2028ގެ އިންތިޚާބުގައި ރައީސް މުއިއްޒު %5 އަށް ވުރެ ދަށުން ބަލި ވާނެ: މާރިޔާ
މާރިޔާ ވިދާޅުވީ ރައީސް މުއިއްޒު ކަންތައްތައް ކުރައްވަމުން ގެންދަވަނީ ރާއްޖެ އަކީ އެބޭފުޅާގެ މިލްކިއްޔާތެއް ކަމަށް ދެކިވަޑައިގެން، ހިތުހުންނެވި ގޮތަކަށް ކަމަށް


އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ
2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާދަކުރައްވައިފި ނަމަ، 5 އިންސައްތަ އަށް ވުރެ ދަށުން ބަލި ވާނެ ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީއިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރައީސް މުއިއްޒު ކަންތައްތައް ކުރައްވަމުން ގެންދަވަނީ ރާއްޖެ އަކީ އެބޭފުޅާގެ މިލްކިއްޔާތެއް ކަމަށް ދެކެވަޑައިގެން، ހިތުހުންނެވި ގޮތަކަށް ކަމަށެވެ.
ޑރ. މުއިއްޒު ކަން ކުރައްވަމުން ގެންދަވަނީ މުޅި މި ރާއްޖެ އަކީ އޭނަގެ މިލްކިއްޔާތެއް ކަމަށް ދެކެވަޑައިގެން، ދަންނަވަން އެބައޮތް ޕާލިމެންޓްރީ މެޖޯރިޓީ އެބޭފުޅާއަށް ލިބުނީމަ ނުވަތަ އެބޭފުޅާއަށް ވެރިކަން ލިބުނީމަ މި ރާއްޖޭގެ މިލްކުވެރިކަން އެބޭފުޅާއަށް ލިބުނީ އެއް ނޫންމާރިޔާ އަހްމަދު ދީދީ
ޕީއެންސީގެ ފިކުރު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ފެނިގެން ދަނީ ދިވެހި ރައްޔިތުން އަޅުވެތި ކުރުމާއި ހައްޤުތައް ނިގުޅައިގަންނަން މަސައްކަތް ކުރާ ތަން ކަމަށް މަރިޔާ ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު ވަޒީފާތަކަށް މީހުން އައްޔަންކުރައްވަމުން ގެންދަވަނީ ވެސް، އެއްވެސް ގޮތަކަށް ރައްޔިތަކަށް ހެޔޮ އެދިވަޑައިގެން ނޫން ކަމަށާއި، ބޭނުމަކީ މުސާރަ ދީފައި އަޅުވެތި ކުރުން ކަމަށް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ރައީސް މުއިއްޒު 2028 ގެ އިންތިޚާބުގައި ވާދަކުރައްވައިފި ނަމަ، ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކު އަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެން ވަރު ވެސް ނުލިބޭނެ ކަމަށެވެ.
އަޅުގަނޑަށް ފެންނަތާގައި ޑރ ވަޙީދަށް ވުރެ ކުޑަ ޕަސަންޓޭޖެއް ޑރ މުއިއްޒު ދެން ނުކުމެއްޖެ ކަމަށް ވަންޏާ ލިބޭނީ، 5 ޕަސަންޓަށްވުރެ ތިރިން އެބޭފުޅާ ބަލިވެގެން ދާނެމާރިޔާ އަހްމަދު ދީދީ
މީގެ އިތުރުން މާރިޔާ ވިދާޅުވީ އެއްވެސް މަސައްކަތެއް ރައީސް މުއިއްޒުއަށް ނުކުރެއްވޭ ކަމަށާއި ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދު ކަމަށްވާ، އިންޑިއާ ސިފައިން ބޭރުކުރުން، މިކަން ވެސް ހާސިލު ނުކުރެއްވުނު ކަމަށެވެ.









