އީރާނުން ކުވައިތުގެ އެމެރިކާގެ އަހުމަދު އަލް ޖާބިރު އެއާބޭހަށް ހަމަލާދީފި
31 ޖުލައި 2026 | ހުކުރު 09:18އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވެފައިވާއިރު، މި ނުރައްކާތަކާ ގުޅިގެން ކުވައިތުގައި ތިބޭ ސިފައިންގެ އަދަދު މަދުކުރުމަށް އެމެރިކާއިން މިހާރު ދަނީ ވިސްނަމުން
އިރާނުގެ އަސްކަރިއްޔާއިން އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެ ހަމަލާގެ މަންޒަރުތައް ވަނީ އާންމުކޮށްފައި | ސްކްރީން އިމޭޖް
ކުވައިތުގައި އެމެރިކާއިން ހިންގަމުންދާ އަހުމަދު އަލް ޖާބިރު އެއާ ބޭސްގެ މުހިންމު ވަސީލަތްތަކަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފި އެވެ. މީގެ އިތުރުން، ފާރިސް ކަނޑުގެ އައްސޭރީގައި އޮންނަ ކުވައިތުގައި އެމެރިކާއިން ބޭނުންކުރާ އެހެން ބޭސްއަކަށްވެސް އާ ގެއްލުންތަކެއް ލިބިފައިވާކަން ސެޓެލައިޓް ފޮޓޯތަކުން މިހާރު ވަނީ ހާމަވެފަ އެވެ.
އީރާނު އަސްކަރިއްޔާގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ބުނި ގޮތުގައި، މި ހަމަލާއަކީ "އޮޕަރޭޝަން ސާއިގާ" ގެ 27 ވަނަ މަރުހަލާގެ ދަށުން ދިން ހަމަލާއެކެވެ. މިއީ ދާދި ފަހުން އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދިން ހަމަލާތަކުގެ ބަދަލުހިފުމެއް ކަމަށާއި، އޭގެ ތެރޭގައި ގިޝްމް އައިލެންޑްގެ މީހުން ދިރިއުޅޭ ގެއަކަށް ދިން ވައިގެ ހަމަލާ ހިމެނޭ ކަމަށް އެ އޮފީހުން ބުންޏެވެ.
އީރާނުގެ އަސްކަރިއްޔާގެ ބަޔާނުގައިވާ ގޮތުން، "ލޮއިޓަރިންގް ޑްރޯން" ނުވަތަ އަމިއްލައަށް ގޮވާ ޑްރޯން ބޭނުންކޮށްގެން އަހުމަދު އަލް ޖާބިރު އެއާ ބޭސްގައި ހުރި މަތިންދާބޯޓުތައް ބަހައްޓާ ހިޔާވަހިތަކަށާއި، ސެޓެލައިޓް މުވާސަލާތީ ނިޒާމުތަކަށާއި، ސާމާނު ރައްކާކުރާ ގުދަންތަކަށް ވަނީ ހަމަލާދީފަ އެވެ. އެ ބަޔާނުގައި އެ އެއާ ބޭސް ސިފަކޮށްފައިވަނީ އެމެރިކާގެ ވައިގެ އަދި ޖާސޫސީ މަސައްކަތްތަކުގެ މައި މަރުކަޒެއްގެ ގޮތުގަ އެވެ. އަދި އެއީ އެމެރިކާ ސިފައިންނަށް ބޭނުންވާ ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދޭ މުހިންމު ތަނެއް ކަމަށްވެސް ބުނެފައިވެ އެވެ.
އީރާނުން މި ބަދަލު ހިފާފައި މިވަނީ، "އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް" ގެ އުސޫލުތަކާ އެމެރިކާއިން ޚިލާފުވުމަށްފަހު، މި ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން އީރާނުގެ ދެކުނުގެ ޕްރޮވިންސްތަކަށް އެމެރިކާއިން ހަމަލާދެމުންދާ ދަނޑިވަޅެއްގަ އެވެ.
ތެހެރާނުން ވަނީ "އޮޕަރޭޝަން ނަޞްރު 2" އަދި "އޮޕަރޭޝަން ސާއިގާ" (ވިދުވަރު) ގެ ދަށުން، މުޅި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ތަކުރާރުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދީފަ އެވެ.
ގިޝްމްގައި މީހުން ދިރިއުޅޭ ގެތަކަށް އެމެރިކާއިން ދިން ހަމަލާ ކުށްވެރިކުރަމުން އީރާނު އަސްކަރިއްޔާއިން ބުނީ، އެއީ އިންސާނީ ކަރާމާތުގެ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށާއި، އެއީ ދުޝްމަނުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގެ އިތުރު މިސާލެއް ކަމަށެވެ.
އަދި މިފަދަ ޖަރީމާތަކާއި، ދަތިކުރުމުގެ ފިޔަވަޅުތަކާއި، ބިރުދެއްކުންތަކުގެ ސަބަބުން އީރާނުގެ "މުގައްދަސް ދިފާއު" ގައި އެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
އީރާނުގެ އަސްކަރިއްޔާއާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގުޅިގެން ދިން "ވަރުގަދަ އަދި ފުޅާ" ހަމަލާތަކުގެ ސަބަބުން، އެމެރިކާއިން އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތައް ބޭނުންކުރި ނަމަވެސް، އީރާނުގެ ޑްރޯންތަކާއި މިސައިލްތައް ހުއްޓުވުމަކީ އެމެރިކާއަށް ވަރަށް ބޮޑު ޚަރަދެއް ހިނގާ އަދި އުނދަގޫ ކަމަކަށް ވެފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކާއި، މަރުވި މީހުންނާއި އަނިޔާވި މީހުންގެ މައުލޫމާތު އާންމުވިޔަ ނުދިނުމަށްޓަކައި ވޮޝިންގްޓަނުން ހަރުކަށި ސެންސަރޝިޕެއް ގެންގުޅޭކަންވެސް އީރާނުން ފާހަގަކުރި އެވެ.










