އީރާން އިން ފޮނުވާލި ފަސް މިސައިލެއް އުރުދުން އިން ވައްޓާލައިފި
30 ޖުލައި 2026 | ބުރާސްފަތި 06:22އުރުދުންގެ ސިފައިންގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ، މި މިސައިލްތައް ވައްޓާލުމުގައި އެއްވެސް މީހަކަށް ގެއްލުމެއް، ނުވަތަ އަނިޔާއެއް ލިބިފައި ނުވާ ކަމަށް


އުރުދުންގެ ވެރި ރަށް އައްމާންގެ މަތީގައި އެ ގައުމުގެ ގައުމީ ދިދަ ވިހުރެމުންދާ މަންޒަރު ފެންނަ ފޮޓޯއެއް | ރޮއިޓާސް
އީރާން ފޮނުވާލި ފަސް މިސައިލެއް އުރުދުންގެ ވައިގެ ދިފާއީ ނިޒާމުން ބުރާސްފަތި ދުވަހު ވައްޓާލާފައިވާ ކަމަށް، އެ ޤައުމުގެ ސަރުކާރުގެ ނޫސް އެޖެންސީ ޕެޓްރާ އިން ބުނެފި އެވެ.
މިއީ އެމެރިކާގެ ސިފައިން ބޭސް އަކަށް އީރާން އިން ދިން ހަމަލާތަކާ ގުޅިގެން، އޭގެ ރައްދުގައި އެމެރިކާ އިން ހަމަލާ ދީފައި ވަނިކޮށް އީރާން އިން ފޮނުވާލި މިސައިލްތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އުރުދުންގެ ސިފައިންގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ، މި މިސައިލްތައް ވައްޓާލުމުގައި އެއްވެސް މީހަކަށް ގެއްލުމެއް، ނުވަތަ އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތަށް ދެމިގެން ދިޔަ ހަމަލާތަކުގައި، އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ދިހަ ޓާގެޓަކަށް ހަމަލާ ދީފައިވާ ކަމަށެވެ. މި ހަމަލާތަކުގައި ސިފައިންގެ ކޮމާންޑް ސެންޓަރު ތަކާއި، މިސައިލް އާއި ޑްރޯން ފެސެލިޓީތައް އަދި ކަނޑުގެ ސަރަހައްދު ބަލަހައްޓާ ސައިޓުތައް ހިމެނެ އެވެ.
އެމެރިކާ އިން މި ހަމަލާތައް ދީފައި ވަނީ، އީރާން އަށް އަމާޒުކޮށް ބާރު ގަދަ ހަމަލާ ތަކެއް ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައި ވަނިކޮށެވެ. ޓްރަމްޕްގެ މިފަދަ އިންޒާރެއް ދެއްވާފައި ވަނީ، އީރާން އިން އުރުދުންގައި ހުރި އެމެރިކާގެ ބޭސް އަކަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.
އީރާންގެ ސަރުކާރުގެ މީޑިއާ އިން ބުނެފައި ވަނީ ހުރްމުޒް ކަނޑު އޮޅީގެ ސަރަހައްދުގައި އޮންނަ ގެޝްމް އައިލެންޑުގައި ދިން ހަމަލާތަކުގައި ދެ މީހަކަށް ގެއްލުން ލިބިފައިވާ ކަމަަށެވެ. މީގެ އިތުރުން އުތުރު ހުޅަނގުގައި އޮންނަ ޚޫޒިސްތާން ޕްރޮވިންސްގައި ވެސް ވަނީ ގޮވުން ތަކެއް ރިޕޯޓު ކޮށްފައި އެވެ.
މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް










