ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި
4 އޯގަސްޓު 2026 | އަންގާރަ 12:40ޣައްޒާގައި ހުރި ހުރިހާ ހަތިޔާރެއް ނައްތާލުމުން ނޫނީ އިސްރާއީލު ސިފައިން އެ ސަރަހައްދުން ފޭބުމުގެ ކަންކަން ކުރިއަށް ނުދާނެ ކަމަށް "ބޯޑް އޮފް ޕީސް" އިން ބުނެފި. މި އެއްބަސްވުމާ މެދު އިސްރާއީލުގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، ހަމާސްއިން ބުނެފައިވަނީ އިސްރާއީލުން އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާނަމަ އެ ޖަމާއަތުން ވެސް މިކަން ތަންފީޒު ނުކުރާނެ ކަމަށް

ބޯޑް އޮފް ޕީސްގެ ޑިރެކްޓަރ ޖެނެރަލް ނިކޮލާއި މިލަޑެނޯވް | އޭޕީ
އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ "ބޯޑް އޮފް ޕީސް" ގެ ޑިރެކްޓަރު ނިކޮލާއި މިލަޑެނޯވް އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައްދަލުކުރެއްވުމަށްފަހު، އެ ބޯޑުން ބުނެފައިވަނީ ހަމާސްގެ ހަތިޔާރު އެއްކޮށް އަތުލައި ނިމުމުން ނޫނީ އިސްރާއީލު ސިފައިން ޣައްޒާ އިން ފޭބުމުގެ ކަންކަން ކުރިއަށް ނުދާނެ ކަމަށެވެ.
ހުޅަނގު ގުދުސްގައި ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމަކީ، މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރެއްވި އެއްބަސްވުމާ މެދު އިސްރާއީލުގެ ސިޔާސީ ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ބޭއްވި ބައްދަލުވުމެކެވެ. އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައަށްފަހު ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް ޓްރަމްޕް ޖެނުއަރީ މަހު އުފެއްދެވި ބޯޑް އޮފް ޕީސް އިން ބުނީ، ފެތުރެމުންދާ ދޮގު ޚަބަރުތަކާ ޚިލާފަށް، އިސްރާއީލު ސިފައިން "ޔެލޯ ލައިން" ނުވަތަ ރީނދޫ ރޮނގުން ބޭރަށް ޖެހޭނީ މެދުވެރިންގެ ކުރިމަތީގައި ހަމާސްއިން އެއްބަސްވެފައިވާ ގޮތަށް، އެ ޖަމާއަތުގެ ހަތިޔާރުތައް އެއްކޮށް ނައްތާލުމުން ކަމަށެވެ. މީގެ ތެރޭގައި ކުދި ހަތިޔާރާއި، ބޮޑެތި ހަތިޔާރުގެ އިތުރުން ބިންގަރާސްތައް ވެސް ހިމެނޭ ކަމަށް އެ ބޯޑުން ބުންޏެވެ.
"ޔެލޯ ލައިން" އަކީ ޣައްޒާގެ ތެރޭގައި އިސްރާއީލުގެ ސިފައިން މިހާރު ތިބި ސަރަހައްދުތައް ވަކިކުރުމަށް ބޭނުންކުރާ ނަމެކެވެ.
މި ބައްދަލުވުމަށްފަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބޯޑް އޮފް ޕީސް އިން ބުނެފައިވަނީ، އަމާޒަކީ ސާފު އަދި ބަދަލުނުވާނެ އަމާޒެއް ކަމަށާއި، އެއީ ޣައްޒާގައި ހުރި ހުރިހާ ހަތިޔާރެއް ނައްތާލައި، ހަތިޔާރުގެ ބާރުގައި ކުރާ ވެރިކަން މަދަނީ ވެރިކަމަކަށް ބަދަލުކުރުން ކަމަށެވެ.
މިކަމާ ގުޅިގެން ހަމާސްއިން ބުނެފައިވަނީ، އިސްރާއީލުން އެއްބަސްވުމުގެ އެމީހުންގެ ބައި ފުރިހަމައަށް ތަންފީޒު ނުކުރާނަމަ، މި އެއްބަސްވުމަށް އަމަލު ނުކުރާނެ ކަމަށެވެ.
