ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ކޯލިޝަނެއް އުފެއްދުމަށް ނިންމާފައިވާކަން ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފި
30 ޖުލައި 2026 | ބުރާސްފަތި 16:53ސައުދީ އަރަބިއްޔާ އިސްވެ އޮވެ 43 ގައުމަކާއި އީޔޫ ބައިވެރިވާ މި ކޯލިޝަނުގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގުވާމީ ކަނޑުގެ މަގުތަކާއި ދުނިޔޭގެ ވިޔަފާރި ހިމާޔަތްކުރުން. މިގޮތުން ރަތް ކަނޑާއި ބާބުލް މަންދަބް އަދި ގަލްފް އޮފް އަދަންގެ ސަލާމަތީ ކަންކަމަށް ހާއްސަ އިސްކަމެއް ދިނުމަށް ނިންމާފައިވާއިރު، އިސްލާމީ ގިނަ ގައުމުތަކަކުން ވަނީ މި އިސްނެގުމަށް ތާއީދުކޮށްފަ

ޔަމަނުގެ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރުމާއި، ފާރިސީ ކަނޑުއޮޅީގައިވާ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ދެމެދު އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސް، މި ދެ ހާލަތުގެ މެދުގައި ބޮޑެތި ތަފާތުތަކެއް ވެސް އެބަހުރި | އޭޕީ ފޮޓޯ
ސަރަހައްދީ މަސްރަހު ނުތަނަވަސްވެ، މުހިންމު ކަނޑުގެ މަގުތަކަށް ދޭ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ކޯލިޝަނެއް އުފެއްދުމަށް ނިންމާފައިވާކަން ސައުދީ އަރަބިއްޔާއިން ބުރާސްފަތި ދުވަހު އިއުލާންކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޑިފެންސުން ހާމަކުރި ގޮތުގައި، މި އިސްނެގުން އިއުލާންކޮށްފައިވަނީ އެ ގައުމުން އިސްނަގައިގެން ބޭއްވި ބައްދަލުވުމަކަށްފަހުގަ އެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ 43 ގައުމެއްގެ މަންދޫބުންނާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބައިވެރިވެފައިވެ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، އަލަށް އުފައްދާ މި ކޯލިޝަނުގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގުވާމީ ކަނޑުގެ މަގުތަކާއި، ދަތުރުފަތުރުގެ މިނިވަންކަމާއި، ދުނިޔޭގެ ވިޔަފާރި ހިމާޔަތްކުރުމެވެ. މިގޮތުން ރެޑް ސީ (ރަތް ކަނޑު) އާއި، ބާބުލް މަންދަބް ކަނޑުއޮޅީގެ އިތުރުން ގަލްފް އޮފް އަދަންގެ ސަލާމަތީ ކަންކަމަށް މި ކޯލިޝަނުން ހާއްސަ ސަމާލުކަމެއް ދޭނެ އެވެ.
މި ކޯލިޝަން އުފެއްދުމަށް ތާއީދުކޮށް ނެރުނު ގުޅިފައިވާ ބަޔާނުގައި ސޮއިކުރި ގައުމުތަކުގެ ތެރޭގައި ކުވެއިތު، ގަތަރު، ތުރުކީ، ޕާކިސްތާން، އުރުދުން، މިސްރު، ސޫދާން، ސޯމާލިއާ އަދި ޖިބޫތީ ހިމެނެ އެވެ.










