ގދ. މަގުއްދުވާ ވިއްކާލާކަށް ނޫޅެން: އެމްޓީޑީސީ
3 އޯގަސްޓު 2026 | ހޯމަ 16:27އެމްޓީޑީސީގެ ބެލުމުގެ ދަށުގައިވާ ގދ. މަގުއްދުވާއާއި ހދ. ނާގޮށީގެ އިތުރުން ބ. ކިހަވައްހުރަވަޅީގެ އެއްވެސް ހައްގެއް ވިއްކާލަން ނިންމާފައިނުވާނެ ކަމަށް އެ ކުންފުނިން ބުނެފި. ކުންފުނީގެ ހަރުމުދާ ނުއަގުގައި ވިއްކާލަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރަމުން، ހުރިހާ މުއާމަލާތްތަކެއްވެސް ކުރިއަށްދާނީ ގާނޫނީ އިމުގެ ތެރެއިން ހާމަކަން ބޮޑު ގޮތެއްގައި ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައި


އަޔާޑާ މޯލްޑިވްސް ރިސޯޓު | ގޫގުލް
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެއްވެސް ރަށެއް ވިއްކާލުމާ ގުޅޭ އެއްވެސް ނިންމުމެއް ނިންމާފައިނުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ގދ. މަގުއްދުވާ ވިއްކާލަން އުޅޭކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރުތައް ދޮގުކުރަމުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގދ. މަގުއްދުވާއާއި ހދ. ނާގޮށީގެ އިތުރުން ބ. ކިހަވައްހުރަވަޅީގެ ހެޑްލީސް ނުވަތަ އެއާ ގުޅުންހުރި އެއްވެސް ހައްގުގެ އެއްވެސް މިންވަރެއް ވިއްކާލަން އެ ކުންފުނިން ނިންމާފައިނުވާނެ ކަމަށެވެ. އަދި އެފަދަ ކަމަކާ ގުޅޭ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިއަށް ނުދާ ކަމަށް ވެސް އެމްޓީޑީސީން ވަނީ ބުނެފަ އެވެ.
އެމްޓީޑީސީން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ބައެއް ހަރު މުދާތަކެއް ނުއަގުގައި ވިއްކާލަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެކެވެ. ކުންފުނީގެ ހުރިހާ މުއާމަލާތްތަކެއް ވެސް ކުރިއަށްދާނީ ގަނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން، ލިސްޓިންގ ގަވާއިދުތަކާ އެއްގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި ކަމުގެ ޔަޤީންކަން އެމްޓީޑީސީން ވަނީ ދީފައެވެ. އެހެންކަމުން، ކުންފުނިން ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން ރަސްމީކޮށް ހާމަކުރާ މައުލޫމާތަށް އިސްކަންދިނުމަށް ހިއްސާދާރުންނާއި މަސްލަހަތުވެރިންގެ ކިބައިން އެ ކުންފުނިން ވަނީ އެދިފައެވެ.
ގދ. މަގުއްދުވާއަކީ 2006 ވަނަ އަހަރުން ފެށިގެން 25 އަހަރުގެ މުއްދަތަށް އެމްޓީޑީސީއަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ. މި ރަށް މިހާރު ސަބްލީސް އުސޫލުން ދޫކޮށްފައިވަނީ ތުރުކީގެ އަހުމެޓް އައިޑެނިޒް ކުންފުންޏަށެވެ. އެ ކުންފުނިން "އަޔާޑާ މޯލްޑިވްސް" ގެ ނަމުގައި އެ ރަށުގައި ފަސް ތަރީގެ ރިސޯޓެއް ތަރައްގީކޮށް ހިންގަން ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ.
އެމްޓީޑީސީއާއި އައިޑެނިޒް ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކޮންމެ ކުއާޓަރަކު 1.2 މިލިއަން ޑޮލަރު ސަބްލީސް ކުލީގެ ގޮތުގައި ދައްކަންޖެހެ އެވެ. މި އެއްބަސްވުމުގެ މުއްދަތު 2031 ވަނަ އަހަރަށް ހަމަވާއިރު، ރިސޯޓު ހިންގާ ކުންފުނިން ބޭނުންވަނީ އެ މުއްދަތުގެ ކުރިން ރަށުގެ ހެޑްލީސް އެ ކުންފުނީގެ ނަންމައްޗަށް ނަމަށް ބަދަލުކުރުމަށެވެ.










