އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި، ރައީސް އާ ބެހޭ ގޯސް ވާހަކަތައް ލިޔަން ނޫސްވެރިންނަށް ޗައިނާ އިން ފައިސާ ދޭން އުޅުނު: ޓްރަމްޕް
2020 ވަނަ އަހަރުގެ އިންތިޚާބަށް ޗައިނާއިން ނުފޫޒު ފޯރުވި ކަމަށް ބުނެ ޓްރަމްޕް ކުރެއްވި ތުހުމަތުތައް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ވަނީ ދޮގުކޮށްފައެވެ. ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ދިމާކޮށް ޓްރަމްޕް މިފަދަ ވާހަކަތައް ދައްކަވަނީ އިންތިޚާބީ ނިޒާމަށް އޮތް އިތުބާރު ކުޑަކުރުމަށް ކަމަށް ބުނެ ޑިމޮކްރެޓުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ޚިތާބެއްގައި، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޗައިނާއިން ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެއްވި | ގެޓީ އިމޭޖަސް
2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޗައިނާއިން ނުފޫޒު ފޯރުވާފައިވާ ކަމަށާއި، އެމެރިކާގެ ރައީސް އާ ބެހޭ ގޮތުން ގޯސް ވާހަކަތައް ލިޔަން ޗައިނާ އިން ނޫސްވެރިންނަށް ފައިސާ ދިން ކަމަށް ތުހުމަތު ކުރައްވައި، އެމެރިކާގެ ވޯޓުލުމުގެ ނިޒާމުގައި "ސިއްސައިގެންދާ ފަދަ ނާޒުކު ކަންތައްތަކެއް" ހުރި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ގައުމާ މުޚާތަބުކުރައްވައި ދެއްވި ޚާއްސަ ތަގުރީރެއްގައި، ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި ހުންނަވައި ބުރާސްފަތި ދުވަހު ދެއްވި މި ތަގުރީރުގައި ޓްރަމްޕް ވަނީ، ޖޯ ބައިޑަންއާ ވާދަކުރައްވައި ނާކާމިޔާބުވި 2020 ވަނަ އަހަރުގެ އިންތިޚާބުގައި އޮޅުވާލުންތަކާއި ބޭރުގެ ނުފޫޒު އޮތް ކަމަށް ވިދާޅުވެ، އެއްވެސް ހެއްކެއް ނެތް ތުހުމަތުތައް އަނެއްކާވެސް ތަކުރާރުކުރައްވާފަ އެވެ.
ޓްރަމްޕް ގައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިން
މިޑްޓާމް ނުވަތަ ދައުރުގެ މެދުތެރެއިން އެމެރިކާގައި ބާއްވާ އިންތިޚާބަށް ތިން މަސް ދުވަހަށް ވެފައި ވަނިކޮށް ދެއްވި ބައިގަޑިއިރުގެ މި ތަގުރީރުގައި ޓްރަމްޕް ވިދާޅުވީ، ބައިޑަންއަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ޗައިނާގެ ސަރުކާރުން މަސައްކަތްކުރި ކަމަށް ބުނާ ސިއްރު ލިޔެކިޔުންތަކެއް އޭނާ މިހާރު އާންމުކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް، އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން މީގެ ކުރިން ނިންމާފައިވަނީ 2020 ވަނަ އަހަރުގެ އިންތިޚާބަށް ޗައިނާއިން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށެވެ.
ޓްރަމްޕްގެ ވާހަކަފުޅުގައި، 220 މިލިއަން ވޯޓުލާ މީހުންގެ އަމިއްލަ މައުލޫމާތު ހިމެނޭ ފައިލްތަކެއް ޗައިނާއިން "ޣައިރު ގާނޫނީ ގޮތެއްގައި ހޯދާފައިވާ" ކަމަށް ތުހުމަތުކުރެއްވި އެވެ.
އެމެރިކާގެ 18 ސްޓޭޓެއްގެ ވޯޓުލާ މީހުންގެ މައުލޫމާތު ޗައިނާއިން "ގަނެ، ވަގަށް ނަގައި ނުވަތަ ހެކްކޮށްފައިވާ" ކަމަށާއި، މިކަމުގެ އިންޒާރު ދޭންޖެހޭ ފަރާތްތަކުން ސަރުކާރުގެ އިސްވެރިންނަށާއި ކޮންގްރެސްއަށް އެކަން އަންގާފައި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެހެންނަމަވެސް، ޗައިނާއިން ހޯދި ކަމަށް ބުނާ އެ މައުލޫމާތު ބޭނުންކޮށްގެން ވޯޓުލާ ނިޒާމަށް ބަދަލު ގެނައިކަމުގެ ނުވަތަ އިންތިޚާބުގެ ނަތީޖާއަށް އަސަރު ފޯރުވިކަމުގެ އެއްވެސް ހެއްކެއް ޓްރަމްޕް ދައްކަވާފައެއް ނުވެ އެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ވޮޝިންގްޓަންގައި ހުންނަ ޗައިނާ އެމްބަސީން ރޮއިޓާސްއަށް ބުނީ، ބެއިޖިންގް އިން ދުވަހަކުވެސް އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ.
