މި ސަރުކާރަށް މިއަދު ތާއީދު އޮތީ 30 އިންސައްތަ، 2028 އަށް ދާއިރު ތާއީދު 15 އިންސައްތަ އަށް ދަށްވާނެ: ތަޒްމީލް
ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް އިންތިޚާބުވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި ވާހަކައަށް އެމްޓީޑީސީގެ ކުރީގެ އެމްޑީ ތަޒްމީލް އަބްދުއްސަމަދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ. އޭނާ ވިދާޅުވީ ދާދިފަހުން ބޭއްވި ބައި-އިލެކްޝަންތަކުގެ ނަތީޖާއިން ސަރުކާރަށް އޮތް ތާއީދު ކުޑަކަން ހާމަވެފައިވާ ކަމަށާއި، މަޖިލީހުގެ ރައީސަކީ ބާރުވެރިކަމެއް ނެތް "ދަތް ނެތް ސިންގާއެއް" ގޮތުގައި ސިފަވާ ކަމަށް. އެހެންކަމުން، މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު 2028 ވަނަ އަހަރުގެ އިންތިޚާބުގައި މި ސަރުކާރަށް އޮތް ތާއީދު އިތުރަށް ދަށްވެގެންދާނެ ކަމަށް ތަޒްމީލް ފާހަގަކުރެއްވި.


އެމްޓީޑީސީ ގެ ކުރީގެ އެމްޑީ ތަޒްމީލް އަބްދުއްސަމަދު ރާއްޖެޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒާ އެމަނިކުފާނުގެ ސަރުކާރަށް މިއަދު އޮތީ 30 އިންސައްތަ ރައްޔިތުންގެ ތާއީދު ކަމަށާއި 2028 ވަނަ އަހަރާ ހަމައަށް އެ އަދަދު 15 އިންސައްތަ އަށް ދަށްވެގެންދާނެ ކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތަޒްމީލް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާނީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގައި ދެވަނަ ދައުރަކަށް ހުވާ ކުރައްވާނެ ފުރަތަމަ ރައީސަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިނަމަވެސް އެއްވެސް ރައްޔިތަކު ހައިރާން ނުވާނެ ކަމަށެވެ. އަދި އެއްވެސް ރައްޔިތަކު އެކަން ގަބޫލު ވެސް ނުކުރާނެ ކަމަށެވެ.
ތަޒްމީލް ވިދާޅުވީ މަޖިލީހުގެ ރައީސް އަކީ ދަތް ނެތް ސިންގާއެއްގެ ގޮތުގައި ސިފަވެގެން ދާ ކަމަށެވެ.
މަޖިލީހުގެ ރައީސް އަކީ ދަތް ނެތް ސިންގާ އެއް. ދިވެހި ދައުލަތުގެ ތިން ބާރުން އެއް ބާރު އެމަނިކުފާނާ ހަވާލު ކުޮށްފައިވާއިރު ، އަމިއްލަ ދަރިފުޅު މަގާމުން ވަކި ކުރީމާ އެކަމަށް އެންމެ ކުޑަމިނުން ތިމަން މަނިކުފާނު ހިތާމަ ކުރަމޭ ކިޔާފަ ޓްވީޓެއް ކޮށްލަން ވެސް ނުކެރުނު ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ވާހަކަ ތި ވިދާޅުވީ. އެހެންވީމާ އެމަނިކުފާނު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް، ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ދެވަނަ ދައުރަކަށް ހުވާ ކުރައްވާނެ ފުރަތަމަ ރައީސަށް ވާނެއޭ ބުނުމަކުން އަޅުގަނޑުމެން ހައިރާނެއް ނުވޭ. އަޅުގަނޑު ގަބޫލެއް ނުކުރަން ދިވެހި ރާއްޖޭގެ އެއްވެސް ރައްޔިތަކު ހައިރާން ވާނެ ކަމަކަށް.އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު
ރައްޔިތުން ހައިރާން ނުވާނެ އެންމެ ބޮޑު ސަބަބަކީ މި ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާ މިންވަރު އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުނު އިންތިޚާބުތަކުން ހާމަވެފައިވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަބަބަކީ ފެންނަން ހުރި ވަރަށް ރީތި މިސާލެއް މިއީ ރާއްޖޭގެ ވެރިކަމެއް ބަދަލުވެގެން އައިސްފަ މިޑް ޓާރމް އިލެކްޝަނަކުން ރައްޔިތުން ފްރަސްޓްރޭޓް ވެފަ ތިބި މިންވަރު މިހާތަނަށް އެންމެ ރީތި މިސާލު އިހަކަށްދުވަހު ބޭއްވުނު އިންތިޚާބުން. އެ އިންތިޚާބުން އެވަރު ބޮޑު އިންތިޚާބަކުން ބަލިވީމާ ވެސް ގުންފައި ޖަހާފަ ނުކުމެ، އެވިދާޅުވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ މެޖޯރިޓީ ލީޑަރާ އަދި ސަރުކާރަށް ނިސްބަތްވާ އެމްޕީ އިންނާ ވަރަށް ބާރަށް ތިމަންނާ މެން މިތިބީ އިތުރަށް ފުރިހަމަ ކޮށް ރައީސް މުއިއްޒާއެކީގަ އޭ. މިހުރިހާ ދުވަހު ވެސް ތިބީ ރައީސް މުއިއްޒާ އެކީގައި ނޫންތޯ. ގަދަކޮށް ރައީސް މުއިއްޒާއެކީގައޭ. މިހުރިހާ ދުވަހު ތިއްބެވީ ގަދަކޮށް ރައިސް މުއިއްޒާ އެކީގަ ނޫންތޯ. އެގޮތަށް ތިއްބަ އެއް ނޫންތޯ ރައްޔިތުން ނޫނެކޭ ބުނީ.އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު
ތަޒްމީލް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އަށް ބަލާއިރު މި ސަރުކާރަށް މިއަދު އޮތީ 30 އިންސައްތަ ރައްޔިތުންގެ ތާއީދުކަން ހާމަވާ ކަމަށެވެ. އަދި 2028 އަންނަ އިރު މި އަދަދު ދެ ގުނަ ދަށްވާނެ ކަމަށާއި 15 އިންސައްތަ އަށް މި ސަރުކާރަށް އޮތް ތާއީދު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް މުހައްމަދު މުއިއްޒު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށާއި، އެމަނިކުފާނު ވެވަޑައިގަންނަވާނީ ރާއްޖޭގައި ދެވަނަ ދައުރަކަށް އިންތިހާބުވާ ފުރަތަމަ ރައީސަށް ކަމަށް އަބްދުއްރަހީމް ވަނީ ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެފަ އެވެ. 2028 މުއިއްޒުއަށް ކާމިޔާބު ނުވާނެ ކަމަށް ވާހަކަދެވެން ފަށާފައިވަނިކޮށް އަބްދުއްރަހީމް އެހެން ވިދާޅުވުމާއެކު ގިނަ ބަޔަކު ދަނީ އެކަމަށް ރައްދު ދީ ރެފަރެންޑަމް އިންތިޚާބުގެ ނަތީޖާ ވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.







