މަރުވެފައިވާ މީހުންނަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވޭ: އެންސްޕާ
5 އޯގަސްޓު 2026 | ބުދަ 14:00އެންސްޕާގެ މޮނިޓަރިން ސެކްޝަން 2020 ވަނަ އަހަރު އުވާލުމާ ގުޅިގެން، މަރުވެފައިވާ 700 އަށް ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރެވިފައިވާ ކަމަށް އެ އެޖެންސީން ވަނީ ހާމަކޮށްފައި. މި ނިޒާމު ބޮއްސުންލައި ދައުލަތަށް ލިބުނު މި ގެއްލުން ހައްލުކުރުމަށް، އެ ސެކްޝަން އަލުން އުފައްދައި އެހީގެ ފައިސާ ހައްގުވެރިންނަށް ލިބޭކަން ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި


އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ | ސޯޝަލް މީޑިއާ
މަރުވެފައިވާ މީހުންނަށް ފައިސާ ދޫކުރެވި ދައުލަތަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވީ، އެ އިދާރާގެ މޮނިޓަރިން ސެކްޝަން 2020 ވަނަ އަހަރު އުވާލާފައިވާ ކަމަށާއި، އެއާއެކު މި ނިޒާމު ބެލެހެއްޓުން ހީނަރުވެފައިވާ ކަމަށެވެ. އަދި މޮނިޓަރިންގެ މަސައްކަތްތައް އޮތީ ބޮއްސުންލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން އެންމެ މުހިއްމު ކަމަކީ މޮނިޓަރިންގެ މަސައްކަތްކަން ފާހަގަކުރައްވައި ޝިރުނާ ވިދާޅުވީ، 2020 ގައި އެ ސެކްޝަން އުވައިލުމާ އެކު، މޮނިޓަރިން ހުއްޓުމުން، މަރުވެފައިވާ 700 އަށް ވުރެ ގިނަ މީހުންގެ އެކައުންޓުތަކަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރެވިފައިވާ ކަމަށެވެ.
ޝިރުނާ ވިދާޅުވީ، މިއީ ދައުލަތަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، މިކަން ސަމާލުކަމަށް އައުމާއެކު މިހާރު، އެ ސެކްޝަނުގެ މަސައްކަތްތައް ފަށައި، އެ ފައިސާ ދޫކުރެވެނީ އެންމެ ހައްގުވެރިންނަށްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެންސްޕާގައި 15،000 އެއްހާ މީހުން ރަޖިސްޓަރީވެފައިވާއިރު، ދިރިއުޅުމުގެ ދަތި ހާލަތްތަކުގައި ތިބޭ މީހުންނަށް އެ އިދާރާއިން މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ.
އެގޮތުން ފަގީރު ހާލަތުގައި ދަރީން ބަލަހައްޓާ އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެހީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ މާލީ އެހީއާއި މައިންބަފައިންގެ އެހީއެއް ނެތި ކުދީން ބަލަހައްޓާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ.









