ދުނިޔޭ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް އަންގައި، އިންޒާރެއް ނެރެފި
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ބުނީ މެދުއިރުމަތީ ސަރަހައްދުން ބޭރުގައި ތިބި އެމެރިކާ ރައްޔިތުން އެ ސަރަހައްދަށް ދަތުރު ކުރުމާއި، އެ ސަރަހައްދުން ދަތުރު ކުރުމާ މެދު އަލުން ވިސްނަން ޖެހޭ ކަމަށް. އަދި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެމެރިކާގެ ޑިޕްލޮމެޓިކް އިމާރާތްތަކަށް، ނުވަތަ އެމެރިކާ އާއި އެމެރިކާ ރައްޔިތުންނާ ގުޅުން ހުރި ތަންތަނަށް ހަމަލާ ދީފާނެ ފުރުސަތު އިތުރު ވެފައިވާ ކަމަށް


އެމެރިކާާ އާއި އީރާންގެ ދިދަ | ރޮއިޓާސް
އެމެރިކާ އާއި އީރާންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް އަންގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން އިންޒާރެއް ނެރެފި އެވެ.
މި އިންޒާރުގައި ބުނެފައި ވަނީ މެދުއިރުމަތީގެ ސަރަހައްދުގައި ނުތަނަވަސްކަން ނުވަތަ ޓެންޝަން އިތުރުވެފައި ވާތީ، ސަލާމަތީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، ކުއްލި ގޮތަކަށް ހާލަތު ބޮޑު ވެދާނެ ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ބުނީ މެދުއިރުމަތީ ސަރަހައްދުން ބޭރުގައި ތިބި އެމެރިކާ ރައްޔިތުން އެ ސަރަހައްދަށް ދަތުރު ކުރުމާއި، އެ ސަރަހައްދުން ދަތުރު ކުރުމާ މެދު އަލުން ވިސްނަން ޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެމެރިކާގެ ޑިޕްލޮމެޓިކް އިމާރާތްތަކަށް، ނުވަތަ އެމެރިކާ އާއި އެމެރިކާ ރައްޔިތުންނާ ގުޅުން ހުރި ތަންތަނަށް ހަމަލާ ދީފާނެ ފުރުސަތު އިތުރުވެފައިވާ ކަމަށް އިންޒާރު ދީފައިވެ އެވެ.
ޖޫން މަހު އެމެރިކާ އާއި އީރާންއާ ދެމެދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން، މެދުއިރުމަތީގެ ހަނގުރާމަ ކުޑަ ދުވަސް ކޮޅަކަށް ހުއްޓުނު ނަމަވެސް، އަލުން ވަނީ ހަމަލާ ބަދަލު ކުރަން ފަށައިފަ އެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ގިނަ އަސަރުތަކެއް ކުރަމުން އަންނައިރު، ތެލުގެ އަގު ވެސް ވަނީ އިންތިހާ އަށް މައްޗަށް ގޮސްފައި އެވެ. އެއީ އެމެރިކާ އާއި އީރާން އިން ހުރްމުޒް ކަނޑު އޮޅީގެ ސަރަހައްދުގައި ނުތަނަވަސްކަން އިތުރު ކޮށްފައި ވާތީ އެވެ.
މި ހާލަތުގެ ސަބަބުން ބައިނަލްއަޤުވާމީ ވިޔަފާރި އަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ދުނިޔޭގެ ތެލުގެ ބާޒާރަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ. ހުރްމުޒް ކަނޑު އޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހުއްޓިފައިވާ ކަމަށް ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ.
މި ހާލަތުގައި އެމެރިކާ އިން ނެރުނު އިންޒާރުގައި ބުނެފައި ވަނީ ސަލާމަތީ ހާލަތު ވަރަށް ގޯސްވެފައި ވާތީ، އެމެރިކާ ރައްޔިތުން ދަތުރުކުރާ ނަމަ ވަރަށް ސަމާލުވުމަށާއި، އާންމު ޚަބަރުތައް ދެނެގަތުމަށާއި، ސަލާމަތީ ކަންކަމުގައި ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.
މަސްދަރު: އޭއެފްޕީ










