އީރާނު ހަނގުރާމައިގެ މަގްސަދާ ބެހޭ ގޮތުން ސަރުކާރުގެ އިސްވެރިންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިގެން ޓްރަމްޕް ވަރަށް ބޮޑަށް ކޯފާވެ، ހަޑިހުތުރު ބަހުން މުޚާތަބު ކުރައްވައި އަޑުގަދަކުރައްވައިފި
30 ޖުލައި 2026 | ބުރާސްފަތި 16:42އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ މަގްސަދުތަކާ މެދު އިސް މުޝީރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާތީ ރައީސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެފައި. މި ހަނގުރާމައިގެ އަސްލު މަގްސަދަކީ ނިއުކްލިއާ ނުރައްކަލުން ސަލާމަތްވުން ކަމެއް، ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަމެއް ނުވަތަ އީރާނުގެ މިސައިލާއި ޑްރޯން ޕްރޮގްރާމް ހުއްޓުވުން ކަމެއް ކަނޑައެޅުމުގައި އޭނާގެ ޓީމާއި ބައިވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތައް ވަނީ އުފެދިފައި

ވޮޝިންގޓަންގެ ވައިޓް ހައުސްގެ އީސްޓް ރޫމްގައި ހުންނަވައި، 2026 ޖުލައި މަހުގެ 16 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމާ މުޚާތަބު ކުރައްވަނީ. | ގެޓީ އިމޭޖަސް
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އިސްތިރާތީޖީ ރޭވުންތަކާ މެދު ސަރުކާރުގެ އިސް މުޝީރުންނާއި ބައިވެރިންނަށް އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ކޯފާވެފައިވާ ކަމަށް އެންބީސީ ނިއުސްއިން ބުދަ ދުވަހު ރިޕޯޓްކޮށްފި އެވެ.
މި މައްސަލައާ ގުޅުންހުރި ދެ މަސްދަރަކާ ހަވާލާދީ އެންބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގައުމީ ސަލާމަތާ ބެހޭ އިސް އޮފިޝަލުންނާއެކު ދާދި ފަހުން ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެ، ހަޑިހުތުރު ބަހުން މުޚާތަބު ކުރައްވައި އަޑުގަދަކުރައްވާފަ އެވެ.
ޓްރަމްޕްގެ ނުތަނަވަސްކަން އިތުރުވަމުންދަނީ، މި ހަނގުރާމައިގެ އަސްލު މަގްސަދަކީ ނިއުކްލިއާ ނުރައްކަލުން ސަލާމަތްވުން ކަމެއް، ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަމެއް ނުވަތަ އީރާނުގެ މިސައިލާއި ޑްރޯން ޕްރޮގްރާމް ހުއްޓުވުން ކަމެއް ކަނޑައެޅުމުގައި އޭނާގެ ޓީމާއި ބައިވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާތީ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ޓްރަމްޕްގެ އަރިސް ބޭފުޅަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ، ރައީސް ހުންނެވީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ. އަދި އީރާނާއެކު އެއްބަސްވުމަކަށް އައުމަކީ މިހާ އުނދަގޫ ކަމަކަށް ވާނެ ކަމަށް ޓްރަމްޕް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އެ މަސްދަރުން ބުނެފައިވެ އެވެ. މީގެ އިތުރުން، މި ހަނގުރާމަ ކުރިއަށް ގެންދާނެ މުއްދަތަކާއި، ނިމުމަކާ ހަމައަށް ދިއުމަށް ކުރަންޖެހޭ ކަންކަމާ މެދު ހަރުދަނާ ސިޔާސަތެއް އެކުލަވާލެވިފައި ނުވާ ކަމަށްވެސް އެ ފަރާތުން ފާހަގަކުރި އެވެ.
އީރާނުގެ ހަނގުރާމަ ފެށުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ހަމަލާދިނުމާ ގުޅިގެންނެވެ. އެ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށާއި ގަލްފުގެ ގައުމުތަކަށް ހަމަލާދީފަ އެވެ.
އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވި ކަމަށް ފޮކްސް ނިއުސްއިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ފޮކްސް ނިއުސްގެ ރިޕޯޓަރު ބުނި ގޮތުގައި، ޓްރަމްޕް ވަނީ އީރާނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީ، އެ ގައުމު ބަލިކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަން ބާރުލައި ވިދާޅުވުމަށްޓަކައި ޓްރަމްޕް ވަނީ ހަޑިހުތުރު ބަސްތައް ބޭނުންކުރައްވައި، އީރާނު މުޅިން ފުނޑުފުނޑުކޮށްލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
އީރާނާއެކު ކުރަމުންދާ ހަނގުރާމައަށް ފަސް މަސްވެފައިވާއިރު، މަޝްވަރާގެ މޭޒުން ހައްލެއް ހޯދަން ބޭނުންފުޅުވާ ކަމަށް މީގެ ކުރިން ޓްރަމްޕް ވިދާޅުވަމުން ގެންދެވި ނަމަވެސް، މަސްރަހު މިވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނަށް އަމާޒުކޮށް ދިން އެންމެ ފަހުގެ ހަމަލާތައް މިހާރު ނިންމާލާފައިވާ ކަމަށެވެ. ދެ ގަޑިއިރަށް ދެމިގެންދިޔަ މި ހަމަލާތަކުގައި އީރާނުގެ އެތައް މަރުކަޒަކަށް ހަމަލާދީފައިވާއިރު، ވޮޝިންގޓަނުން ބުނެފައިވަނީ މިއީ އޭގެ ކުރީ ދުވަހު މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އީރާނުން ދިން މިސައިލް ހަމަލާތަކަށް ދިން "ވަރުގަދަ ރައްދެއް" ކަމަށެވެ.










