ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން
ވޯލްޑް ކަޕް ފުޅާކުރުމާއެކު ފީފާއާއި ބްރޯޑްކާސްޓަރުންނަށް ބިލިއަނުން އާމްދަނީ ލިބުނު ނަމަވެސް، ޓިކެޓާއި ދަތުރުފަތުރުގެ އަގުތައް އުފުލުމުން ސަޕޯޓަރުންނަށް ވަނީ މާލީ ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހިފައި. މުބާރާތް ބާއްވާ ސިޓީތަކާއި ހޮޓާތަކަށް އުންމީދުކުރި ވަރުގެ އިގްތިސާދީ ފައިދާއެއް ނުލިބޭއިރު، މިއީ ބެޓްކުރާ ކުންފުނިތަކަށް މާލީ ގޮތުން އެންމެ ކާމިޔާބު މުބާރާތަށް ވާނެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ގެޓީ އިމޭޖަސް
މި ފަހަރުގެ ވޯލްޑް ކަޕަކީ މީގެ ކުރިން ބޭއްވި އެއްވެސް މުބާރާތަކަށް ވުރެ ފޯރިގަދަ އަދި ގިނަ ޓީމުތައް ބައިވެރިވި ފުޅާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ އަދަދު އިތުރުވެ، މެޗުތައް ގިނަވުމަކީ މުބާރާތް ބަލާ މީހުންގެ އަދަދު އިތުރުވެ، މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ހޯދުމަށް ލިބުނު ފުރުސަތެކެވެ.
ދުނިޔޭގެ ފުޓްބޯޅަ ތަރިން ދަނޑުމަތީގައި ތާރީޚީ ކާމިޔާބީތައް ހޯދަމުންދާއިރު، ދަނޑުން ބޭރުގައި ބިލިއަނުން ޑޮލަރުގެ އާމްދަނީ ދަނީ އުފެދެމުންނެވެ.
ނަމަވެސް، މި މާލީ މަންފާގެ ތެރެއިން ބޮޑު ފައިދާއެއް އެންމެނަކަށް ނުލިބެ އެވެ. މީގެ ތެރޭގައި މާލީ ގޮތުން ބޮޑެތި ކުރިއެރުންތައް ހޯދި ފަރާތްތަކާއި ގެއްލުންވި ފަރާތްތައް ވެސް ހިމެނެ އެވެ.
ފީފާ - ބޮޑު ފައިދާއެއްގައި
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވޯލްޑް ކަޕުން ލިބޭ އާމްދަނީއަކީ އާދަޔާ ހިލާފު ބޮޑު އަދަދެކެވެ. ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުން ފީފާއަށް ރެކޯޑް އަދަދެއް ކަމަށްވާ 7.6 ބިލިއަން ޑޮލަރު (5.6 ބިލިއަން ޕައުންޑް) ލިބިފައިވާއިރު، އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ 2026 ގެ މުބާރާތުން އެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ. ހާއްސަކޮށް 48 ޓީމަށް މުބާރާތް ފުޅާކުރުމަކީ މި އާމްދަނީ އިތުރުވާނެ މައިގަނޑު ސަބަބެވެ.
ޑޮއިޗް ބޭންކް ރިސާޗްގެ ސީނިއާ ސްޓްރެޓެޖިސްޓް މެރިއަން ލެބޯ ފާހަގަކުރައްވާ ގޮތުގައި، ހަތަރު އަހަރުގެ މި ދައުރުގެ ތެރޭގައި ފީފާގެ އާމްދަނީ 13 ބިލިއަން ޑޮލަރާ ގާތްކުރާއިރު، މުބާރާތުގެ އެންމެ ބޮޑު މާލީ "ކާމިޔާބީ" ހޯދި ފަރާތަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ފީފާ އެވެ.
ފީފާއަށް އާމްދަނީ ލިބެނީ ބްރޯޑްކާސްޓިން ރައިޓްސް ނުވަތަ މެޗުތައް ދެއްކުމުގެ ހުއްދަ ވިއްކައިގެންނާއި، ލައިސެންސިން، ހޮސްޕިޓާލިޓީ، ސްޕޮންސަރޝިޕް ޑީލްތަކުގެ އިތުރުން ޓިކެޓް ވިއްކައިގެންނެވެ.
