އީރާނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވައިފި
29 ޖުލައި 2026 | ބުދަ 14:01އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެއްވާނެ ކަމަށާއި، އީރާނުގެ ތާއީދު އޮންނަ ޖަމާއަތްތަކަށް އަމާޒުކޮށް އެމެރިކާއިން އިރާގަށް ދިން ހަމަލާތަކަކީ ބަޣުދާދުގެ ސަރުކާރާ މަޝްވަރާކޮށްގެން ދިން ހަމަލާތަކެއް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ. ނަމަވެސް އިރާގުން ވަނީ މިއީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް ބުނެ އެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި. މި ކުރިމަތިލުންތައް އައިސްފައިވަނީ އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އީރާނުން މިސައިލް ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައި
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން، އުރުދުންގައި ހުންނަ އެމެރިކާ ސިފައިންގެ އެއާބޭސްއަކަށާއި މަރުކަޒީ ކޮމާންޑް ސެންޓަރަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ފޮނުވާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފި | އައިއާރުޖީސީ
އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދިން މިސައިލް ހަމަލާތަކާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެއްޖެ ކަމަށް ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފި އެވެ.
ފޮކްސް ނިއުސްގެ ނޫސްވެރިޔަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް ވަނީ އީރާނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީ، އެ ގައުމު ބަލިކޮށްލާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމަށް ބާރު އެޅުމުގެ ގޮތުން ޓްރަމްޕް ބޭއަދަބީ ބަސްތަކެއް ބޭނުންކުރައްވައި، އީރާނަށް ދޭ ހަމަލާތައް އިންތިހާއަށް ވަރުގަދަވާނެ ކަމަށް ވިދާޅުވި ކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
އީރާނުގެ ތާއީދު އޮންނަ ހަނގުރާމަވެރި ޖަމާއަތްތަކަށް އަމާޒުކޮށް އިރާގުގެ އެތެރޭގައި އެމެރިކާއިން ރޭގަނޑު ދިން ހަމަލާތަކަކީ ބަޣުދާދުގެ ސަރުކާރާ ގުޅިގެން ދިން ހަމަލާތަކެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް އާ ވާހަކަދެއްކުމަށްފަހު ފޮކްސް ނިއުސްގެ ރިޕޯޓަރު ބުނީ، އިރާގުގައި ދިން ހަމަލާތަކަކީ އެ ގައުމުގެ ސަރުކާރާ މަޝްވަރާކޮށް، ކަންކަން ތަރުތީބުކޮށްގެން ދިން ހަމަލާތަކެއް ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށެވެ.
މިކަމާ ގުޅިގެން އިރާގުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ހަޝްދު އައްޝައުބީ" ޖަމާއަތުގެ މަރުކަޒުތަކަށް އަމާޒުކޮށް ދިން ބޮން އެޅުމުގެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ އިރާގުގެ ރަސްމީ މުއައްސަސާތަކަށް އަމާޒުކޮށް ދީފައިވާ، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށްވެސް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، އަވަށްޓެރި ގައުމުތަކަށް ހަމަލާ ދިނުމަށް އިރާގުގެ ބިން ބޭނުންކުރުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށްވެސް އިރާގު ސަރުކާރުން ބުނެފައިވެ އެވެ.
އީރާނާއި އެމެރިކާއާ ދެމެދު ފަސް މަސް ދުވަހަށް ދެމިގެން ގޮސްފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން މި ކުއްލި ކުރިމަތިލުންތައް އައިސްފައިވަނީ، މަޝްވަރާގެ މަގުން ހައްލެއް ހޯދުމަށް ބޭނުންވާ ކަމަށް މީގެ ކުރިން ޓްރަމްޕް ވިދާޅުވަމުން ގެންދެވުމަށްފަހުގަ އެވެ.
އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާ ދިން ކަމަށް އީރާނުން ބުނެފައިވާއިރު، އުރުދުންގެ އަސްކަރިއްޔާއިން ބުނީ އީރާނުން ފޮނުވާލި ފަސް މިސައިލެއް އެ ގައުމުން ހުއްޓުވާފައިވާ ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އިރާގަށް ދިން ހަމަލާތަކުގައި އަމާޒުކޮށްފައިވަނީ އީރާނުގެ ތާއީދު އޮންނަ ހަނގުރާމަވެރި ޖަމާއަތްތަކުގެ ލޮޖިސްޓިކްސް އަދި ހަތިޔާރު ރައްކާކުރާ މަރުކަޒުތަކަށެވެ.










