އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި
30 ޖުލައި 2026 | ބުރާސްފަތި 09:17ޕާކިސްތާންގެ ފޮރިން މިނިސްޓްރީގެ ތަރުހަމާނު ތާހިރު އަންދްރާބީ ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހުރިހާ ފަރާތަކުން ވެސް އިސްލާމްއާބާދު ފަހުމުނާމާގެ އުސޫލު ތަކަށް ރުޖޫއަވުމަށް ބާރު އަޅަމުން އަންނަ ކަމަށް. އަދި އެ އެއްބަސްވުމުގެ ދަށުން ފަންނީ ފެންވަރުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވެފައިވާ އިޤުރާރު ތަކަށް ފުރިހަމަ އަށް އަމަލު ކުރުމަށް ދެ ޤައުމަށް ބާރު އަޅަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި


ޕާކިސްތާންގެ އިސްލާމްއާބާދުގައި ބަހައްޓާފައިވާ އެމެރިކާ އާއި އީރާންގެ ސުލްހައިގެ ވާހަކަތަކާ ގުޅޭ ބިލް ބޯޑެއްގެ ކައިރިން ޕާކިސްތާންގެ އަސްކަރީ އޮފިޝަލެއް ހިނގާފައި ދަނީ | ރޮއިޓާސް
އެމެރިކާ އާއި އީރާންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުވުމަށްޓަކައި، އިސްލާމްއާބާދު އެއްބަސްވުމުގެ ދަށުން އެ ދެ ޤައުމު އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް، ޕާކިސްތާން އިން ބުނެފި އެވެ.
ޕާކިސްތާން އަކީ މި މައްސަލައިގައި ދެ ފަރާތުގެ ދެ މެދުގައި ސޮއި ކުރެވިފައިވާ ފަހުމުނާމާގައި ހިމެނޭ މުހިންމު ބައިވެރިޔެކެވެ. އެމެރިކާ އާއި އީރާާން އިން ފަހުމުނާމާގައި ސޮއި ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފައި ވަނީ ޕާކިސްތާން އިންނެވެ.
ޕާކިސްތާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ތާހިރު އަންދްރާބީ ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހުރިހާ ފަރާތަކުން ވެސް އިސްލާމްއާބާދު ފަހުމުނާމާގެ އުސޫލު ތަކަށް ރުޖޫއަވުމަށް ބާރު އަޅަމުން އަންނަ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ފަންނީ ފެންވަރުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވެފައިވާ އިޤުރާރު ތަކަށް ފުރިހަމަ އަށް އަމަލު ކުރުމަށް ދެ ޤައުމަށް ބާރު އަޅަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެދު އިރުމަތީގެ ކުރިމަތިލުންތައް ވަރުގަދަވެފައިވާ މި ދަނޑިވަޅުގައި ވެސް، އެމެރިކާ އާއި އީރާންއާ ދެމެދު މަޝްވަރާތައް ކުރިއަށްދާކަން ޕާކިސްތާން އިން ވަނީ ކަށަވަރު ކޮށްދީފައި އެވެ. އެގޮތުން ތަރުޖަމާނު އަންދްރާބީ ވިދާޅުވީ، ޚާއްސަކޮށް ހުރްމުޒް ކަނޑު އޮޅީޣެ ސަލާމަތާއި މަސްލަހަތު ފިނިކުރުމާ ގުޅޭ ގޮތުން ދެ ފަރާތުގެ ދެ މެދުގައި ވާހަކަތައް ދެކެވެމުން އަންނަ ކަމަށެވެ.
ޕާކިސްތާން އިން މިހެން ބުނެފައި މި ވަނީ، އީރާންގެ އެކި ސަރަހައްދު ތަަކަށް އަމާޒުކޮށް ދެ ގަޑިއިރަށް ދެމިގެން ދިޔަ ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުރާސްފަތި ދުވަހު އިއުލާން ކޮށްފައި ވަނިކޮށެވެ. އެމެރިކާ އިން ބުނި ގޮތުގައި މިއީ އޭގެ ކުރީ ދުވަހު، މެދު އިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އީރާން އިން މިސައިލް ހަމަލާ ތަކަށް ދިން ވަރުގަދަ ރައްދެއް ކަމަށެވެ.
މި ހަފުތާގެ ކުރީ ކޮޅު އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، އީރާން އިން ކުއްލި ހައިރާން ކުރުވަނިވި ހަމަލާއެއްގެ ގޮތުގައި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލް ތަކެއް ހުއްޓުވާފައިވާ ކަމަށެވެ. އީރާން އިން ވެސް ވަނީ އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް ހަމަލާދިން ކަމަށް ކަށަވަރު ކޮށްދީފައި އެވެ. މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން އަށް ވަރަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމަށެވެ.
ބުރާސްފަތި ދުވަހު ދިން ހަމަލާތަކާ ގުޅޭ ގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އެމެރިކާގެ އަސްކަރިއްޔާ އިން ދިން މި ހަމަލާ ތަކަކީ، އީރާންގެ ނުރައްކާތެރި އަމަލުތަކާ ދެކޮޅަށް ދެވުނު އެކަށީގެންވާ ޖަވާބެއް ކަމަށެވެ. އެމެރިކާ އާއި އީރާންއާ ދެމެދު މި ހަނގުރާމަ ފެށުނީ މިއަހަރުގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލް އިން އީރާން އަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.