ލެބޯ އިތުރަށް ވިދާޅުވި ގޮތުގައި، ފީފާގެ ރަސްމީ "ރީސޭލް މާކެޓްޕްލޭސް" މެދުވެރިކޮށް ޓިކެޓް އަލުން ވިއްކާ ބާޒާރަށް ވަދެ، ޓިކެޓް ގަންނަ މީހާގެ އަތުންނާއި ވިއްކާ މީހާގެ އަތުން 15 އިންސައްތައިގެ ފީއެއް ފީފާއިން ނަގަ އެވެ.
ކުރިއަށް އޮތް މުބާރާތްތަކުގައި މިއަށްވުރެ ވެސް ބޮޑު އާމްދަނީއެއް ފީފާއިން ހޯދާނެ ކަމަށް ބެލެވެ އެވެ. އެއީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު 64 އަށް އިތުރުކުރުމަށް ފީފާއިން ވިސްނަމުންދާތީ އެވެ. މި ބަދަލާއެކު ޗައިނާ އާއި އިންޑިއާ ފަދަ ބޮޑެތި ގައުމުތައް މުބާރާތަށް އައުމުން، ބިލިއަނުން ބެލުންތެރިން އިތުރުވެގެންދާނެ އެވެ.
ސަޕޯޓަރުން - މާލީ ގޮތުން ބޮޑު ތަކުލީފެއްގައި
ސަޕޯޓަރުންގެ އުމުރު ދުވަހުގެ ހުވަފެންތައް މި މުބާރާތާއެކު ހަގީގަތަކަށް ވީ ނަމަވެސް، މާލީ ގޮތުން ބަލާއިރު މިއީ އެމީހުންނަށް ވަރަށް ދަތި މުބާރާތެކެވެ.
ޓިކެޓް ގަތުމަށް ކުރަންޖެހޭ ބޮޑު ހޭދައާއި، ޑިމާންޑް ބޮޑުވާ ވަގުތު ޓިކެޓްގެ އަގު އުފުލޭ ގޮތަށް ފީފާއިން ގެންގުޅޭ "ޑައިނަމިކް ޕްރައިސިން" ސިޔާސަތަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ، އެމެރިކާ އާއި ޕަރަގުއޭ ބައްދަލުކުރާ ފުރަތަމަ މެޗުގެ ޓިކެޓެއްގެ އަގު 1,000 ޑޮލަރަށް އަރާފާނެތީ، އެވަރުގެ އަގަކަށް ޓިކެޓް "ނުގަންނާނެ" ކަމަށް ވިދާޅުވެފަ އެވެ.
ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗުގެ ޓިކެޓެއްގެ ރަސްމީ އަގު 32,970 ޑޮލަރަށް ހުރިއިރު، ބައެއް ރީސޭލް މާކެޓްތަކުގައި ޓިކެޓްގެ އަގު 2 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވެ އެވެ. ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ޓިކެޓްގެ އަގުތައް ދިފާއުކުރައްވައި، އެއީ އެމެރިކާގެ އެހެން ކުޅިވަރު ހަރަކާތްތަކުގެ އަގުތަކާ އެއްވަރުގެ އަގުތަކެއް ކަމަށް ވިދާޅުވެފަ އެވެ.
ޓިކެޓްގެ އިތުރުން، ވައިގެ ދަތުރުފަތުރާއި، ކާބޯތަކެއްޗާއި، ހުރުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ތަކުލީފު ވެސް ސަޕޯޓަރުން އުފުލަން ޖެހުނެވެ.
މީގެ އެއް މިސާލަކީ ނިއު ޖާޒީ ޓްރާންސިޓް ރޭލުގެ ޓިކެޓަށް އައި ބޮޑު ބަދަލެވެ. މެޓްލައިފް ސްޓޭޑިއަމަށް ދިއުމަށް ކުރާ 30 މިނެޓުގެ ދަތުރަށް އާންމުކޮށް ނަގާ 12.90 ޑޮލަރުގެ ބަދަލުގައި، މުބާރާތާ ދިމާކޮށް އެ އަގު ވަނީ 150 ޑޮލަރަށް އުފުލާފައެވެ. އާންމުންގެ ޝަކުވާތަކާ ގުޅިގެން ފަހުން އަގު ކުޑަކުރި ނަމަވެސް، އަދިވެސް އެއީ އާންމު އަގަށް ވުރެ މަތީ އަދަދެކެވެ.
