ނުއަގުގައި ތުރުކީ ކުންފުންޏަކަށް ރަށެއް ވިއްކާލަން އުޅޭކަމަށް އަޑު ފެތުރިފައިވަނިކޮށް، އެމްޓީޑީސީގެ އެމްޑީ ބަދަލުކޮށްފި
29 ޖުލައި 2026 | ބުދަ 05:25އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ނިޔާޒު ވަކިކުރުމަށްފަހު، އެ މަގާމަށް ހާރިޘް މުހައްމަދު ޕީސީބީން އައްޔަނުކޮށްފި. މި ބަދަލު ގެނެސްފައިވަނީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮތް ރަށެއްގެ ހެޑް ލީސް ނުއަގުގައި ވިއްކާލަން އުޅޭކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި. މި މައްސަލައާ ގުޅިގެން އެމްޓީޑީސީގެ ބޯޑުގެ ބައެއް މެންބަރުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައި


މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހާރިޘް މުހައްމަދު | ޕީސީބީ
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހާރިޘް މުހައްމަދު އައްޔަނުކުރައްވައިފި އެވެ.
ޕީސީބީން ވަނީ އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ނިޔާޒު މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމުން ވަކިކޮށްފަ އެވެ. ނިޔާޒު އެ މަގާމުން ވަކިކުރި ސަބަބު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހާމައެއް ނުކުރެއެވެ.
އެއަށްފަހު މި ހަފްތާގެ ބުދަ ދުވަހު ޕީސީބީން އެކްސްގައި އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ، އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ހާރިޘް މުހައްމަދު އައްޔަނު ކޮށްފައިވާކަމަށެވެ.
އޭނާ އެ މަޤާމަށް އައްޔަނު ކޮށްފައިވަނީ 28 ޖުލައި 2026 ގަ އެވެ.
މި ބަދަލު ގެނެސްފައިމިވަނީ އެމްޓީޑީސީން ރިސޯޓު ހިންގަން ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑް ލީސް، އެ ރަށުގައި ރިސޯޓު ހިންގާ ތުރުކީގެ ކުންފުންޏަށް ނުއަގުގައި ވިއްކަން އުޅޭކަން ކަށަވަރުވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މި މައްސަލައާ ގުޅިގެން އެމްޓީޑީސީގެ ބޯޑުގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށް ވެސް މައުލޫމާތު ލިބެ އެވެ.










