"އިންޑިއާ އައުޓް" ކެމްޕޭނަށް މަގުފަހިވީ ޒުވާނުންގެ އިގްތިސާދީ އަދި ސިޔާސީ ކަންބޮޑުވުންތައް ދެނެނުގަތުމުގެ ސަބަބުން: މާރިޔާ އަހްމަދު ދީދީ
30 ޖުލައި 2026 | ބުރާސްފަތި 08:14މުޒާހަރާތަކަކީ ހަމައެކަނި ސިޔާސީ މަގްސަދެއްގައި ކުރާ ކަމެއް ކަމަށް ބަލައި ދޫކޮށްލުމުގެ ބަދަލުގައި، ރައްޔިތުންގެ ހަގީގީ ޝުއޫރުތައް އަޑުއަހައި މުއައްސަސާތައް މެދުވެރިކޮށް ހައްލު ހޯދަންޖެހޭ ކަމަށް އެކަމަނާ ފާހަގަކުރެއްވި.

އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށްގެންދާ 'އިންޑިއާ އައުޓް' ކެމްޕޭނުގެ ހަރަކާތްތަކުގެ ތެރެއިން، އެ ކޯލިޝަނުން ބޭއްވި އިހުތިޖާޖެއްގައި މުހައްމަދު ސައީދު (މ) ބައިވެރިވެވަޑައިގަންނަވަނީ - 5 މާޗް 2022. | ސަން
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ކަމަށް ބުނެ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭނަށް މަގުފަހިވި ސަބަބުތަކުގެ ތެރޭގައި އިގްތިސާދީ ފަރަގުތަކާއި ވަޒީފާގެ ފުރުސަތުތައް މަދުވުން ހިމެނޭ ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ. މީގެ އިތުރުން ކޮރަޕްޝަނާއި، ދައުލަތް ހިންގުމުގެ ނިޒާމް ދޯހަޅިވުމާއި، ޖަވާބުދާރީވުމުގެ މައްސަލަތަކުގެ އިތުރުން، ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމުގައި ސިޔާސީ މުއައްސަސާތައް ނުކުޅެދިފައިވާ ކަމަށް ބުނެ އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތައް ހިމެނޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.
އިންޑިއާގެ "އައުޓްލުކް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ، ގައުމީ ވަންތަކަމާ ގުޅޭ ކަންބޮޑުވުންތަކާއި، ސިޔާސީ މަސްރަހު ބައިބައިވެފައި އޮތް މިންވަރުވެސް މީގައި ދައުރެއް އަދާކުރި ކަމަށެވެ. ސިޔާސީ ވާދަވެރިންނަކީ އިސްލާމްދީނާ ދެކޮޅު ބައެއްގެ ގޮތުގައި ދެއްކި ވާހަކަތަކުގެ ސަބަބުން މުޖުތަމައު ބައިބައިވެ، ސިޔާސީ ނުތަނަވަސްކަން އިތުރުވި ކަމަށާއި އަދި ސޯޝަލް މީޑިއާގެ ސަބަބުން ޒުވާނުން އެއްގަލަކަށް އަރުވައި، ސިޔާސީ އެކި ފިކުރުތައް ފެތުރުމަށް ފަސޭހަވެގެން ދިޔަ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
'އިންޑިއާ އައުޓް' ކެމްޕޭނަށް ބަލާއިރު، ގައުމުގެ ސިޔާދަތާއި ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނާ މައްސަލައަކީ މުހިންމު ކަމަކަށް ވެގެންދިޔަ ކަން މާރިޔާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް، މި ކެމްޕޭން ހިންގީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހޫނުވެފައި އޮތް ދަނޑިވަޅެއްގައިކަމުން، ސިޔާދަތާ ގުޅޭގޮތުން ރައްޔިތުންގެ ހިތުގައި އޮތް ހަގީގީ ކަންބޮޑުވުންތަކާއި، ސިޔާސީ ބޭނުމަށްޓަކައި އުފައްދާފައިވާ ވާހަކަތައް ވަކިކޮށް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.