މި ބައްދަލުވުމުގެ މައުލޫމާތު އެނގޭ ދެ ފަރާތަކުން އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، މިލަޑެނޯވް ވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ނަތަންޔާހޫގެ ކިބައިން އެދިވަޑައިގެންފަ އެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު "ސީޒްފަޔަރ" ނުވަތަ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ދަނީ އެކަމަށް އިންކާރު ކުރަމުންނެވެ. އެ އެއްބަސްވުމަށްފަހު ވެސް އިސްރާއީލުން ވަނީ 1،200 އަށްވުރެ ގިނަ ފަލަސްތީނު މީހުން މަރާލާފަ އެވެ. އޭގެ ތެރޭގައި ހަތިޔާރު އަތުލުމުގެ އެއްބަސްވުން އިޢުލާނު ކުރި ފަހުން މަރާލި 36 މީހުން ވެސް ހިމެނެ އެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ފެށި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މިހާތަނަށް ޣައްޒާއިން 73،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ މަރާލާފަ އެވެ.
މި ބައްދަލުވުމުގެ ކުރިން ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ، އާންމުކޮށްފައިވާ އެއްބަސްވުމުގެ ކޮޕީގައި އިސްރާއީލުގެ ނިންމުންތައް ރަނގަޅަށް ހިމަނާފައި ނުވާ ކަމަށާއި، އެކަމާ ގުޅޭ ކަންބޮޑުވުންތައް އެމެރިކާއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރުގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ހަރުކަށި ފިކުރުގެ މެންބަރުން ވަނީ މި އެއްބަސްވުމާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް ކުރިން ވެސް ދީފަ އެވެ.
އެގޮތުން ފިނޭންސް މިނިސްޓަރު ބެޒަލްލް ސްމޮޓްރިޗް ވިދާޅުވީ، މި އެއްބަސްވުމަކީ އިސްރާއީލު ސަރުކާރުން ކުރިން ފާސްކުރި އެއްބަސްވުމާ "މުޅިން ތަފާތު" އެއްޗެއް ކަމަށާއި، އެހެންކަމުން ވަގުތުން ވަގުތަށް އާ ވޯޓެއް ނަގަން ޖެހޭ ކަމަށެވެ.
އިސްރާއީލަކީ ތަކުރާރުކޮށް އެއްބަސްވުންތަކާ ޚިލާފުވަމުންދާ އަދި މަޝްވަރާތަކުގައި ދޫދޭން ބޭނުންނުވާ ގައުމެއްގެ ގޮތުގައި ވަނީ ތުހުމަތު ކުރެވިފަ އެވެ. މި އެއްބަސްވުން ކާމިޔާބު ކުރުމަށް ޓްރަމްޕް ބާރުއަޅުއްވަމުން ގެންދެވި ނަމަވެސް، ކުރިއަށް އޮތް އިސްރާއީލުގެ އިންތިޚާބާ ދިމާކޮށް، ޣައްޒާގައި ފުރިހަމަ ކާމިޔާބީއެއް ހޯދާފައިވާކަން ސަރުކާރުގެ ސަޕޯޓަރުންނަށް ދެއްކުމަށް ނަތަންޔާހޫގެ ސަރުކާރަށް ވަނީ މަޖުބޫރުވެފަ އެވެ.
މިދިޔަ ބަންދު ދުވަސްތަކުގައި ދިން ހަމަލާތަކަށް މިލަޑެނޯވް ވަނީ ފާޑުވިދާޅުވެފަ އެވެ. ނަމަވެސް އޭނާ ސީދާ އިސްރާއީލުގެ ނަން ވިދާޅެއް ނުވެ އެވެ. އޭނާ ލިޔުއްވާފައިވަނީ ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް، އެންމެން އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްފިނަމަ އެއީ ހާސިލުކުރެވޭނެ ކަމެއް ކަމަށެވެ.
ހަތިޔާރު އަތުލުމުގެ އެއްބަސްވުމުގައި މެދުވެރިންގެ ދައުރު އަދާކުރި މިސްރު، ގަތަރު އަދި ތުރުކީވިލާތުން ގުޅިގެން ނެރުނު ބަޔާނެއްގައި، އިސްރާއީލުން އާންމުންނަށާއި ސިއްހީ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ބުނެފައިވެ އެވެ.
ހަމާސްއިން ބުނެފައިވަނީ، އެ ޖަމާއަތާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން ވެސް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ދެވަނަ މަރުހަލާ ފުރިހަމަކުރުމަށް ތައްޔާރަށް ތިބި ކަމަށާއި، މިހާރު އިންތިޒާރު ކުރަމުންދަނީ މިލަޑެނޯވް އާއި މެދުވެރިންގެ ފަރާތުން ލިބޭނެ ރަސްމީ އަދި ސާފު ޖަވާބަކަށް ކަމަށެވެ.










