އީރާން އިން ހުރްމުޒް ކަނޑުއޮޅީގައި އޮތް ތިން ތެޔޮ ޓޭންކަރަށް ހަމަލާދީ ހުއްޓުވައިފި
29 ޖުލައި 2026 | ބުދަ 06:08އައިއާރުޖީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ތިން ތެޔޮ ޓޭންކަރު ހުއްޓުވީ ނުރައްކާތެރި އަދި ޣައިރު ގާނޫނީ މަގަކުން ދަތުރު ކުރަމުން ދަނިކޮށް ކަމަށް. އަދި އެ އުޅަނދުތަކަށް ތަކުރާރުކޮށް އިންޒާރު ދިނުމުން ވެސް، އެ އިންޒާރުތަކަށް ބޯނުލަނބައި ކުރިޔަށް ދިޔުމުން ހަމަލާދީ ހުއްޓުވީ ކަމަށް އީރާންގެ އަސްކަރިއްޔާ އިން ބުނޭ


ހުރްމުޒް ކަނޑު އޮޅި ހިމެނޭ ސަރަހައްދުން އުޅަނދުތަކެއް ދަތުރު ކުރަމުން ދާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް | ރޮއިޓާސް
ހުރްމުޒް ކަނޑު އޮޅިން ދަތުރު ކުރަމުން ދިޔަ ތިން ތެޔޮ ޓޭންކަރަކަށް ހަމަލާދީ، އެ އުޅަނދުތައް ހުއްޓުވާފައިވާ ކަމަށް އީރާާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ.
މިކަން ހާމަކޮށްފައި ވަނީ އީރާންގެ ސަރުކާރާ ގުޅުން އޮންނަ، އެ ޤައުމުގެ ތަސްނީމް ނިއުސް އެޖެންސީ އިންނެވެ.
އައިއާރުޖީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ތިން ތެޔޮ ޓޭންކަރު ހުއްޓުވީ ނުރައްކާތެރި އަދި ޣައިރު ގާނޫނީ މަގަކުން ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެ އުޅަނދުތަކަށް ތަކުރާރުކޮށް އިންޒާރު ދިނުމުން ވެސް، އެ އިންޒާރުތަކަށް ބޯނުލަނބައި ކުރިޔަށް ދިޔުމުން ހަމަލާދީ ހުއްޓުވީ ކަމަށް އީރާންގެ އަސްކަރިއްޔާ އިން ބުނެ އެވެ.
މީގެ އިތުރުން އީރާން އިން ވަނީ އެމެރިކާ އަށް ވަރުގަދަ އިންޒާރެއް ވެސް ދީފައި އެވެ. އެގޮތުން ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާ އިން ކުރާ ޣައިރު ގާނޫނީ މުއާމަލާތްތަކަށް ނުވަތަ، އެމެރިކާގެ އަމުރުތަކަށް ތަބާވާ އެއްވެސް އުޅަނދަކަށް ދޫ ނުދޭނެ ކަމަށާއި، އެފަދަ ކޮންމެ އަމަލަކަށް ހަރުކަށި ޖަވާބެއް ދޭނެ ކަމަށް އައިއާރުޖީސީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ދުނިޔޭގެ ހަކަތައިގެ މުހިންމު މަގަކަށްވާ ހުރްމުޒް ކަނޑު އޮޅީގައި އީރާން އާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދާނެ ކަމެކެވެ. ނަމަވެސް ހުއްޓުވި ޓޭންކަރުތަކަކީ ކޮން ޤައުމުތަކަކަށް ނިސްބަތްވާ އުޅަނދުތަކެއް ކަމެއް އީރާން އިން މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.
މި ސަރަހައްދަކީ ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު ބައެއް އުފުލާ މުހިންމު ކަނޑުގެ ސަރަހައްދަކަށް ވުމާއެކު، މިފަދަ ހާދިސާތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އީރާން އިން މީގެ ކުރިން ވެސް ވަނީ އެކި ފަހަރު މަތިން މި ސަރަހައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުތައް ހުއްޓުވައި ހިފަހައްޓާފައި އެވެ.
މަސްދަރު: އަލް ޖަޒީރާ










