ސައުދީން އުފެއްދި ބައިނަލްއަގުވާމީ ކަނޑުގެ ދިފާއީ އިއްތިހާދަށް ކޮމާންޑަރަކު އައްޔަނުކޮށްފި
6 އޯގަސްޓު 2026 | ބުރާސްފަތި 14:56ސައުދީން އިސްނަގައިގެން އުފެއްދި ބައިނަލްއަގުވާމީ ކަނޑުގެ ދިފާއީ އިއްތިހާދުގެ އިދާރީ އޮނިގަނޑު ވަރުގަދަކުރުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މި މަހުގެ މެދުތެރޭގައި އަސްކަރީ ޕްލޭނަރުންގެ މުހިންމު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައި. ކަނޑުގެ ސަލާމަތާއި ވިޔަފާރި މަގުތައް ރައްކާތެރިކުރުމަށް އުފެއްދި މި އިއްތިހާދާ ގުޅުމަށް ގިނަ ގައުމުތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސައުދީން ބުނޭ

މޭޖަރ ޖެނެރަލް އަބްދުﷲ އައްޝަހްރީ | އަލްއަރަބިއްޔާ
ސައުދީން އިސްނަގައިގެން އުފެއްދި މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް އެލަޔަންސް ނުވަތަ ބައިނަލްއަގުވާމީ ކަނޑުގެ ދިފާއީ އިއްތިހާދުގެ ކޮމާންޑަރުގެ މަގާމަށް މޭޖަރ ޖެނެރަލް އަބްދުﷲ އަލް-ޝެހްރީ ވަނީ އައްޔަނުކޮށްފި ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޑިފެންސުން ބުރާސްފަތި ދުވަހު އިއުލާންކޮށްފި އެވެ.
މި އައްޔަނުކުރުމަކީ މި އިއްތިހާދު އުފެއްދުމަށް ކުރަންޖެހޭ އެންމެހާ އިންތިޒާމުތައް ފުރިހަމަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށާއި، މިއީ ޖުލައި މަހުގެ 30 ވަނަ ދުވަހު ކުރިން ނެރުނު އިއުލާނާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ސައުދީ ޑިފެންސް މިނިސްޓްރީން ސިފަކުރި ގޮތުގައި، މޭޖަރ ޖެނެރަލް އަލް-ޝެހްރީ މި މަގާމަށް އައްޔަނުކުރުމަކީ އިއްތިހާދުގެ އިދާރީ އޮނިގަނޑު ގާއިމުކުރުމަށާއި، އޮޕަރޭޝަނަލް ގޮތުން އިއްތިހާދުގެ ތައްޔާރީތައް ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އެ ބަޔާނުގައިވާ ގޮތުން، އަލް-ޝެހްރީ އިސްވެ ހުންނަވައި އިއްތިހާދުގެ ކަނޑުގެ ދިފާއީ ކޮމާންޑް ބަލަހައްޓާނެ އެވެ. އަދި އިއްތިހާދުގެ މެންބަރު ގައުމުތަކުގެ މެދުގައާއި، ކަނޑުގެ ސަލާމަތަށް މަސައްކަތްކުރާ އެހެނިހެން އިއްތިހާދުތަކާއެކު ކުރަންޖެހޭ ޕްލޭނިންގް އަދި ކޯޑިނޭޝަންގެ މަސައްކަތްތައް އޭނާ ސުޕަވައިޒް ކުރާނެ އެވެ.
މީގެ އިތުރުން، އިއްތިހާދުގެ ޗާޓަރާއި، ހިންގާ ގަވާއިދުތަކާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ ގުޅިފައިވާ ހަރަކާތްތަކާއި މިޝަންތައް ތަންފީޒުކުރުމުގެ ކަންކަންވެސް އޭނާ ބަލަހައްޓާނެ އެވެ.