ބްރޯޑްކާސްޓަރުންނާއި ސްޕޮންސަރުން - ބޮޑު ފައިދާއެއްގައި
މުބާރާތް ދެއްކުމުގެ ހުއްދަ ހޯދުމަށް ބްރޯޑްކާސްޓަރުން ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް، މުބާރާތް ބަލާ މީހުންގެ އަދަދު ގިނަވުމާއި އިޝްތިހާރު ކުރަން ބޭނުންވާ ސްޕޮންސަރުން ގިނަވުމުގެ ސަބަބުން، އެ ފަރާތްތަކަށް ވެސް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ފީފާއިން ވަނީ "ހައިޑްރޭޝަން ބްރޭކް" ނުވަތަ ފެން ބުއިމަށް މެޗު މެދުކަނޑާލާ ވަގުތުތަކެއް ތައާރަފުކޮށްފަ އެވެ. އިންފަންޓީނޯ ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި ކުޅުންތެރިންގެ ސަލާމަތަށް ނިންމި ނިންމުމެކެވެ.
ނަމަވެސް، ކުޅުންތެރިން ފެން ބުއިމަށް ލިބޭ މި 90 ސިކުންތަކީ ބްރޯޑްކާސްޓަރުންނާއި ސްޕޮންސަރުންނަށް ލިބުނު ރަނގަޅު ވިޔަފާރި ފުރުސަތެކެވެ. ހާއްސަކޮށް، ކުޅިވަރުގެ މެދުތެރެއިން އިޝްތިހާރު ބަލަން އާދަވެފައިވާ އެމެރިކާގެ ބެލުންތެރިންނަށް މިއީ އާ ކަމެއް ނޫނެވެ.
އެމެރިކާގައި މުބާރާތް ދެއްކުމުގެ ހުއްދަ 485 މިލިއަން ޑޮލަރަށް ގަތް ފޮކްސް ސްޕޯޓްސް އިން ވަނީ، މި ހައިޑްރޭޝަން ބްރޭކްތަކަކީ ވަކި ބްރޭންޑަކުން "ސްޕޮންސަރ" ކޮށްފައިވާ ވަގުތުކޮޅެއްގެ ގޮތުގައި ބޭނުންކުރަން ފަށާފަ އެވެ.
މާހިރުން ލަފާކުރާ ގޮތުގައި ފޮކްސް ޗެނަލުން ވޯލްޑް ކަޕްގެ 30 ސިކުންތުގެ އިޝްތިހާރެއްގެ އަގު އުޅެނީ 200,000 އާއި 300,000 ޑޮލަރާ ދެމެދުގަ އެވެ. އަދި އެމެރިކާ ކުޅޭ މުހިންމު މެޗުތަކުގައި މި އަގު 750,000 ޑޮލަރަށް ވެސް އުފުލުނެވެ.
މީގެ މާނައަކީ ހަމައެކަނި އެމެރިކާގައި ވެސް ހައިޑްރޭޝަން ބްރޭކްގެ އިޝްތިހާރުތަކުން 250 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިދާނެ ކަމެވެ. އެހެންކަމުން މި ބްރޭކްތައް ކުރިއަށް އޮތް ތަނުގައި ވެސް ދެމިއޮންނާނެ ކަމަށް ބެލެވެ އެވެ.
ޑޮއިޗް ބޭންކްގެ ލެބޯ ވިދާޅުވި ގޮތުގައި، ހައިޑްރޭޝަން ބްރޭކްތަކަކީ ސީދާ އިޝްތިހާރު ކުރުމަށް އުފައްދާފައިވާ ވަގުތުތަކެކެވެ. އަދި ފީފާގެ މިހާރުގެ ވިޔަފާރި މޮޑެލް ބިނާވެފައިވަނީ މުބާރާތް ފުޅާކުރުމުގެ މައްޗަށް ކަމަށްވާތީ، މިކަންކަން ބަދަލުވުމަކީ ނާދިރު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އިނގިރޭސިވިލާތުގެ ބީބީސީ ނުވަތަ އައިޓީވީން މެޗުތައް ބަލާ ސަޕޯޓަރުންނަށް މި އިޝްތިހާރުތަކުގެ އަސަރެއް ނުކުރެ އެވެ. އެއީ ބީބީސީން އެއްވެސް އިޝްތިހާރެއް ބޭނުން ނުކުރާތީއާއި، އައިޓީވީން ވެސް ގަވާއިދުތަކާ އެއްގޮތަށް އިޝްތިހާރު ދައްކާ ވަގުތު ކޮންޓްރޯލް ކުރާތީ އެވެ.
ވޯލްޑް ކަޕްގެ ރަސްމީ ސްޕޮންސަރުން ކަމަށްވާ އެޑިޑާސް އާއި ކޯކާކޯލާ ފަދަ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފައިސާ ދެއްކި ނަމަވެސް، މުބާރާތުގެ ސަބަބުން އެ ފަރާތްތަކަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބެ އެވެ.
ޖަރުމަނުގެ އެޑިޑާސް އާއި ނައިކީއާ ދެމެދު އޮތް ވާދަވެރިކަމުގެ ތެރެއިން، އެޑިޑާސް އިން ވަނީ ލަމީން ޔަމާލް، ޖޫޑް ބެލިންހަމް އަދި ލިއޮނަލް މެސީ ހިމަނައިގެން ތައްޔާރުކުރި އިޝްތިހާރަށް އެކަނި ވެސް 50 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ.
އަނެއްކޮޅުން، ރަސްމީ ސްޕޮންސަރުން ނޫން ބައެއް ބްރޭންޑްތަކަށް ފީފާގެ ހަރުކަށި ގަވާއިދުތަކުގެ ސަބަބުން ހުރަސްތައް ކުރިމަތިވިއެވެ. މިސާލަކަށް ސެން ފްރެންސިސްކޯގެ "ލީވައިސް ސްޓޭޑިއަމް" ގެ ބޭރުގައި ހުރި ލީވައިސްގެ ލޯގޯ ވަނީ ފީފާގެ އެންގުމަށް ނިވާކޮށްފަ އެވެ.
ޑޭވިޑް ބެކަމް - ބޮޑު ފައިދާއެއްގައި
އެޑިޑާސްގެ މައިގަނޑު އިޝްތިހާރުގައި އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން ސަރ ޑޭވިޑް ބެކަމް ވެސް ފެނިގެންދެ އެވެ.
އިނގިރޭސިވިލާތުގެ ފުރަތަމަ ބިލިއަނަރު ކުޅިވަރު ތަރި ބެކަމް ވަނީ ހޯމް ޑީޕޯ އިން ފެށިގެން ބޭންކް އޮފް އެމެރިކާއާ ހަމައަށް ގިނަ އަދަދެއްގެ އިޝްތިހާރުތަކުން ފެނިފަ އެވެ.
ކުޅުން ހުއްޓާލިތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، ބެކަމް އަކީ އަދިވެސް އެމެރިކާ ފުޓްބޯޅައިގެ މޫނުމައްޗެވެ. އޭނާގެ ހިއްސާ އޮންނަ އިންޓަ މިއާމީ ކްލަބަކީ 1.45 ބިލިއަން ޑޮލަރުގެ އަގުހުރި، އެމެރިކާ ލީގުގެ އެންމެ އަގުބޮޑު ކްލަބެވެ.
ދަނޑުމަތީގައި ވޯލްޑް ކަޕެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ވިޔަފާރީގެ ދާއިރާއިން ބެކަމް ވަނީ މި މުބާރާތުގެ އެންމެ ބޮޑު އެއް ކާމިޔާބީ ހޯދާފައެވެ.
މުބާރާތް ބާއްވާ ސިޓީތައް - މާލީ ގޮތުން ގެއްލުމުގައި
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގެ 16 ސިޓީއަކަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ޒިޔާރަތްކޮށް، ހޮޓާތަކާއި ކުދި ވިޔަފާރިތަކަށް ވަގުތީ ކުރިއެރުމެއް ލިބުނެވެ.
