ފައިނަލްގެ ކުރިން ސްޕެއިންގެ ފަރިތަކުރުން ކެންސަލް
ސްޕެއިންގެ ފަރިތަކުރުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތީ ނިއު ޖާޒީގެ މެލާނީ ލޭން ޓްރެއިނިން ގްރައުންޑުގައި. ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ފުރަތަމަ ވަނީ ފަރިތަކުރުން މެދުކަނޑާލައިފަ. ނަމަވެސް، ފަހުން ވަނީ ފަރިތަކުރުން އެއްކޮށް ކެންސަލްކޮށްފައި


ފީފާ ވޯލްޑް ކަޕްގެ ތެރެއިން މީގެ ކުރިން ސްޕެއިން އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިން | ގެޓީ އިމޭޖަސް
ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ކުރިން ސްޕެއިން އިން ކުރިއަށް ގެންދަން އޮތް ފަރިތަކުރުން ކެންސަލްކުރަން ޖެހިއްޖެ އެވެ.
އެމެރިކާގެ ނިއު ޔޯކް އަދި ނިއު ޖާޒީ ސަރަހައްދަށް ކުރިމަތިވި ގަދަ ވިދުމާއި، ގުގުރުމުގެ ތޫފާންގެ ސަބަބުން ސްޕެއިންގެ ފަރިތަކުރުން ވަނީ ކެންސަލްކޮށްފައި އެވެ.
ސްޕެއިންގެ ފަރިތަކުރުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތީ ނިއު ޖާޒީގެ މެލާނީ ލޭން ޓްރެއިނިން ގްރައުންޑުގައި އެވެ. ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ފުރަތަމަ ވަނީ ފަރިތަކުރުން މެދުކަނޑާލައިފަ އެވެ. ނަމަވެސް، ފަހުން ވަނީ ފަރިތަކުރުން އެއްކޮށް ކެންސަލްކޮށްފައި އެވެ.
ސްޕެއިންގެ ފަރިތަކުރުން ކެންސަލްކުރަން ޖެހުނު ނަމަވެސް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ވަނީ ފަރިތަކުރުން ކުރިއަށް ގެންގޮސްފައި އެވެ. އެގޮތުން ސްޕެއިން އިން ފަރިތަކުރުން ކުރިއަށް ގެންދިޔަ ސަރަހައްދާ ގާތް ގަނޑަށް ފަސް މޭލު ދުރުގައި އޮތް މޮލިސްޓައުންގައި އާޖެންޓީނާ އިން ފަރިތަކުރުން ކުރިއަށް ގެންދިޔައިރު، އެ ޓީމުގެ ފަރިތަކުރުން 45 މިނެޓަށް މެދު ކަނޑާލި އެވެ. ނަމަވެސް، ފަހުން ފަރިތަކުރުން ކުރިއަށް ގެންގޮސްފައިވެ އެވެ.
ނިއު ޔޯކް ޖާޒީ ނިއު ޖާާޒީ ސްޓޭޑިއަމްގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ. އެއީ އެމެރިކާ ގަޑިން މެންދުރުފަހު ތިނެއް ޖަހާއިރު އެވެ.
މޫސުމާ ގުޅޭ ގޮތުން ނިއު ޔޯކް ސިޓީގެ މޭޔަރު ޒޯރަން މަމްދާނީ ވިދާޅުވެފައި ވަނީ، އެ ސިޓީ އަށް ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ނެރެފައިވާ ކަމަށާއި، ނުރައްކާތެރި ޙާލަތްތަކުގައި ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަން އިން ބުނެފައި ވަނީ، އެމެރިކާގެ ތޫފާނުގެ ސަލާމަތީ އުސޫލުތަކާ އެއްގޮތްވަ ގޮތުގެ މަތިން، މެލަނީ ލޭން ޓްރެއިނިން ގްރައުންޑުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުން މެދުކަނޑާލުމަށް ފަހު، ފަހުން ކުރިއަށް ގެންގޮސްފައި ވަނީ އިންޑޯގައި އެވެ.
އެމެރިކާގެ ސަލާމަތީ އުސޫލުތައް ބުނާ ގޮތުން، ކުޅިވަރު ކުޅޭ މައިދާނުގައި އަށް މޭލުގެ ރޭޑިއަސްއެއްގެ ތެރެއިން ހޮނު އެޅުން ނުވަތަ، ވިދުމުގެ އަސަރެއް ފެނިއްޖެ ނަމަ، ބޭރުގައި ބާއްވާ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ވަގުތުން ހުއްޓާލަން ޖެހެ އެވެ. އަދި މިފަދަ ހަރަކާތްތައް އަލުން ފެށޭނީ އެންމެ ފަހުން ހޮނު އެޅި ވަގުތުން ފެށިގެން 30 މިނެޓު ވަންދެން އިތުރު ހޮނު އެޅުމެއް ނުފެންނަ ނަމަ އެވެ.
އޭގެ ފަހުން ފީފާ އިން ބުނެފައި ވަނީ އިތުރު ފަރިތަކުރުމެއް ކުރިއަށް ގެންދާވެ ވަގުތެއް ސްޕެއިން އަށް ދެވެން ނެތް ކަމަށެވެ.










