މުވައްޒަފުން ވަކިކުރާތީ ހުށަހެޅި ޤަރާރު ޖަނާބަށްވީ "ބޭޤަރާރަކަށް"، ވިދާޅުވީ އެ ޤަރާރުގެ ސަބަބުން ވަގުތު ބޭކާރުވާކަމަށް
28 ޖުލައި 2026 | އަންގާރަ 08:52ސަރުކާރުން މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި ގަރާރަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ މަގުސަދެއް އޮތް ކަމެއް ކަމަށް ވިދާޅުވެ، މެންބަރު އިބްރާހީމް މުޙައްމަދު އެ ގަރާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. މިފަދަ ކަންކަމުގެ ސަބަބުން މަޖިލީހުގެ ވަގުތު ބޭކާރުވާކަން ފާހަގަކުރައްވައި، މިއީ ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރާ ކަމެއް ކަމަށް އޭނާ ސިފަކުރެއްވި


ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) | ރައްޔިތުންގެ މަޖިލިސް
މި ސަރުކާރުން ގިނަ އަދަދެއްގެ މުވައްޒަފުން ނުޙައްޤުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރަށް، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު) ވަރަށް ބޮޑަށް ފާޑުވިދާޅުވެ މަލާމަތް ކުރައްވައިފި އެވެ.
މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވީ، އެމްޑީޕީން ހުށަހަޅާފައިވާ މި ޤަރާރަކީ އެއްވެސް އަސާސެއް ނެތް "ބޭޤަރާރެއް" ކަމަށެވެ. އަދި މިއީ ހަގީގަތާ ޚިލާފު ދޮގު ތުހުމަތުތަކެއް ސަރުކާރުގެ ބޮލުގައި އެޅުވުމަށްޓަކައި ސިޔާސީ މަގުސަދެއްގައި ހުށަހަޅާފައިވާ މައްސަލައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޖަނާބު ވިދާޅުވީ، މިފަދަ އެއްވެސް އަސާސެއް ނެތް ޤަރާރުތައް މަޖިލީހަށް ހުށަހެޅުމުގެ ސަބަބުން މަޖިލީހުގެ އަގުހުރި ވަގުތުތައް ބޭކާރުވުން ނޫން ކަމެއް ނުވާނެ ކަމަށެވެ. އެހެންކަމުން މި ޤަރާރަށް އެއްވެސް ވަރަކަށް ތާއީދު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޤަރާރަކީ ބޭޤަރާރެއް، މިއީ ހަގީގަތާ ޚިލާފު ތުހުމަތު ސަރުކާރުގެ ބޮލުގައި އެޅުވުމަށް ހުށަހަޅާފައިވާ ޤަރާރެއް، މިފަދަ ޤަރާރުތަކުގެ ސަބަބުން ވަގުތު ބޭކާރުވުން ނޫން ކަމެއް ނުވޭ، އެހެންވީމާ މިފަދަ ޤަރާރުތަކަށް ތާއީދެއް ނުކުރަން،އިބްރާހީމް މުޙައްމަދު (ޖަނާބު)
މީގެ އިތުރުން ޖަނާބު ވިދާޅުވީ، މި ޤަރާރަކީ ސިޔާސީ ގޮތުން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން އެމްޑީޕީން ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މިވަގުތު ރާއްޖޭގައި ޒިންމާދާރު ސިޔާސީ ޕާޓީއެއް ނެތް ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެމްޑީޕީގެ ސަރުކާރުގައިވެސް ސިޔާސީ ގޮތުން މީހުން ވަޒީފާއިން ވަކިކޮށްފައިވާކަން ފާހަގަކުރައްވަމުން ޖަނާބު ވިދާޅުވީ، މި ޤަރާރަކީ އެއްވެސް ހަގީގަތެއް ހާމަކުރުމެއް ނެތި، ރައްޔިތުންގެ ފޯކަސް ގެއްލުވާލުމަށްޓަކައި ހުށަހަޅާފައިވާ ކަމެއް ކަމަށެވެ. މި ޤަރާރުގެ ބަހުސް މަރުހަލާގައި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ އެހެން މެންބަރުންވެސް ވަނީ ޤަރާރާ ދެކޮޅަށް ވާހަކަދައްކަވާފަ އެވެ.










