އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަ
1 އޯގަސްޓު 2026 | ހޮނިހިރު 14:22މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާއިރު، މީގެ ތެރޭގައި އެންމެ ގިނައީ ވައްކަމާއި މަގުމަތީގެ އެކްސިޑެންޓްތަކުގެ މައްސަލަތައް. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުމްލަ 7،349 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މީގެ ތެރޭގައި މަސްތުވާތަކެއްޗާއި މާރާމާރީގެ އިތުރުން ގެވެށި އަނިޔާ، މުދަލަށް ގެއްލުން ދިނުމާއި، ޖިންސީކުށް ފަދަ މައްސަލަތައް ހިމެނޭ

ފުލުސް އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން ހަރަކާތްތެރިވަނީ | ގެޓީ އިމޭޖަސް
މި އަހަރުގެ މިހާތަށް އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަކަން ތަފާސް ހިސާބުން ހާމަވެއްޖެ އެވެ.
ޖުލައި މަހުގެ ނިޔަލަށް 7000ށް ވުރެ ގިނަ މައްސަލަ ހުށަހެޅި އިރު އޭގެ ތެރޭގައި 2،054 ވައްކަމުގެ މައްސަލަ ހިމެނެ އެވެ.
މިދިޔައަހަރުގެ ޖުލައިމަހުގެ ނިޔަަލަށް 6720 މައްސަލަ ހުށަހަޅާފައިވާއިރު މި އަހަރު މި މުއްދަތުގައި ހުށަހެޅި މައްސަލައިގެ އަދަދު އިތުރުވެ 7349ށް ވަނީ އަރާފަ އެވެ.
ވައްކަމުގެ މައްސަލަތަކަށް ފަހު، ދެން އެންމެ ގިނައިން ހުށަހަޅަފައިވަނީ މަގުމަތީގެ އެކްސިޑެންޓުގެ މައްސަލަ އެވެ. އެ ގޮތުން ޖުލައި މަހުގެ ނިޔަލަށް 1،083 އެކްސިޑެންޓް މައްސަލަ ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗާ ގުޅޭ 1,487 މައްސަލަ، އެއްޗެތި ގެއްލިގެން 605 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 377 މައްސަލަ، މާރާމާރީގެ 395 މައްސަލަ، ގެވެށި އަނިޔާގެ 197 މައްސަލަ، ޖިންސީ ކުށުގެ 152 މައްސަލަ، ފޭރުމުގެ 93 މައްސަލަ، ޚިޔާނަތުގެ 156 މައްސަލަ، ފޯޖް ކުރުމުގެ 29 މައްސަލަ އަދި އެކައުންޓްގައި ފައިސާނެތި ޗެކްދޫކުރުމުގެ 1 މައްސަލަ ހުށަހަޅާފައިވެ އެވެ.