ނަމަވެސް، މާހިރުން ބުނާ ގޮތުގައި ދިގު މުއްދަތަށް ބަލާއިރު މީގެ އިގްތިސާދީ ފައިދާއަކީ ވަރަށް ކުޑަ އެއްޗެކެވެ.
ފީފާއިން ލަފާކުރި ގޮތުގައި ދުނިޔޭގެ އިގްތިސާދަށް 41 ބިލިއަން ޑޮލަރު މި މުބާރާތުން އިތުރުވާނެ އެވެ. އޭގެ ތެރެއިން 17 ބިލިއަން ޑޮލަރު ހަމައެކަނި އެމެރިކާގެ އިގްތިސާދަށް ވަންނާނެ ކަމަށާއި، 185,000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރި އެވެ.
އެކަމަކު އޮކްސްފޯޑް ޔުނިވަރސިޓީގެ އެލެގްޒެންޑަރ ބުޑްޒިއަރ ވިދާޅުވާ ގޮތުގައި، މިފަދަ ބޮޑެތި ކުޅިވަރު ހަރަކާތްތަކުން ލިބޭނެ ކަމަށް ބުނާ ދިގު މުއްދަތުގެ އިގްތިސާދީ ފައިދާއެއް ހަގީގަތުގައި ނުފެނެ އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މުބާރާތް ބާއްވާ ސިޓީތަކަށް އާންމުކޮށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މުބާރާތުގެ ދުވަސްވަރު ދަށަށް ދެއެވެ. އެއީ މުބާރާތުގެ ތޮއްޖެހުމުން ސަލާމަތްވުމަށް ގިނަ ބަޔަކު ބޭނުންވާތީ އެވެ.
އަދި އުފެދޭ ވަޒީފާތަކަކީ ވެސް ހޮސްޕިޓާލިޓީ ދާއިރާގެ އުޖޫރަ ކުޑަ ވަޒީފާތަކެއް ކަމަށާއި، މީގެ ސަބަބުން މުޖުތަމައަށް ދާއިމީ މުއްސަނދިކަމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހު އެމެރިކާގެ ރެސްޓޯރަންޓްތަކާއި ބާ ތަކަށް މީހުން އިތުރުވި ނަމަވެސް، އެ ކުރިއެރުން ދެމިއޮތީ ވަރަށް ކުރު މުއްދަތަކަށެވެ.
ބުޑްޒިއަރ ގަބޫލުކުރައްވާ ގޮތުގައި، މިފަދަ މުބާރާތަކުން ލިބޭނެ ހަމައެކަނި ފައިދާއަކީ އާ އުމްރާނީ ވަސީލަތްތައް ބިނާކުރުމެވެ. ނަމަވެސް މި ފަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރަނީ ކުރިންވެސް ހުރި ސްޓޭޑިއަމްތަކާއި ހޮޓާތައް ކަމަށްވާތީ، އުމްރާނީ ތަރައްގީގެ އެއްވެސް ފައިދާއެއް ނުލިބޭނެ އެވެ.
ހޮޓާތައް - ގެއްލުމުގައި
ހޮޓާތަކުގެ ރޫމްތަކަށް އޮންނާނެ ކަމަށް ބެލެވުނު ޑިމާންޑް ހަގީގަތަކަށް ނުވި އެވެ. މުބާރާތް ބާއްވާ ސިޓީތަކުގެ ހޮޓާތަކަށް މިދިޔަ އަހަރަށް ވުރެ ބުކިންގްސް މަދު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބްރިޓިޝް ކޮލަމްބިއާ ހޮޓެލް އެސޯސިއޭޝަނުން ބުނި ގޮތުގައި، ވެންކޫވަރުގައި ހަތް މެޗު ކުޅުނު ނަމަވެސް، ޖޫން އަދި ޖުލައި މަހުގެ ބުކިންގްސް ހުރީ ކުރީ އަހަރުތަކަށް ވުރެ މާ ދަށުގަ އެވެ.