މި އިއްތިހާދުގެ ޒިންމާތަކުގެ ތެރޭގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އެހީތެރިވުމާއި، ކަނޑު ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމާއި، ކަނޑުގެ މަގުތަކާއި އިސްތިރާތީޖީ ކަނޑުއޮޅިތައް ރައްކާތެރިކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އިއްތިހާދުގެ އިހުތިސާސް ހިނގާ ސަރަހައްދުތަކުގައި ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތައް ހިމާޔަތްކުރުމަކީވެސް މި އިއްތިހާދުގެ މަގްސަދެކެވެ.
ސައުދީ އަރަބިއްޔާއިން ބުނި ގޮތުގައި، މި އައްޔަނުކުރުމުގެ ސަބަބުން އިއްތިހާދުގެ ކޮމާންޑް ބޮޑީތަކާއި ޖޮއިންޓް ސްޓާފް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ އެވެ. އަދި އާ މެންބަރުން ބަލައިގަތުމަށާއި ކަނޑުގެ އެކި އޮޕަރޭޝަންތައް ހިންގުމަށް އިއްތިހާދަށް ލިބިފައިވާ ގާބިލުކަން މިކަމުގެ ސަބަބުން އިތުރަށް ހަރުދަނާވެގެންދާނެ އެވެ.
މި އިއްތިހާދުގެ ސަބަބުން ކަނޑުގެ ސަލާމަތާއި، މައުލޫމާތު ހިއްސާކުރުމާއި، ގާބިލުކަން އިތުރުކުރުމާއި، ތަމްރީނު ދިނުމުގެ އިތުރުން ގުޅިފައިވާ އަސްކަރީ ތަމްރީނުތައް ހިންގުމުގެ ދާއިރާއިން ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުވާނެ ކަމަށް ބެލެވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އިއްތިހާދު އުފެއްދިކަން އިއުލާންކުރި ފަހުން އިތުރު ގައުމުތަކަކުން ވަނީ އިއްތިހާދުގެ ގުޅިފައިވާ ބަޔާނުގައި ސޮއިކުރުމުގެ މަރުހަލާތައް ފުރިހަމަކޮށްފަ އެވެ. އަދި ބައެއް އެހެން ގައުމުތަކުން ދަނީ ފައުންޑަރ މެންބަރުންގެ ގޮތުގައި ރަސްމީކޮށް ގުޅުމުގެ ކުރިން، ބަޔާނާއި ޗާޓަރުގައި ސޮއިކުރުމަށް ބޭނުންވާ އެ ގައުމުތަކުގެ އެތެރޭގެ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރަމުންނެވެ.
މި އިއްތިހާދުގެ މަގްސަދުތަކާއި އުސޫލުތަކާ އެއްގޮތްވާ ކޮންމެ ގައުމަކަށްވެސް އިއްތިހާދާ ގުޅުމުގެ ފުރުސަތު އޮތް ކަމަށާއި، މެންބަރުކަމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަންނަމުންދާ ކަމަށް ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ސޮއިކުރުމުގެ މަރުހަލާ ފުރިހަމަކޮށްފައިވާ ގައުމުތަކުގެ ލިސްޓު ހިމެނޭ އިތުރު ބަޔާނެއް ކުރިއަށް އޮތް ތަނުގައި ނެރޭނެ އެވެ.
މި އިއްތިހާދު އެކުލަވާލުމުގެ ދެން އޮތް މަރުހަލާގައި، އޮގަސްޓް މަހުގެ 12 އަދި 13 ވަނަ ދުވަހު އަސްކަރީ ޕްލޭނަރުންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަމާއި، އިތުރު ގައުމުތަކުން ރަސްމީކޮށް އިއްތިހާދާ ގުޅުމުގެ ކުރިން ގުޅިފައިވާ ބަޔާނާއި ޗާޓަރުގައި ސޮއިކުރުމުގެ އިންތިޒާމުތަކާ ގުޅޭގޮތުންނެވެ.










