2022 ވަނަ އަހަރު ބާރަށު ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ހިސާބާއި ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
26 ޖުލައި 2026 | އާދީއްތަ 12:15ހއ. ބާރަށު ކައުންސިލުން ލިބެންޖެހޭ ފައިސާގެ ހިސާބުތަކާއި ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ނުދާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ. މީގެ ސަބަބުން ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ސައްހަކަން ކަށަވަރުނުކުރެވޭތީ، އެ ކަންކަން އިސްލާހުކޮށް މާލީ ބަޔާންތައް ގަވާއިދުން ތައްޔާރުކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ އަންގަވާފައި


ހއ. ބާރަށް | މޯލްޑިވްސް ވާޗުއަލް ޓުއަރ
2022 ވަނަ އަހަރު ހއ. ބާރަށު ކައުންސިލް އިދާރާ އަށް ލިބެންޖެހޭ ފައިސާ ހިސާބު ބަލަހައްޓާފައި ނުވާ ކަމަށާއި ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ވެސް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.
އެ އޮފީހުން އާންމު ކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާގެ 2022 ވަނަ އަހަރުގެ މާލީ ބަޔާންތަކަށް އޮޑިޓަރ ޖެނެރަލް ދޭ ރިޕޯޓުގައި ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.31 ވަނަ މާއްދާގެ (ށ) ގައި ކުށްޔަށް ދޫކުރާ ތަންތަނާއި ކުއްޔަށް ހިފާ ތަންތަނުގެ އެ މާއްދާގައި ބަޔާން ކުރާ މައުލޫމާތު ހިމަނައިގެން ވަކި ދެ ރަޖިސްޓްރީ އެއް ބަލަހައްޓަން ވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މި ގަވާއިދުގެ 15.02 ވަނަ މާއްދާގެ (ހ) ގެ 9 ވަނަ ނަންބަރުގައި ދައުލަތުގެ އޮފީސްތަކުން އަހަރު ނިމުމުން، އެ އޮފީހެއްގެ އަހަރީ މާލީ ބަޔާން ތައްޔާރުކޮށް، ހުށަހަޅާއިރު ލިބެންޖެހޭ އާމްދަނީ އާއި އެ ނޫން ގޮތްގޮތުން ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ތަފުސީލު މާލީ ބަޔާނުގައި ހިމަނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ނަމަވެސް ބާރަށު ކައުންސިލްގެ އިދާރާ އިން ލިބެންޖެހޭ ފައިސާގެ ތަފުސީލުތައް ހިމެނޭ ހިސާބެއް ތައްޔާރުކޮށްފައި ނުވާކަން ފާހަގަކޮށް އޮޑިޓް އޮފީހުން ބުނީ، ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ރަޖިސްޓްރީއެއް، ގަވާއިދާ އެއްގޮތަށް އެކުލަވާލާފައި ނުވާކަމަށެވެ.
އެހެންކަމުން ކައުންސިލްގެ އިދާރާ އަށް ލިބެންޖެހެނީ ކިހާ ފައިސާ އެއްކަމާއި، ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރީ ކިހާ ފައިސާ އެއްކަން ކަށަވަރު ކުރެވެން ނެތް ކަމުގައި ވެސް އެ އޮފީހުން ބުނެ އެވެ.
މިކަންކަން އިސްލާހު ކުރުމަށް ލަފާދީ އެ އޮފީހުން ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 12.13 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ މައުލޫމާތު ފުރިހަމަ ކޮށްގެން ކައުންސިލްގެ އިދާރާ އިން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ފުރިހަމަށް ކުރުމަށް އެ ރަށު ކައުންސިލަށް އަންގާފަ އެވެ. އަދި ހަމަ އެ ގަވާއިދުގެ 15.02 ވަނަ މާއްދާގެ (ހ) ގެ 9 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ލިބެންޖެހޭ އާމްދަނީ އާއި އެ ނޫން ގޮތްގޮތުން ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ތަފްސީލު ގަވާއިދުން ތައްޔާރު ކޮށް، ބެލެހެއްޓުމަށާއި އެ މައުލޫމާތު މާލީ ބަޔާނުގައި ހިމެނުމަށް ވެސް އެ އޮފީހުން ވަނީ ކައުންސިލަށް އަންގާފަ އެވެ.









