މެކްސިކޯގައި ލައިވްސްޓްރީމް ކުރަމުން ދަނިކޮށް ބަޑިޖަހައި ސޯޝަލް މީޑިއާ އިންފްލުއެންސަރަކު މަރާލައިފި
5 އޯގަސްޓު 2026 | ބުދަ 14:48މެކްސިކޯގެ ސިނަލޯއާ ސްޓޭޓްގައި ކުށްކުރާ ގްރޫޕްތަކުގެ މެދުގައި ބާރުގަދަ ކުރުމަށް ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން ސަލާމަތީ ނުރައްކާތެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. މި ހަމަލާތަކުގައި މީގެ ކުރިންވެސް ސޯޝަލް މީޑިއާ އިންފްލުއެންސަރުން މަރާލާފައިވާއިރު، މިފަދަ ޖަރީމާތައް ހިންގާ ކާޓެލްތަކުގެ އިސްވެރިން ހޯދުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުން

ސީޒާ ގަސްޓެލަމްގެ އިންސްޓަގްރާމް ޕޭޖުގައި އާންމުކޮށްފައިވާ އޭނާގެ ފޮޓޯއެއް | އިންސްޓަގްރާމް
މެކްސިކޯގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ކުލިއާކާންގައި ހުންނަ ފާސްޓް ފުޑް ރެސްޓޯރެންޓެއްގެ ބޭރުގައި ރައްޓެހިންނާއެކު ލައިވްސްޓްރީމް ކުރަމުން ދަނިކޮށް، ސޯޝަލް މީޑިއާ އިންފްލުއެންސަރެއް ކަމަށްވާ ސީޒާ ގަސްޓެލަމް އަންގާރަ ދުވަހު ބަޑިޖަހައި މަރާލާފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
ޓިކްޓޮކްގައި ގާތްގަނޑަކަށް 600،000 ފޮލޯވަރުން ތިބޭ އަދި މަޖާ ވީޑިއޯތަކަށް މަޝްހޫރު ގަސްޓެލަމް، ރެސްޓޯރެންޓެއްގެ ބޭރުގައި ލައިވް ކުރަމުން ދަނިކޮށް، ހެލްމެޓް އަޅައިގެން ސައިކަލެއްގައި އައި ދެ މީހަކު އޭނާއާއި އޭނާގެ ރައްޓެހިންގެ ކައިރިއަށް މަޑުކުރި އެވެ. ރޮއިޓާސްއަށް ފެނިފައިވާ އެ ލައިވްސްޓްރީމްގެ ރެކޯޑިންއިން ފެންނަ ގޮތުގައި، ސައިކަލު ދުއްވަން އިން މީހާ ވަނީ ސީދާ ގަސްޓެލަމްގެ ގަޔަށް ބަޑިޖަހާފަ އެވެ.
ހެލްމެޓު އަޅައިގެން ސައިކަލު ދުއްވަން އިން މީހާ ވަނީ ސީދާ ގަސްޓެލަމްގެ ގަޔަށް ބަޑިޖަހާފަ
ސިނަލޯއާ ސްޓޭޓްގެ ސެކިއުރިޓީ އޮފިޝަލަކު ވަނީ ގަސްޓެލަމް މަރުވިކަން ކަށަވަރުކޮށްދީ، އެ ސަރަހައްދުގައި ސަލާމަތީ ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށް ބުނެފަ އެވެ.
މި ހާދިސާ ހިނގާފައިވަނީ ސިނަލޯއާގެ ވެރިރަށް ކުލިއާކާންގައި ކުށްކުރާ ގްރޫޕްތަކުގެ މެދުގައި ބާރުގަދަ ކުރުމަށް ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން ސަލާމަތީ ނުރައްކާތެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މި ބަޑިޖެހުމުގެ ހާދިސާއާއެކު، 2025 ވަނަ އަހަރުގެ މެއި މަހު މެކްސިކޯގެ ބިއުޓީ އިންފްލުއެންސަރެއް ކަމަށްވާ ވެލެރިއާ މާކޭޒް މަރާލި ހާދިސާގެ ހަނދާންތައް ވަނީ އާވެފަ އެވެ. ހުޅަނގުގެ ޖަލިސްކޯ ސްޓޭޓްގެ ޒަޕޯޕަންގައި ހުންނަ އޭނާ މަސައްކަތްކުރާ ސެލޫންގައި ޓިކްޓޮކް ލައިވްއެއް ކުރަމުން ދަނިކޮށް، އުމުރުން 23 އަހަރުގެ މާކޭޒް ގަޔަށް ބަޑިޖަހައި މަރާލީ ސެލޫން ތެރެއަށް މީހަކު ވަދެ ހަމަލާދީގެން ކަމަށް ޕްރޮސެކިއުޓަރުން ބުނެ އެވެ. އޭނާގެ މަރުގެ މައްސަލަ ތަހުގީގުކޮށްފައިވަނީ އަންހެނަކަށް ވީތީ ގަސްދުގައި މަރާލުމުގެ (ފެމިސައިޑް) ޕްރޮޓޯކޯލްތަކުގެ ދަށުންނެވެ.
މިދިޔަ ޖުލައި މަހު މެކްސިކޯގެ ކަމާބެހޭ ފަރާތްތަކުން ވަނީ "އެލް އާރް-1" ގެ ނަމުން މަޝްހޫރު ރާމޮން އެންޖެލް އަލްވަރޭޒް އަޔާލާ ޖަލިސްކޯއިން ހައްޔަރުކޮށްފަ އެވެ. ސެކިއުރިޓީ މިނިސްޓަރު އޮމާރު ގާސިއާ ހަރްފޫޗް ވިދާޅުވި ގޮތުގައި އޭނާއަކީ "ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލް" (ސީ.ޖޭ.އެން.ޖީ) އާ ގުޅުން އޮންނަ ކުށްކުރާ ގްރޫޕެއްގެ އިސްވެރިޔާ އެވެ. ކަމާބެހޭ އިދާރާތަކުން ވަނީ މާކޭޒް މަރާލުމުގައި އަޔާލާގެ އަތެއްވާ ކަމަށް ތުހުމަތުކޮށްފަ އެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު އުރުއާޕަންގެ މޭޔަރު ކާލޯސް މަންޒޯ މަރާލުމަށް އަމުރުކޮށް، އެކަމަށް ފައިސާ ޚަރަދުކުރި ކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.










