ޒެލެންސްކީގެ ކެބިނެޓަށް ބަދަލު ގެންނަވަނީ، ބޮޑުވަޒީރު ވަކިކުރައްވަނީ
ޔޫކްރެއިންގެ ސިޔާސީ ސްޓްރެޓަޖީއަށް ގެންނަ ބަދަލުތަކާއެކު، ޚާރިޖީ ސިޔާސަތު ވަރުގަދަކޮށް ޔޫރަޕިއަން ޔޫނިއަންގެ މެންބަރުކަން ހޯދުމަށް ކުރާ މަސައްކަތްތައް ރައީސް ޒެލެންސްކީ އިތުރުކުރައްވާނެ. މި އާ ސިޔާސަތުގެ ދަށުން ގަލްފް ސަރަހައްދުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށާއި، ގައުމުގެ ދިފާއީ އަދި އިގްތިސާދީ ދާއިރާ ހަރުދަނާކުރުމަށް ތަޖުރިބާކާރު ބޭފުޅުންނަށް އިސްކަންދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި.

ޔޫކްރެއިންގެ މަގާމުން ވަކިވެވަޑައިގަންނަވާ ބޮޑުވަޒީރު ޔޫލިއާ ސުވިރިޑެންކޯ | ގެޓީ އިމޭޖަސް
ޔޫކްރެއިންގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަވާނެކަން ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިޢުލާނު ކުރައްވައިފި އެވެ. މި ބަދަލުތަކުގެ ތެރޭގައި އެ ގައުމުގެ ބޮޑުވަޒީރު ޔޫލިއާ ސުވިރިޑެންކޯގެ އިތުރުން، ގާނޫނު ތަންފީޒުކުރާ ބައެއް އިދާރާތަކުގެ އިސްވެރިން މަގާމުން ވަކިކުރެއްވުމަށް ވެސް ޒެލެންސްކީ ވަނީ ހުށަހަޅުއްވާފަ އެވެ.
އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ދިގު ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިންގެ ސިޔާސީ ސްޓްރެޓަޖީ އަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އަދި ޚާރިޖީ ސިޔާސަތުގެ އިސް ދާއިރާތައް ބަލަހައްޓާނީ، ގައުމުތަކުގެ ވެރިންގެ ފެންވަރުގައި ވެފައިވާ އެއްބަސްވުންތައް ތަންފީޒުކޮށް، ޔޫކްރެއިންގެ ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދެވޭނެ ފަދަ ތަޖުރިބާކާރު ބޭފުޅުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ބޮޑުވަޒީރު ޔޫލިއާ ސުވިރިޑެންކޯއާ އެކު މިކަމުގެ ތަފުސީލުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި މި ގެންނަ ބަދަލުތައް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ވަޒީރުންގެ މަޖިލިސް އާކުރަން ޖެހޭ ކަމަށް ދެ ބޭފުޅުންނަށް އެއްބަސްވެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކުރީގެ ބޮޑުވަޒީރު ޑެނިސް ޝްމިހާލްގެ ފަހުން ސުވިރިޑެންކޯ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭގެ ކުރިން އޭނާ ވަނީ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަމާއި އިގްތިސާދީ ވަޒީރުކަން ކުރައްވާފަ އެވެ. އެ މަގާމުތަކުގައި ހުންނެވި ދުވަސްވަރު އޭނާ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާފަ އެވެ. ވަކިން ހާއްސަކޮށް، ވޮޝިންޓަނާއި ކީވްއާ ދެމެދު މުހިންމު މަޢުދަންތަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް އޭނާ ކުރެއްވި މަސައްކަތް ފާހަގަކޮށްލެވެ އެވެ. މި އެއްބަސްވުމުގެ ސަބަބުން، ކުރިން ޓްރަމްޕާއި ޒެލެންސްކީއާ ދެމެދު އޮތް ނުތަނަވަސް ގުޅުން ރަނގަޅުވެގެން ދިޔަ އެވެ.
އުމުރުން 39 އަހަރުގެ ސުވިރިޑެންކޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔޫކްރެއިންގެ ޒަމާނީ ތާރީޚުގައި ކުރިމަތިވި އެންމެ އުނދަގޫ ވަގުތުގައި ސަރުކާރު ހިންގުމުގެ ފުރުސަތު ލިބުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި ޔޫކްރެއިންގެ ބިން ދިފާއުކުރަމުންދާ ހުރިހާ ފިރިހެނުންނާއި އަންހެނުންނަށް ޝުކުރު އަދާކުރައްވަމުން، އެ ގައުމުގެ ހަނގުރާމަވެރިންނަކީ ގައުމުގެ ބާރު ކަމަށާއި، މިނިވަންކަމުގެ އަސްލަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިސްވެރިންނަށް ވެސް ބަދަލުތަކެއް ގެންނަވާނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި، އާ ސިޔާސީ ސްޓްރެޓަޖީގެ ދަށުން ޚާރިޖީ ސިޔާސަތުގެ މުހިންމު ކަންތައްތަކަކަށް އިސްކަންދެވޭނެ އެވެ. އޭގެ ތެރޭގައި ހުއްދަ ހޯދައިގެން ޔޫކްރެއިންގައި 'ޕެޓްރިއަޓް' އެއާ ޑިފެންސް ސިސްޓަމް އުފެއްދުމުގެ އެއްބަސްވުންތަކާއި، ޔޫރަޕިއަން ޔޫނިއަންގެ މެންބަރުކަން ހޯދުމަށް ކުރާ މަސައްކަތްތައް ހިމެނެ އެވެ. އަދި ސަލާމަތީ އަދި އިގްތިސާދީ ގޮތުން ދުނިޔޭގައި އެންމެ ކުރިއަރަމުން އަންނަ އެއް ސަރަހައްދު ކަމަށްވާ ގަލްފް ސަރަހައްދުގެ ގައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ވެސް އިސްކަންދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްދަރު: އަލް ޖަޒީރާ