އެމެރިކާގެ ހޮޓެލް އެސޯސިއޭޝަނުން (AHLA) ވަނީ ފީފާއަށް ބޮޑު ތުހުމަތެއް ކޮށްފަ އެވެ. އެއީ ފީފާގެ ބޭނުމަށް މާ ގިނަ ރޫމްތައް ކުރިއާލާ ހިފަހައްޓައި، ބާޒާރުގައި ފޭކު ޑިމާންޑެއް އުފެއްދި ކަމުގެ ތުހުމަތެވެ. ނަމަވެސް ފީފާއިން މިކަން ދޮގުކުރެ އެވެ.
ނިއު ޔޯކާއި ސިއެޓްލް ފަދަ ސިޓީތަކުގެ ހޮޓެލް އޮޕަރޭޓަރުން ބުނާ ގޮތުގައި، މުބާރާތުގެ ސަބަބުން ވިޔަފާރިއަށް ލިބުނު ކުރިއެރުމެއް ނެތެވެ.
ބެޓްކުރާ ކުންފުނިތައް - ބޮޑު ފައިދާއެއްގައި
2026 ގެ ވޯލްޑް ކަޕަކީ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދަކަށް ޖުވާ ނުވަތަ ބެޓްކުރާ މުބާރާތަށް ވާނެ ކަމަށް ބެލެވެ އެވެ. މާލީ އިދާރާއެއް ކަމަށްވާ މެކުއަރީން ލަފާކުރާ ގޮތުގައި މި މުބާރާތުގައި 50 ބިލިއަން ޑޮލަރުގެ ބެޓް ކުރާނެ އެވެ. އެއީ ކޮންމެ މެޗަކަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރެވެ.
މި އަދަދު މިހާ ބޮޑުވީ މެޗުތަކުގެ އަދަދު 100 އަށް ވުރެ ގިނަވުމުންނެވެ. ބެޓްކުރާ ކުންފުނިތަކުން ލަފާކުރާ ގޮތުގައި، އެމެރިކާ އާއި ބްރެޒިލްގައި މި ވިޔަފާރި ފުޅާވުމުގެ ސަބަބުން، މިދިޔަ މުބާރާތަށް ވުރެ ދެގުނަ އިތުރަށް މީހުން ބެޓްކުރާނެ އެވެ.
މިހާރު ބެޓްކުރުމުގެ ވައްޓަފާޅި ވެސް ވަނީ ބަދަލުވެފަ އެވެ. ކުރިން މެޗު ފެށުމުގެ ކުރިން ބެޓްކުރި ނަމަވެސް، މިހާރު ގިނަ މީހުން ބެޓްކުރަނީ މެޗު ކުރިއަށްދާއިރު ދަނޑުމަތީގައި ހިނގާ ކަންކަމަށް ބަލާފަ އެވެ.
އެމެރިކާގައި ކުޅިވަރަށް ބެޓްކުރުމަކީ އަދި އާ ކަމެކެވެ. 2018 ވަނަ އަހަރާ ހަމައަށް މިއީ ހަމައެކަނި ނެވާޑާ ސްޓޭޓްގައި ހުއްދަ ކަމެއް ނަމަވެސް، ސުޕްރީމް ކޯޓުގެ ނިންމުމަކާއެކު ގިނަ ސްޓޭޓްތަކެއްގައި މިހާރު ވަނީ މިއީ ހުއްދަ ކަމަކަށް ހަދާފަ އެވެ.
ކެލިފޯނިއާ އާއި ޓެކްސަސް ފަދަ ބައެއް ސްޓޭޓްތަކުގައި އަދިވެސް ބެޓްކުރުން މަނަލެވެ. ނަމަވެސް އެ ސަރަހައްދުތަކުގައި ވެސް "ޕްރިޑިކްޝަން މާކެޓްސް" މެދުވެރިކޮށް ޒުވާނުން ދަނީ ބޮޑެތި އަދަދުތަކުން ފައިސާ ބޭނުންކޮށްގެން މެޗުތަކުގެ ނަތީޖާ ދިމާކުރުމުގައި ބައިވެރިވަމުންނެވެ.
މަސްދަރު: ބީބީސީ










