ވެރިކަމާ ހަވާލުވެވަޑައިގަތީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ވައުދާއެކު، ނަމަވެސް ޒުވާނުން ވީ އިތުރަށް ބިކަ!
މި ސަރުކާރުން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނި ނަމަވެސް، ވަޒީފާގެ ދަތިކަމާއި ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ޒުވާނުންގެ މުސްތަގުބަލާމެދު އޮތް އުންމީދު ކެނޑެމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި. ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކުރުމާއި ތައުލީމީ ޒުވާނުންނަށް އެކަށީގެންވާ ފުރުސަތު ނުލިބޭކަން އާންމުންގެ ހިޔާލު ހޯދުމުގެ ޕޯލްތަކުން ވެސް ހާމަވޭ. އެހެންކަމުން، ގައުމުގެ މިހާރުގެ ހާލަތާ މެދު ޒުވާނުން ތިބީ ނުހަނު ކަންބޮޑުވެފައި


ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް އިވެންޓްގެ ތެރެއިން | ރައީސް އޮފީސް
ހަނދާނަށް އަންނަނީ މީގެ ތިން ވަރަކަށް އަހަރު ކުރިން ރިޔާސީ އިންތިހާބުގެ ތެރޭގައި މިހާރުގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޅުއްވި ޑްރާމާތަކާއި ކިޔުއްވިހާ ފަރިއްސާއި ދެއްކެވިހާ ވާހަކަފުޅުތަކެވެ. ޒުވާނުންނަށް ވެވަޑައިގެންނެވި ވައުދުތަކެވެ. މި ސަރުކާރުން ޒުވާނުން ބާރުވެރިކުރުމަށް އަހައްމިއްޔަތުކަން ދޭއްވާނެކަމުގެ ވައުދެވެ. މި ހުރިހާ ވައުދުތަކާއެކު ޒުވާނުންގެ ލޮލުގައި އަނދުން އަޅުވައިގެން ޒުވާނުންގެ ވޯޓާއެކު ވެރިކަމާ ވެސް ހަވާލުވެވަޑައިގަންނަވައިފި އެވެ.
ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މަންޒަރު މުޅިން ބަދަލުވެއްޖެ އެވެ. ފެންނަން ފެށި މަންޒަރަކީ ކިޔަވައިގެން ތިބި ގައުމަށް ހިދުމަތްކޮށްދޭން ތައްޔާރަށް ތިބި ޒުވާނުން މަގުމަތިވާން ފެށި މަންޒަރެވެ. ވަޒީފާ ނުލިބޭކަމުގެ ޝަކުވާއާއި ލިބޭ މުސާރައިން ދެކޮޅު ނުޖެހޭކަމުގެ ޝަކުވާތަކެވެ. ރަނގަޅު ތައުލީމެއް ލިބިފައިހުރި ނަމަވެސް ފުރުސަތުތައް ހަނިކަމުގެ ޝަކުވާ އެވެ. ނުވަތަ ވަކި ފިކުރަކަށް ތާއީދުކުރާތީ ވަޒީފާއިން ވަކިކޮށް މަގުމަތިކޮށްލިކަމުގެ ޝަކުވާ އެވެ. މިއީ މިއަދުގެ ޒުވާނުންގެ އެންމެ ބޮޑެތި ޝަކުވާތަކެވެ. ނަމަވެސް ގައުމު މިއަދު މި އޮތް ހާލަތުން މިފަދަ ކަންކަމަށް ހައްލެއް ލިބިދާނެ ކަމަކަށް އެ ޒުވާނުން ގަބޫލެއް ނުކުރެ އެވެ.
ގިނަ ޒުވާނުން ބުނާ ގޮތުގައި، ވަޒީފާއަށް ގޮސްގެން ލިބޭ ކުޑަ މުސާރައިން ދިރިއުޅުމުގެ ހަރަދުތައް ދެކޮޅު ނުޖެހެ އެވެ. ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ލިބޭ އާމްދަނީއަކީ އަސާސީ ބޭނުންތައް ފުއްދުމަށް ނުފުދޭ މިންވަރެއް ކަމަށް ޒުވާނުން އަންނަނީ ބުނަމުންނެވެ. މީގެ އިތުރުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ވެސް މަތީ ތައުލީމް ހާސިލްކޮށް، ސަނަދު ލިބިފައިވާ މީހަކަށް އެ ފުރުސަތު ނުލިބޭ ކަމަށް ޒުވާނުން ފާހަގަކުރެ އެވެ.
ޒުވާނުންނަށް ދިމާވާ އެކި މައްސަލަތަކާ ގުޅޭގޮތުން އުމުރުން 20 އަހަރާއި 28 އަހަރާ ދެމުދުގެ ޒުވާނުން ތިބޭ އިންސްޓަގްރާމް ގްރޫޕެއްގައި އަޅުގަނޑު ޕޯލެއް ހުޅުވާލީމެވެ. މި ޕޯލުގައި އަހާފައިވާނީ "މި ސަރުކާރުން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދޭތަ؟ އަދި މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ މެދު ދެކެނީ ކިހިނެއް؟" މި ސުވާލެވެ. ޖަވާބުގައި ގިނަ ޒުވާނުން ބުނެފައިވަނީ ނޫނެކޭ ކަމަށެވެ. މި ޕޯލާ ގުޅިގެން ޒުވާނަކު ފާޅުކޮށްފައިވާ ކަންބޮޑުވުމެއް ހިއްސާކޮށްލާނަމެވެ.
މި ސަރުކާރުގެ އިސް ފަރާތްތަކުން ބުނަނީ އަހަރެމެން ޒުވާނުންނަށް ވަރަށް ފުރުސަތުތައް އެބަ އޮތޭ، އެކަމު ހަގީގަތަކީ އަހަރެމެން މި ތިބީ ބިކަވެފައި. އެއްވެސް ގޮތެއް ނެތް. މިހާރު ޑިގްރީ މި ނިމެނީ ކިޔަވާ އެކަމު ރަނގަޅު ވަޒީފާއެއް ނުލިބޭ. އުޅޭ ގެޔަށް ބޮޑު ކުލި ދައްކައިފަ ކާންބޯނެ އެއްޗެއް ގަންނާނެ ލާރިކޮޅެއް ނުހުރޭ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުޒުވާނަކު ކިޔައިދިން
ޒުވާނުންގެ މިފަދަ އެތައް ޝަކުވާތަކެއް ހުރިއިރު، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައި ހުންނަ ގޮތުން ޒުވާނުންނަށް އިތުރު ގޮތެއް ނެތި، މުސްތަގުބަލާމެދު އޮތް އުންމީދު ކެނޑެމުންދާ ކަމަށް އެ ޒުވާނުން އަންނަނީ ބުނަމުންނެވެ.