މިކަމާ ގުޅިގެން ޑިމޮކްރެޓުން ބުނީ، ކުރިއަށް އޮތް ނޮވެމްބަރު މަހުގެ މިޑްޓާމް އިންތިޚާބުގެ ސައްހަކަމާ މެދު ޓްރަމްޕް ސުވާލު އުފައްދަން މަސައްކަތް ކުރައްވަނީ، އޭނާގެ ރިޔާސީ ދައުރުގެ ބާކީ އޮތް ބައިގައި ކޮންގްރެސްގެ ކޮންޓްރޯލް އޮންނާނެ ފަރާތެއް ކަނޑައަޅާނީ އެ އިންތިޚާބުން ކަމަށްވާތީ ކަމަށެވެ.
"އަޅުގަނޑުމެން ސާފުކޮށްލަން ބޭނުން - އެމެރިކާގައި ލީޑަރުން ހޮވަނީ ރައްޔިތުން، ލީޑަރުންނެއް ނޫން ރައްޔިތުން ހޮވަނީ،" ޓްރަމްޕްގެ ތަގުރީރަށްފަހު ސެނެޓްގެ ޑިމޮކްރެޓިކް ލީޑަރު ޗަކް ޝޫމަރ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.
ރައީސް ޓްރަމްޕްގެ މި ވާހަކަތަކަކީ އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން މީގެ ކުރިން ނެރެފައިވާ ރިޕޯޓުތަކާ ފުށުއަރާ ވާހަކަތަކެކެވެ. އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސް ކައުންސިލުން 2021 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޗައިނާއިން ނުފޫޒު ފޯރުވާފައި ނުވާކަން "ވަރަށް ބޮޑަށް ޔަގީންކުރެވޭ" ކަމަށެވެ.
"އަޅުގަނޑުމެންގެ ވަޒަންކުރުންތަކުން ދައްކާ ގޮތުގައި، އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށް ޗައިނާއިން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ޗައިނާއިން އެފަދަ ކަމެއް ނުކުރީ، އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އެއީ އެ ގައުމަށް އެހާ ބޮޑު ފައިދާއެއް އޮތް ކަމަކަށް ނުވާތީއާއި، އެފަދަ ކަމެއް ކުރަނިކޮށް ފަޅާއަރައިފިނަމަ ކުރިމަތިވެދާނެ ނުރައްކަލަކަށް ބަލާފައި ކަމަށް ލަފާކުރެވޭ ކަމަށެވެ.
ޓްރަމްޕް ވައިޓް ހައުސްގައި މި ތަގުރީރު ދެއްވީ، ވޮޝިންގްޓަން ޕޯސްޓް-އިޕްސޯސް އިން ނެރުނު އާ ޚިޔާލު ހޯދުމުގެ ވޯޓަކުން، އޭނާއަށް އޮތް ތާއީދު 37 އިންސައްތައަށް ދަށްވެފައިވާކަން ހާމަވި ފަހުންނެވެ. ގިނަ ރައްޔިތުން ތިބީ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި އީރާނާއެކު ހިނގަމުންދާ ހަނގުރާމައާ މެދު މާޔޫސްވެފަ އެވެ.
ތަގުރީރުގެ އެހެން ހިސާބެއްގައި ރައީސް ޓްރަމްޕް ތުހުމަތުކުރެއްވި ގޮތުގައި، އެމެރިކާގެ ވޯޓުލާ މެޝިންތަކަކީ ރަޝިއާ، ޗައިނާ އަދި އީރާން ފަދަ ބޭރުގެ ދުޝްމަނުންގެ ނުފޫޒު ފޯރުވުމަށް "ވަރަށް ބޮޑަށް ހުޅުވިފައިވާ" އެއްޗެހިތަކެކެވެ.
