބަލިކޮށްފަ އެވެ. އަދި ގުއަޑަލަހާރާގައި ކުޅުނު މެޗުގައި 1-0 އިން އުރުގުއޭ ބަލިކުރި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕެއިން، ގަދަ 32 ޓީމުގެ ބުރުގައި އޮސްޓްރިއާ އަތުން ފަސޭހަކަމާއެކު މޮޅުވި ނަމަވެސް، އޭގެ ފަހުން ކުޅުނު ނޮކައުޓް ދެ މެޗުން މޮޅުވުމަށް ބޮޑު ހިތްވަރެއްލާން ޖެހުނެވެ.
ޕޯޗުގަލް އަދި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިކޭލް މެރީނޯ ވަނީ މެޗުގެ ފަހު ވަގުތު ލަނޑު ޖަހައި، ސްޕެއިން ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ.
ޔަމާލްއަށް އެކަނި ބަރޯސާވާކަށް ނުޖެހުނު
ކުއާޓާ ފައިނަލުގައި ބެލްޖިއަމް އަތުން 2-1 އިން ސްޕެއިން މޮޅުވި މެޗަކީ ވެސް ޔަމާލްއަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު މެޗެކެވެ.
މެޗަށްފަހު އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން އެ ފުރާވަރުގެ ކުޅުންތެރިޔާ ބުނީ، ސްޕެއިނުން ތަށި އުފުލާލައިފިނަމަ "އޭނާ ލަނޑު ޖެހިތޯ ނުވަތަ ނޫންތޯ އެކަކުވެސް ހަނދާނެއް ނުބަހައްޓާނެ" ކަމަށެވެ.
އޭނާގެ އެ ވާހަކައަކީ ތެދެކެވެ.
އުތުރު އެމެރިކާގައި ބޭއްވި މި މުބާރާތުގައި މިކޭލް އޮޔާޒަބަލް ވަނީ ސްޕެއިނަށް ފަސް ލަނޑު ޖަހައިދީފަ އެވެ. އަދި ޓީމުގެ އެހެން ކުޅުންތެރިންވެސް ވަނީ މުހިންމު ލަނޑުތަކެއް ޖަހާފަ އެވެ.
މިކޭލް މެރީނޯ އަދި ޕެޑްރޯ ޕޯރޯ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، ސްޕެއިނަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން އެންމެ މުހިންމު ލަނޑު ޖަހައިދިނީ ފެރާން ޓޮރެސް އެވެ.
މުޅި މުބާރާތުގައި އެންމެ ލަނޑެއް ޖަހައި، އެސިސްޓެއް ނުހެދުނު ނަމަވެސް، ޔަމާލްއަކީ ސްޕެއިން ޓީމުގެ މުހިންމު ތަނބެކެވެ.
އޭނާ ވަނީ ހުރިހާ މެޗެއްގައި ކުޅެފަ އެވެ. އަދި ގަދަ އަށެއްގައި ބެލްޖިއަމާ ދެކޮޅަށް ދެއްކި ކުޅުމަށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ. މީގެ އިތުރުން، ޑަލަސްގައި ކުޅުނު ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ސްޕެއިނުން ފުރަތަމަ ލަނޑު ޖެހީ ޔަމާލް ހޯދައިދިން ޕެނަލްޓީއަކުންނެވެ.
ސެމީ ފައިނަލުގައި ސްޕެއިންގެ ފެންވަރު ދައްކާލުން
ނޮކައުޓް ބުރުގެ ފުރަތަމަ ތިން މެޗު ފަސޭހަކަމާއެކު ކާމިޔާބުކުރުމުން، މި މުބާރާތުގެ ތަށި އުފުލާލާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ ފްރާންސެވެ. ނަމަވެސް ސްޕެއިންގެ ވިސްނުން ހުރީ ތަފާތުކޮށެވެ.
ކޯޗު ޑެ ލަ ފުއެންޓޭ ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ބޭނުންކުރި މޮޅު އުސޫލުތަކުގެ ސަބަބުން، ދުނިޔޭގެ އެންމެ ވަރުގަދަ އެޓޭކިންގް ޓީމު ވަނީ ނުކުޅެދޭ ހާލަތަކަށް ވައްޓާލާފަ އެވެ. އެ މެޗުން ސްޕެއިން މޮޅުވީ 2-0 އިންނެވެ.
ސްޕެއިންގެ މެދުތެރޭގައި ކުޅުނު ޑެނީ އޮލްމޯ، ރޮޑްރީ އަދި ފަބިއަން ރޫއިޒް ވަނީ މެޗު ފެށުނީއްސުރެ ބޯޅަ ހިފަހައްޓައިގެން ކުޅެ، މެޗުގެ ސްޕީޑް ކޮންޓްރޯލްކޮށްފަ އެވެ.
މެދުތެރޭގައި ސްޕެއިނުން ދެއްކި ބާރުގެ ސަބަބުން، ފްރާންސްގެ ނުރައްކާތެރި ތަރިން ކަމަށްވާ ކީލިއަން އެމްބާޕޭ އާއި މައިކަލް އޮލީސޭއަށް ބޯޅަ ފޯރުކޮށްދިނުމަށް ފްރާންސަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
މީގެ އިތުރުން، ފުރަތަމަ ހާފުގެ މެދުތެރޭގައި ލަނޑެއް ޖަހައި ކުރި ހޯދުމަށްފަހު، ދެވަނަ ލަނޑަކަށް ސްޕެއިނުން ކުރި މަސައްކަތުގެ ސަބަބުން ފްރާންސްގެ ކުޅުންތެރިން ތިބީ ހާސްކަމެއްގެ ތެރޭގަ އެވެ.
