އުރުދުންގެ އެމެރިކާގެ އެއާބޭސްއަށް މިސައިލް ހަމަލާދީ, އެފް-35 މަރުކާގެ ތިން ބޯޓު ސުންނާފަތިކޮށްލައިފި ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި
30 ޖުލައި 2026 | ބުރާސްފަތި 11:33އީރާނުގެ އާއިލާއެއްގެ ތިން މެންބަރަކު މަރާލުމުގެ ބަދަލުހިފުމުގެ ގޮތުން، އުރުދުންގައި ހުންނަ އެމެރިކާގެ އެއާބޭސްއަކަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފި. މި ހަމަލާގައި އެމެރިކާގެ އެފް-35 މަރުކާގެ ހަ ބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް ސިފައިން މަރުވެފައިވާ ކަމަށް އައި.އާރު.ޖީ.ސީ އިން ބުނޭ. އެމެރިކާގެ އިސްތިއުމާރީ ބާރުތައް މި ސަރަހައްދުން ފައިބަންދެން ހަމަލާތައް ކުރިއަށްގެންދާނެ ކަމަށްވެސް އީރާނުން ވަނީ ހާމަކޮށްފައި.
އުރްދުންގައި ހުންނަ މުވައްފަޤު ސަލްތީ އެއަރ ބޭސްއަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި، އެމެރިކާގައި އުފައްދާފައިވާ އެފް-35 މަރުކާގެ ތިން ހަނގުރާމަމަތީ ބޯޓު ހަލާކުކޮށްލާފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނި | އައިއާރުޖީސީ
އީރާނުގެ ގިޝްމް އައިލެންޑުގައި ދިރިއުޅޭ އާއިލާއެއްގެ ތިން މެންބަރަކު މަރާލުމަށް އެމެރިކާއިން ދިން ވައިގެ ހަމަލާގެ ބަދަލުހިފުމުގެ ގޮތުން، އުރުދުންގެ އަޒްރަގްގައި ހުންނަ އެމެރިކާގެ މުވައްފަގް ސަލްތީ އެއާބޭސްއަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފި އެވެ. މި ހަމަލާގައި އެމެރިކާގެ އެފް-35 މަރުކާގެ ތިން ހަނގުރާމަމަތީ ބޯޓު މުޅިން ހަލާކުވެފައިވާ ކަމަށާއި، އިތުރު ތިން ބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ އިދާރާއިން ހާމަކުރެ އެވެ.
އައި.އާރު.ޖީ.ސީ ގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި، އުރުދުންގެ "ޝަރަފުވެރި އަދި ހޭލުންތެރި ރައްޔިތުންނާ" މުޚާތަބުކޮށް އުރުދުންގެ ރައްޔިތުން ދިން "އިޚްލާސްތެރި އެއްބާރުލުމާއި އެހީތެރިކަމަށް" ޝުކުރު އަދާކޮށްފައިވެ އެވެ. ވަކިން ހާއްސަކޮށް، އުރުދުންގެ ބައެއް އިލްމީ އަދި ސިޔާސީ ބޭފުޅުން ގެންގުޅުއްވި "ސާފު ސީދާ އުސޫލުތަކުގެ" ސަބަބުން އެމެރިކާއަށް ކުރިމަތިވި ފިއްތުންތައް އިތުރުވެގެންދިޔަކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އީރާނާ ސީދާ ހަނގުރާމައަކަށް ކުރިމަތިލާން ނުކެރުމުން، އެމެރިކާއިން އުރުދުންގައި ހުރި "އިސްތިއުމާރީ މަރުކަޒުތައް" ބޭނުންކޮށްގެން ފަތިސް ވަގުތެއްގައި ވައިގެ ހަމަލާ ދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އައި.އާރު.ޖީ.ސީ އިން ބުނި ގޮތުގައި އެމެރިކާ ސިފައިން ވަނީ ގިޝްމް އައިލެންޑުގެ ޗާހް ތަންގޫ އަވަށުގައި ހުރި ދެ ގެއަކަށް ބާރުގަދަ ބޮންތަކަކުން ހަމަލާދީފަ އެވެ. މި ހަމަލާގައި އެ އާއިލާގެ ދެމަފިރިންގެ އިތުރުން އެމީހުންގެ ކުޑަ ފިހިރެން ކުއްޖަކު މަރުވެފައިވާއިރު، އިތުރު ދެ ކުއްޖަކު ވަނީ ޒަޚަމްވެފަ އެވެ. އަދި ހަމަލާއިން ސަލާމަތްވި އަނެއް ދެ ކުދިންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
"މި ޖަރީމާގެ ބަދަލުހިފުމަށާއި، އެމެރިކާގެ އިސްތިއުމާރީ ބާރުތަކުގެ ކިބައިން އުރުދުންގެ އިސްލާމީ ބިން މިނިވަންކުރުމަށް އެހީތެރިވުމުގެ ގޮތުން، އަލް-އަޒްރަގް އެއާބޭސްގައި ހުރި އެމެރިކާގެ އެފް-35 މަރުކާގެ ބޯޓުތައް ބަހައްޓާފައި ހުރި ތަނަށާއި މަރާމާތުކުރާ ހޭންގަރަށް މިއަދު ހެނދުނު ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފައިވާނެ،" އައި.އާރު.ޖީ.ސީ ގެ އެއަރޯސްޕޭސް ފޯސްއާ ހަވާލާދީ ބަޔާނުގައި ބުނެފައިވެ އެވެ.
މި ހަމަލާގައި އެފް-35 މަރުކާގެ ތިން ބޯޓު އެއްކޮށް ސުންނާފަތިވެ، އިތުރު ތިން ބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، މި ހަމަލާގައި އެމެރިކާގެ ބައެއް އޮފިސަރުންނާއި، ޓެކްނިކަލް އަދި މަރާމާތުކުރާ މަސައްކަތްތެރިން މަރުވެފައިވާ ކަމަށްވެސް އީރާނުން ބުނެ އެވެ.
"މެންދަމު ނިދާފައި ތިބި ކުށެއް ނެތް އާއިލާތައް މިހާ ރަހުމުކުޑަގޮތަކަށް ގަތުލުކުރާ، ކުޑަކުދިން މަރާ ލަޝްކަރަކަށް މި ސަރަހައްދަކުން ޖާގައެއް ނެތް،" ބަޔާނުގައިވެ އެވެ.
އަދި އެންމެ ފަހު އެމެރިކާ ސިފައިން އިސްލާމީ ބިންތަކުން ބޭރުވަންދެން، އުރުދުންގެ ރައްޔިތުންނާ ގުޅިގެން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
އީރާނުން މި ބަދަލުހިފުމުގެ ހަމަލާ ދީފައި މިވަނީ، އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގްގެ އުސޫލުތަކާ އެމެރިކާއިން ޚިލާފުވުމަށްފަހު، މިދިޔަ ޖުލައި މަހުން ފެށިގެން އީރާނުގެ ދެކުނުގެ ޕްރޮވިންސްތަކަށް އެމެރިކާއިން ހަމަލާދެމުންދާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ މި އަމަލުތަކާ ގުޅިގެން، އީރާނުން ދަނީ "އޮޕަރޭޝަން ނަސްރު 2" އަދި "އޮޕަރޭޝަން ސާއިގާ" ގެ ދަށުން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ތަކުރާރުކޮށް ހަމަލާދެމުންނެވެ.