އެމެރިކާގެ އިންތިޚާބީ އޮނިގަނޑުގައި ހުރި ބައެއް އުނިކަންކަމަކީ މީގެ ކުރިންވެސް ފާހަގަކުރެވިފައިވާ ކަންކަމެވެ. ޓްރަމްޕް ކާމިޔާބުކުރެއްވި 2016 ވަނަ އަހަރުގެ އިންތިޚާބަށްފަހު، ރަޝިއާއިން ހެކްކުރުމާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ނުފޫޒު ފޯރުވުމުގެ މަސައްކަތްތަކެއް ކޮށްފައިވާކަން އިންޓެލިޖެންސް އިދާރާތަކަށް ފެނުމުން، ބައެއް ކަންކަން ވަނީ އިސްލާހުކޮށްފަ އެވެ.
މީގެ އިތުރުން، އެމެރިކާގެ ރައްޔިތުން ނޫން 278،000 މީހުން ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ފާހަގަކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް އެއިން އެއްވެސް މީހަކު ވޯޓުލީ ކަމެއް ނުވަތަ އިންތިޚާބުގެ ނަތީޖާއަށް އެކަމުން އަސަރެއް ކުރިކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
ޓްރަމްޕްގެ ތަގުރީރުގައި އެމެރިކާގެ ރައީސް އާ ބެހޭ ގޮތުން ނުބައި ޚަބަރުތައް ފެތުރުމަށް ޗައިނާއިން ނޫސްވެރިންނަށް ފައިސާ ދޭން އުޅުނު ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.
"އެމެރިކާގެ ރައީސާ ބެހޭގޮތުން ނުބައި ރިޕޯޓުކުރާ ނޫސްވެރިން ދެނެގަނެ، އޭނާއާ ބެހޭގޮތުން ވީހާވެސް ގިނަ ނުބައި ލިޔުންތައް ލިޔުމަށް ޗައިނާ ސަރުކާރުން ބޮޑެތި އަދަދުތަކުން ފައިސާ ދޭން މަސައްކަތްކުރި. އެމީހުން ލިޔަނީ ކީކޭތޯ ޗައިނާއަކުން އަޅައެއް ނުލާ،" އެއްވެސް މިސާލެއް ނުދައްކަވައި ޓްރަމްޕް ވިދާޅުވި އެވެ.
"ޗައިނާ ސަރުކާރުން ބޭނުންވީ ކުރިއަށް އޮތް އިންތިޚާބުން އެމެރިކާގެ ރައީސް ބަލިކުރަން."
ޓްރަމްޕް ގައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިން
2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އޭނާ ބަލިވީ "އޮޅުވާލައިގެން" އަދި "ވޯޓު ވަގަށް ނަގައިގެން" ކަމަށް ބުނެ އެއްވެސް އަސާސެއް ނެތް ވާހަކަތައް ޓްރަމްޕް ދައްކަވާތާ އަހަރުތަކެއް ވެއްޖެއެވެ.
އެ އިންތިޚާބު ކާމިޔާބު ކުރެއްވީ ހަގީގަތުގައި އޭނާ ކަމަށް ބުނެ ކުރިން ދައްކަވަމުން ގެންދެވި ދޮގު ވާހަކަތައް މިފަހަރު ޓްރަމްޕް ތަކުރާރެއް ނުކުރައްވައެވެ. ނަމަވެސް، ސިއްރުން އާންމުކުރި ސަރުކާރުގެ ލިޔެކިޔުންތަކަށް އިޝާރާތްކުރައްވައި، އިންތިޚާބުގެ ނަތީޖާއާ މެދު ޝައްކު އުފެއްދުމަށް އޭނާ މަސައްކަތް ކުރެއްވިއެވެ.
އެހެންނަމަވެސް، އެ ލިޔެކިޔުންތަކުން ފެންނަން އޮތީ ޓްރަމްޕް ސިފަކުރެއްވި ގޮތަށްވުރެ ތަފާތު މަންޒަރެކެވެ. އަދި އޭނާ އެ ވިދާޅުވާ ފަދަ ރޭވުމެއް އޮތްކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް އެ ލިޔުންތަކަކުން ނުފެނެއެވެ.
ތަގުރީރަށްފަހު ޑިމޮކްރެޓުން ވަނީ، ނޮވެމްބަރު މަހުގެ މިޑްޓާމް އިންތިޚާބަށް މަދު މަސްތަކެއް ވެފައި ވަނިކޮށް، އާންމުންނަށް އޮޅުވާލައި އެމެރިކާގެ އިންތިޚާބީ ނިޒާމަށް އޮތް އިތުބާރު ކުޑަކުރުމަށް ޓްރަމްޕް މަސައްކަތް ކުރައްވާ ކަމަށް ބުނެ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.