މުޅި މެޗުގައިވެސް ފްރާންސަށް ހަމަޖެހިލައިގެން ކުޅޭނެ ފުރުސަތެއް ސްޕެއިނުން ނުދެއެވެ. އެގޮތުން ފްރާންސަށް ޖަހަން ލިބުނު މަދު ހަމަލާތަކަކީ ވެސް ޕެނަލްޓީ އޭރިއާގެ މާ ބޭރުން ފޮނުވާލި ހަމަލާތަކެކެވެ.
ފައިނަލް މެޗުގެ ފުރިހަމަ ކޮންޓްރޯލް
އާދީއްތަ ދުވަހުގެ ފައިނަލް މެޗަށް ސްޕެއިނުން ނުކުތީ ސެމީ ފައިނަލުގައި ކުޅުނު ފުރަތަމަ އެގާރައާއެކުގަ އެވެ. އެއީ އެންމެ ރަނގަޅު ނިންމުމެވެ. ސެމީ ފައިނަލެކޭ އެއްގޮތަށް، މި މެޗުގައިވެސް އެޓީމުން ވަނީ ބޯޅަ ހިފަހައްޓައިގެން ކުޅެ، އިދިކޮޅު ޓީމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިކުރުވާފަ އެވެ. މުޅި މެޗުގެ 120 މިނެޓުގެ ތެރޭގައި އާޖެންޓީނާއަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާ އެވެ. އޭގެ ތެރެއިން އެއްވެސް ހަމަލާއެއް ގޯލާ ސީދާވެފައެއް ނުވެ އެވެ.
ސްޕެއިނުން 65 އިންސައްތަ ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، މީގެ ސަބަބުން އާޖެންޓީނާގެ ކުޅުންތެރިން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުބަލިވި އެވެ.
މެޗުގެ ނަތީޖާ ނުނެރެވި ދިގުލައިގެން ދިއުމުން އާޖެންޓީނާގެ ކުޅުންތެރިންގެ މެދުގައި އުފެދުނު ނުތަނަވަސްކަން ފެނިގެންދިޔައީ، ދެވަނަ ހާފުގެ އިތުރު ވަގުތުގައި އެންޒޯ ފެނާންޑޭޒް، ސްޕެއިންގެ ކުބާސީއަށް ކުރި ނުރައްކާތެރި ފައުލަކުންނެވެ. މި ފައުލާ ގުޅިގެން އެންޒޯއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފަ އެވެ.
ބަދަލު ކުޅުންތެރިންގެ ގޮތުގައި ޕެޑްރީ، ވިލިއަމްސް އަދި ޓޮރެސް ކުޅެން އެރުވުމަށްފަހު ވެސް ސްޕެއިނުން ދިޔައީ މެޗު ކޮންޓްރޯލް ކުރަމުންނެވެ. އެންމެ ފަހުން މެޗުގެ 106 ވަނަ މިނެޓުގައި ޓޮރެސް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައި، ސްޕެއިނަށް ކުރި ހޯދައިދީފަ އެވެ.
ސްޕެއިންގެ އުޖާލާ މުސްތަގުބަލެއް؟
ދުނިޔޭގެ އަދި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންގެ މި ޒުވާން ސްކޮޑަކީ ކުރިއަށް އޮތް އަހަރުތަކުގައި ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރަސްކަން ކުރާނެ ޓީމެއް ކަމަށް ބެލެވެ އެވެ.
އެޓީމުގެ ގިނަ ކުޅުންތެރިންނަކީ އަދި އެމީހުންގެ އެންމެ މޮޅު ކުޅުން ދައްކާނެ އުމުރަށް ނުދާ ކުޅުންތެރިންނެވެ. އެހެންކަމުން، މީގެ ހަތަރު އަހަރު ފަހުން އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑް ކަޕް ހިމެނޭހެން، އިތުރު ކާމިޔާބީތަކަށް އެ ކުޅުންތެރިން އުއްމީދު ކުރާނެ އެވެ.
ޔަމާލް، ކުބާސީ، ޕެޑްރީ އަދި ވިލިއަމްސް ފަދަ ތަރިން 2030 ވަނަ އަހަރު ތިބޭނީ އެމީހުންގެ ކެރިއަރުގެ އެންމެ ކުރީގަ އެވެ. އަދި ޔޫރަޕްގެ ހޫނު މޫސުމުގައި ކުޅޭ މެޗުތަކުގައި، ބޯޅަ ހިފަހައްޓައިގެން ސްޕެއިނުން ކުޅޭ އުސޫލުގެ ފައިދާ އެޓީމަށް ވަރަށް ބޮޑަށް ކުރާނެ އެވެ.
މީގެ އިތުރުން، މީގެ ދެ އަހަރު ފަހުން އިނގިރޭސިވިލާތާއި އަޔަލޭންޑްގައި ބާއްވާ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރުވެސް އެޓީމަށް އޮންނާނެ އެވެ.
ކޯޗު ޑެ ލަ ފުއެންޓޭގެ ކޮންޓްރެކްޓް 2028 ވަނަ އަހަރާ ހަމައަށް މިހާރު ވަނީ އާކޮށްފަ އެވެ. އެހެންކަމުން، ބައިނަލްއަގުވާމީ މައިދާނުގައި ސްޕެއިނަށް އިތުރު ކާމިޔާބީތައް ހޯދައިދިނުމަށް އޭނާ ހުރީ ތައްޔާރަށެވެ.










