ބައިޑަންގެ ވެރިކަމުގެ ދުވަސްތަކަށް ޚާއްސަކޮށް ފޮތެއް ލިޔުއްވައިފި، ނޮވެމްބަރު މަހު ނެރެނީ
އެމެރިކާގައި ނޮވެމްބަރު މަހު އޮންނަ މިޑް ޓާމް އިންތިޚާބުގެ ފަހުން ނެރުމަށް ހަމަޖެހިފައިވާ މި ފޮތުގެ ނަމަކީ، "ޕްރޮމިސް މީ އެމެރިކާ". މި ފޮތް ނެރުމަށް ބައިޑަން ނިންމަވާފައި ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު


އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން | ގެޓީ އިމޭޖަސް
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ހަޔާތްޕުޅާއި، ވެރިކަމުގެ ދުވަސްތަކުގެ މައްޗަށް ފޮތެއް ލިޔުއްވުމަށް ފަހު ނެރެން ތަައްޔާރުވެއްޖެ އެވެ.
އެމެރިކާގައި ނޮވެމްބަރު މަހު އޮންނަ މިޑް ޓާމް އިންތިޚާބުގެ ފަހުން ނެރުމަށް ހަމަޖެހިފައިވާ މި ފޮތުގެ ނަމަކީ، "ޕްރޮމިސް މީ އެމެރިކާ" އެވެ. މި ފޮތް ނެރުމަށް ބައިޑަން ނިންމަވާފައި ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
މި ފޮތާ ގުޅޭ ގޮތުން ބައިޑަން ނެރުއްވި ވީޑިއޯ ބަޔާނެއްގައި ވިދާޅުވީ، މިއީ އެމެރިކާ އަށް ކުރިމަތިވި ގޮންޖެހުންތަކާއި، އޭނާ ނިންމެވި ނިންމުންތަކުގެ އިތުރުން، އެމެރިކާގެ މުސްތަޤުބަލާ މެދު އޮތް އުންމީދުތަކުގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ފޮތެއް ކަމަށެވެ. މި ފޮތުގައި އެމެރިކާގެ އިޤްތިޞާދީ ޙާލަތާއި، ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތި ނުލެއްވުމަށް ނިންމެވި ނިންމެވުމުގެ ތަފްސީލުތައް ހިމެނޭނެ ކަމަށް ބައިޑަން ވިދާޅުވި އެވެ.
ނޮވެމްބަރު މަހުގެ އިންތިޚާބަށް ފަހު މި ފޮތް ނެރުމަށް ނިންމުމުން ޑިމޮކްރަޓިކް ޕާޓީގެ ބައެއް އިސް ބޭފުޅުންގެ މެދުގައި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައި އެވެ. އެ ޕާޓީގެ ލީޑަރުން ބޭނުން ވަނީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކަށް އަމާޒު ކުރުމަށެވެ. ނަމަވެސް، ބައިޑަންގެ މި ފޮތުގެ ސަބަބުން، ދެ ވަނަ ދައުރަަކަށް ކުރިމަތިލެއްވުމަށް އޭނާ ގެންގުޅުއްވި ގޮތް ދޫނުކުރުމުގެ ސިޔާސަތާއި، އޭނާގެ ޞިއްޙީ ޙާލަތާ މެދު އަލުން ބަހުސްތަކެއް އުފެދިދާނެ ކަމަށް ބެލެވެ އެވެ.
ބައިޑަންގެ ވެރިކަމުގެ ދައުރުގެ ތެރޭގައި ޔޫކްރެއިނާއި، މެދުއިރުމަތީގެ ހަނގުރާމަތަކާއި، އިންފްރާސްޓްރަކްޗާ ބިލް ފަދަ މުހިންމު ކަންތައްތަކެއް ހިނގާފައި ވީ ނަމަވެސް، ގިނަ ބަޔަކު މި ފޮތުން އުންމީދު ކުރަނީ ބައިޑަންގެ ޞިއްޙީ ޙާލަތާ ގުޅޭ މައުލޫމާތުތައް ހޯދުމަށެވެ. ޚާއްސަކޮށް 2014 ވަނަ އަހަރުގެ ޖޫން މަހު ޓްރަމްޕް އާއެކު ބޭއްވި ރިޔާސީ ބަހުސްގައި ބައިޑަންގެ ފަރާތުން ފެނުނު ބަލިކަށި ކަމުގެ ސަބަބުން އޭނާ ވަނީ ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައި އެވެ. އެފަހަރު ބައިޑަންގެ ބަދަލުގައި ވާދަ ކުރެއްވީ އޭނާގެ ނައިބު ރައީސް ކަމަލާ ހެރިސް އެވެ.

2024 ވަނަ އަހަރު އޮތް ރިޔާސީ ބަހުސްގައި ބައިޑަން އާއި ޓްރަމްޕް | ރޮއިޓާސް
ބައިޑަންގެ އަނބިކަނބަލުން ޖިލް ބައިޑަން ލިޔުއްވި ފޮތެއްގައި ވިދާޅުވެފައި ވަނީ، އެ ބަހުސްގެ ތެރޭގައި ބައިޑަން ފެނުނީ ވަރަށް ބަލިކަށިކޮށް ކަމަށާއި، އޭނާ އަށް ސްޓްރޯކެއް ޖެހެނީ ކަމަށް ހީވި ކަމަށެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު ނެރުނު "އޮރިޖިނަލް ސިން" ފޮތުގައި ވެސް ވަނީ ބައިޑަންގެ ސިއްހީ ހާލަތު ގޯސްވަމުން ދިޔަ މިންވަރު ވައިޓް ހައުސް އިން ސިއްރު ކުރި ކަމަށް ތުހުމަތު ކޮށްފައި އެވެ. ބައިޑަން ވަނީ އޭނާ އަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން، 2025 ވަނަ އަހަރު އިއުލާނު ކުރައްވާފައި އެވެ.
އުމުރުފުޅުން 84 އަހަރު ފުރެން ތިން ދުވަހަށް ވެފައި ވަނިކޮށް ނެރޭ މި ފޮތަކީ ބައިޑަން ލިޔުއްވާ ތިން ވަނަ ފޮތެވެ. މީގެ ކުރިން 2008 ވަނަ އަހަރު "ޕްރޮމިސަސް ޓު ކީޕް"، އަދި 2017 ވަނަ އަހަރު ދަރިކަލުން ބޯ ބައިޑަންގެ މަރުގެ މައްޗަށް ބިނާކޮށް "ޕްރޮމިސް މީ، ޑޭޑް" ގެ ނަމުގައި ފޮތެއް ނެރުއްވި އެވެ.
ބައިޑަން ވިދާޅުވީ މިހާރު އޭނާ ވަގުތު ހޭދަ ކުރައްވަނީ އާއިލާ އާއެކު ކަމަށާއި، ކެންސަރުގެ ފަރުވާ ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށްދާ ކަމަށެވެ. މި ފޮތް ނެރުމަށް ފަހު ފޮތް އިޝްތިހާރު ކުރުމުގެ ދަތުރުތަކާއި، އިންޓަވިއުތައް ދިނުމަށް ބައިޑަން ވަނީ ނިންމަވާފައި އެވެ.
މަސްދަރު: ރޮއިޓާސް










