ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!
30 ޖުލައި 2026 | ބުރާސްފަތި 08:02މިދިޔަ ހަފުތާގައި ސްކޭމްގެ އެކި މައްސަލަތަކުގައި އާންމުންގެ އަތުން 1.8 ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން 72,073 ރުފިޔާ ފުލުހުން ވަނީ ހޯދާފައި. މި ދުވަސްވަރު ބުކިން ކެންސަލްކޮށްގެން ފައިސާ ހޯދާ ސްކޭމްތައް އިތުރުވަމުންދާތީ، ބޭންކް ސްޓޭޓްމަންޓުން ފައިސާ ޖަމާވިކަން ކަށަވަރުނުކޮށް އެއްވެސް މުއާމަލާތެއް ނުހިންގުމަށް ފުލުހުން އިލްތިމާސްކުރޭ


އޮންލައިން ސްކޭމް ހަރަކާތްތަކާއި ސައިބަރ ކްރައިމް ދައްކުވައިދޭ ކޮންސެޕްޓް ފޮޓޯއެއް، ފޭސްބުކް މާކެޓްޕްލޭސް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މަކަރުވެރިން ޑިޖިޓަލް ޑިވައިސްތަކާއި ހީލަތުގެ މުއާމަލާތްތަކުން ޝިކާރައަކަށް ހަދާގޮތް ދައްކުވައިދޭ | ރާއްޖެއެމްވީ
މި ހިނގާ ޖުލައި މަހުގެ 19 އިން 25 އަށް އެންޓި-ސްކޭމް ސެންޓަރަށް ސްކޭމްގެ 33 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި، މިދުވަސްވަރު ބުކިންގ ސްކޭމްތައް އިތުރުވަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ފާހަގަކުރާ ގޮތުގައި މި ދުވަސްވަރު އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ ބުކިން ކެންސަލްކުރުން ނުވަތަ ރިފަންޑް ސްކޭމްތައް އިތުރުވުމެވެ. މިކަން ހިންގާ ގޮތަށް ބަލާއިރު، ސްކޭމް ހިންގާ ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހޮޓާ، ގެސްޓްހައުސް ނުވަތަ އެޕާޓްމަންޓްތަކަށް ގުޅައި ބުކިން ހަދަ އެވެ.
އެއަށްފަހު ފައިސާ ދެއްކިކަމުގެ ފޭކް ރިސީޓެއް ނުވަތަ ޓްރާންސްފާ ސްލިޕެއް ފޮނުވުމަށްފަހު، ކުއްލި ހާލަތެއް ދިމާވެގެން ބުކިން ކެންސަލްކުރަން ޖެހިއްޖެ ކަމަށް ބުނެ ވަގުތުން ފައިސާ އަނބުރާ ދިނުމަށް އެދެ އެވެ.
މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، ހަމައެކަނި ޕޭމަންޓް ސްލިޕަކަށް ނުވަތަ ޓްރާންސްފާ ކުރި ކަމަށް ދައްކާ ސްކްރީންޝޮޓަކަށް ބަލައި ފައިސާ އަނބުރާ ނުފޮނުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ. އަދި ފައިސާ ހަގީގަތުގައިވެސް އެކައުންޓަށް ޖަމާވިކަން ބޭންކް ސްޓޭޓްމަންޓް މެދުވެރިކޮށް އަބަދުވެސް ކަށަވަރުކުރަންޖެހެ އެވެ.
މިދިޔަ ހަފްތާގައި ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، އެ މައްސަލަތަކުގައި އާންމުންގެ އަތުން 184,235 (އެއްލައްކަ އައްޑިހަ ހަތަރުހާސް، ދުއިސައްތަ ތިރީސް ފަސް ރުފިޔާ) ގެއްލިފައިވާއިރު، ކަމާބެހޭ އިދާރާތަކުން ކުރި މަސައްކަތުން ގެއްލުނު ފައިސާގެ ތެރެއިން 72,073 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް އެ ސެންޓަރުން ހާމަކުރެ އެވެ.
ވޭތުވެދިޔަ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ މުއާމަލާތްތަކާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން އޮންލައިން ވިޔަފާރީގެ 16 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، ބުކިން ކެންސަލްކުރުމާއި ރިފަންޑް ހޯދުމުގެ 7 މައްސަލައަކާއި، އޮންލައިންކޮށް ހިންގާ އެކި އެކި މަކަރާއި ހީލަތުގެ 5 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ 4 މައްސަލައެއްގެ އިތުރުން، މީހެއްގެ ފޭކް އައިޑީ ބޭނުންކޮށްގެން ނުވަތަ އޮޅުވާލައިގެން ފައިސާ ހޯދުމުގެ (އިމްޕާސަނޭޝަން) މައްސަލައެއްވެސް މި މުއްދަތުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.
މިފަދަ ސްކޭމްތައް ހިންގުމަށް މަކަރުވެރިން ބޮޑަށް ބޭނުންކޮށްފައިވަނީ އޮންލައިން މެސެޖިންގ ޕްލެޓްފޯމްތަކާއި، ފޯނު ކޯލްތަކުގެ އިތުރުން ނޭނގޭ ލިންކުތަކެވެ. އަދި ރާއްޖޭގައި މަގުބޫލު އޮންލައިން މާކެޓްޕްލޭސްތައް ކަމަށްވާ އައިބޭ އަދި ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށްވެސް ގިނަ އަދަދެއްގެ މަކަރާއި ހީލަތުގެ މުއާމަލާތްތައް ހިންގާފައިވާކަން ފާހަގަކުރެވެ އެވެ.
މީގެ އިތުރުން، ފައިސާ އަނބުރާ ދިނުމުގައި ނުވަތަ ރިފަންޑް ކުރުމުގައި އެ ތަނެއްގެ ރަސްމީ އުސޫލުތަކާއި ބޭންކް ޓްރާންސްފާގެ މަރުހަލާތަކަށް ފުރިހަމައަށް ތަބާވުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން ބާރުއެޅި ނަމަވެސް، ކަންކަން ރަނގަޅަށް ކަށަވަރުނުކޮށް އަވަސްއަރުވާލައިގެން ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް އެންޓި-ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ.








