މި ހަފްތާގައި އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިއްޖެ
25 ޖުލައި 2026 | ހޮނިހިރު 12:33މި ހަފްތާގައި ރިޕޯޓުކުރި 43 ސްކޭމް މައްސަލައެއްގައި 2.5 ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާއިރު، ފުލުހުންގެ އަވަސް ފިޔަވަޅުތަކާއެކު އޭގެ ތެރެއިން 1.8 ލައްކަ ރުފިޔާ ވަނީ އަނބުރާ ހޯދާފައި. ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ހިންގާ މިފަދަ އޮޅުވާލުންތަކުން ސަލާމަތްވުމަށްޓަކައި، މުދާ ލިބުމުގެ ކުރިން ފައިސާ ނުފޮނުވުމަށާއި މުއާމަލާތްކުރާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރޭ


ރިޕޯޓުކުރި 43 ސްކޭމް މައްސަލައެއްގައި 2.5 ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާއިރު، ފުލުހުންގެ އަވަސް ފިޔަވަޅުތަކާއެކު އޭގެ ތެރެއިން 1.8 ލައްކަ ރުފިޔާ ވަނީ އަނބުރާ ހޯދާފައި | ޕޮލިސް
މި ހަފްތާގައި އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިއްޖެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ފޭސްބުކްގައި ހުކުރު ދުވަހު ކޮށްފައިވާ ޕޯސްޓުގައި ހާމަކޮށްފައި ވަނީ މި ހަފްތާގައި ޖުމްލަ 43 ސްކޭމްގެ މައްސަލަ އެއް ރިޕޯޓު ކޮށްފައިވާ ކަމަށާއި މި މައްސަލަތަކުގައި 254،517 (ދެ ލައްކަ ފަންސާސް ހަތަރުހާސް ފައްސަތޭކަ ސަތާރަ) ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށެވެ.
މި ސްކޭމްތަކަށް އޮންލައިން މެސެޖިން މަންސަތަކާއި، އައިބޭ، ފޯން ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓް ޕްލޭސް ފަދަ މަންސަތައް ވަނީ ބޭނުން ކޮށްފަކަމަށް ފުލުހުން ބުނެ އެވެ.
ހަމައެއާއެކު ފުލުހުންގެ ހިދުމަތުން ބުނެފައިވާ ގޮތުގައި އީ – ކޮމާރސް މެދުވެރިކޮށް 12 މައްސަލައެއް ހުށައަޅައިފައިވެ އެވެ. އަދި ފައިސާ މާރުކުރުމާ ގުޅޭ 2 މައްސަލަ އާއި، އިންޕާރސަނޭޝަންގެ 14 މައްސަލަ އަދި އެހެނިހެން 15 މައްސަލަ ވެސް ހުށަހަޅާފައިވެ އެވެ.
ނަމަވެސް އަވަސް ފިޔަވަޅުތަކާއެކު 188،799.72 (އެއް ލައްކަ އަށްޑިހަ އަށް ހާސް ހަތް ސަތޭކަ ނުވަދިހަ ނުވަ ރުފިޔާ ހަތްދިހަ ދެ ލާރި) ވަނީ ކާމިޔާބު ކަމާއެކު އަނބުރާ ހޯދައިފައި ކަމަށް ފުލުހުންގެ އިދާރާއިން ބުނެ އެވެ.
ސްކޭމްތަކުން ސަލާމަތްވުމަށް ފައިސާ ފޮނުވަން އެދޭ ފަރާތުގެ އެކައުންޓް ނަންބަރު ދިމާވޭތޯ ކަށަވަރުކޮށް އޮންލައިންކޮށް މުއާމަލާތް ކުރާއިރު ވާހަކާ ދައްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރަން ފުލުހުންގެ ހިދުމަތުން ވަނީ ރައްޔިތުންގެ ކިބައިން އެދިފަ އެވެ.
އަދި ގަނެފައިވާ މުދާ ނުލިބެނީސް ފައިސާ ނުފޮނުވުމަށާއި ފައިސާ ދިނުމުގައި އިތުބާރު ހިފޭ ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލުވުމަށް ވެސް ފުލުހުންގެ އިދާރާއިން ވަނީ އެދިފަ އެވެ.