ޒުވާނުންގެ ޝުއޫރުތައް ދެނެގަތުމުގައި ދިވެހި ސަރުކާރަށް ނާކާމިޔާބުވީތޯ ދެންނެވުމުން މާރިޔާ ވިދާޅުވީ، "އެއްގޮތަކުން ބަލާއިރު އާނއެކެވެ". އިގްތިސާދީ ދަތިތަކާއި، ފުރުސަތުތައް ނެތުމާއި، ދައުލަތް ހިންގުމުގެ ނިޒާމާ މެދު ޒުވާނުންގެ މެދުގައި އޮތް ނުރުހުން ސަރުކާރަށް ވަޒަން ނުކުރެވުނީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ސަރުކާރަކުން ޒުވާނުންނާ ގާތުން މުއާމަލާތް ނުކުރާ ނަމަ ނުވަތަ އެމީހުންގެ އަޑު ނާހާ ނަމަ، ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ކެނޑިގެންދާ ކަމަށާއި މިއަދުގެ ޒުވާނުންނަކީ ސިޔާސީ ގޮތުން ހޭލުންތެރި، މައުލޫމާތު ލިބިފައިވާ އަދި ފާޅުގައި ވާހަކަދައްކާ ބައެއް ކަމަށް މާރިޔާ ވިދާޅުވި އެވެ. އެހެންކަމުން، ޒުވާނުންގެ ނުރުހުން ބޮޑުވުމުގެ ކުރިން ސަރުކާރުތަކުން އެމީހުންގެ އަޑުއަހަން ޖެހޭ ކަމަށެވެ.
ހަގީގީ ކަންބޮޑުވުމެއްގެ މައްޗަށް ބިނާވެފައިވާ މުޒާހަރާއަކާއި، ސިޔާސީ ބޭނުމަކަށް ހިންގާ ކުރު މުއްދަތުގެ މުޒާހަރާއެއް ވަކިކުރާނީ ކިހިނެއްތޯ ދެންނެވުމުން މާރިޔާ ވިދާޅުވީ، އޭނާ އަށް ގަބޫލުކުރެއްވޭ ގޮތުގައި، މުޒާހަރާއެއްގައި މުޖުތަމައުގެ އެކި ފަންތީގެ މީހުން ގިނަ ދުވަސްތަކެއް ވަންދެން ބައިވެރިވާ ނަމަ، އަދި އެއީ ވަކި ސިޔާސީ ދަނޑިވަޅަކަށް އަމާޒުކޮށްގެން ކުރާ ކަމަކަށް ނުވާ ނަމަ، އެއީ ހަގީގީ ކަންބޮޑުވުމެއްގެ މައްޗަށް ބިނާވެފައިވާ މުޒާހަރާއެކެވެ.
ސަރުކާރުތަކުން މައްސަލަތަކަށް އިންސާފުވެރިކަމާއެކު ބަލަންޖެހޭ ކަމަށާއި، މުޒާހަރާގެ ބައިވެރިންނާ ސީދާ ބައްދަލުކޮށް، އާންމު ހިޔާލު ހޯދުމުގެ ސާވޭތަކާއި މުއައްސަސާތައް މެދުވެރިކޮށް ރައްޔިތުންގެ ހަގީގީ ކަންބޮޑުވުންތައް ދެނެގަންނަން ޖެހޭކަމުގައި މާރިޔާ ވިދާޅުވި އެވެ.
"ހުރިހާ މުޒާހަރާއަކީ ސިޔާސީ މަގްސަދެއްގައި ކުރާ ކަމެއް ކަމަށް ބުނެ ދޫކޮށްލައިގެން ނުވާނެ."
މުޒާހަރާތަކަށް ބޭރުގެ ނުފޫޒު ފޯރާފައިވަނީ ކިހާ މިންވަރަކަށް ކަމަށް ގަބޫލުކުރައްވަންތޯ ދެންނެވުމުން މާރިޔާ ވިދާޅުވީ، ބޭރުގެ ފަރާތްތަކުން ފައިސާގެ އެހީއާއި، މީޑިއާ މެދުވެރިކޮށް ނުވަތަ ޑިޕްލޮމެޓިކް ފިއްތުންތަކުގެ އެހީގައި މުޒާހަރާތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނަ ކަމަށެވެ. ނަމަވެސް އެއީ މާ ބޮޑު ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ގިނަ ހާލަތްތަކުގައި މައްސަލަ އުފެދެނީ ގައުމުގެ އެތެރޭގެ ކަންކަމާ ހުރެގެން. ބޭރުގެ ފަރާތްތަކުން އެ ނުރުހުންތެރިކަން ބޭނުންކޮށްގެން ކަންކަން އިތުރަށް ގޯސްކޮށްފާނެ. އެކަމަކު މުޒާހަރާއެއް ކުރިއަށްދާނީ އެ ގައުމެއްގެ ރައްޔިތުންގެ ހަގީގީ ކަންބޮޑުވުންތަކެއް ހުރެގެން،" މާރިޔާ ވިދާޅުވި އެވެ.









