ހަތަރު މަހުގެ މުސާރައާއެކު ވަކިވާން އެދުނު މުވައްޒަފުން ވަކި ކުރުމަށްފަހު މުސާރަ ނުދީ ލަސްކުރަނީ، އެޗްއާރުން ފޯނުވެސް ނުނަގާ!
25 ޖުލައި 2026 | ހޮނިހިރު 13:55ފެނަކައިގެ މުވައްޒަފުން މަދުކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވާ މީހުންނަށް ހަތަރު މަހުގެ މުސާރަ ދޭނެކަމަށް ބުނެ އެ ފައިސާ ނުދޭތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި. މި ފުރުސަތުގައި ވަޒީފާއިން ވަކިވި މުވައްޒަފުންނަށް ފައިސާ ނުލިބި ލަސްވާތީ އާއިލާތަކަށް ދަތިތަކާ ކުރިމަތިވަމުންދާއިރު، ކުންފުނީގެ އެޗްއާރުން ޖަވާބުދާރީ ނުވާކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައި

ރާއްޖެޓީވީގެ ހާލުކިހިނެއް ޕްރޮގްރާމަށް އާންމުންގެ މީހަކު އިންޓަވިއު ދެނީ- ފެނަކައިން ވަކިވި މުވައްޒަފުންނަށް ވައުދުވި މުސާރަ ނުދޭތަނުގައި، ފޯނަށް ޖަވާބުވެސް ނުދޭކަމަށް އޭނާ ކިޔާދިން | ރާއްޖެ އެމްވީ
ފެނަކަ ކޯޕަރޭޝަނުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭނެކަމަށް ވައުދުވެފައިވާއިރު، އެ ފައިސާ ނުލިބޭތީ މުވައްޒަފުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ފެނަކައިން މުވައްޒަފުންނަށް ފޮނުވި އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ އަމިއްލައަށް އެދިގެން އެ ކުންފުނިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭނެކަމަށެވެ. މި ފުރުސަތުގެ ބޭނުން ހިފަން ބޭނުންވާ މުވައްޒަފުންނަށް އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލުމުން ކުންފުނީގެ ބައެއް މުވައްޒަފުން ވަނީ ވަޒީފާއިން ވަކިވުމަށް އެދިފަ އެވެ.
ނަމަވެސް ވަޒީފާއިން ވަކިވި މުވައްޒަފުންނަށް ދޭން ބުނެފައިވާ ހަތަރު މަހުގެ މުސާރަ ނުލިބޭކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ. މ. ނާލާފުށިން ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމަށް އެރަށު ރައްޔިތަކު ދިން އިންޓަވިއުގައިވެސް މި މައްސަލައިގެ ވާހަކަ ދެއްކި އެވެ.
ދެއަހަރަށްވުރެ ގިނަ ދުވަހު ފެނަކައިގައި މަސައްކަތް ކޮށްފައިވާ އެ މުވައްޒަފު ބުނީ، ފެނަކައިގެ ވަޒީފާއިން ވަކިވުމަށް ހުށަހެޅީ ހަތަރު މަސްދުވަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ކުންފުނިން ހުޅުވާލުމުންކަމަށެވެ. ނަމަވެސް ވަޒީފާއިން ވަކިވުމުން އެ ފައިސާ ފެނަކައިން ދީފައި ނުވާއިރު، މިހާރު ކުންފުނީގެ އެޗްއާރަށް ގުޅުމުން ފޯނަށް ޖަވާބުވެސް ނުދޭކަމަށް އެނާ ކިޔާދިނެވެ.
ފެނަކައިގެ ވަޒީފާއިން ވަކިވުމަށް ހުށަހެޅީ 4 މަސްދުވަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ކުންފުނިން ހުޅުވާލުމުން، ނަމަވެސް ވަޒީފާއިން ވަކިވުމުން އެ ފައިސާ ފެނަކައިން ދީފައެއް ނުވޭ، ނުވިތާކަށް މިހާރު ކުންފުނީގެ އެޗްއާރަށް ގުޅުމުން ފޯނަށް ޖަވާބުވެސް ނުދޭ،މ. ނާލާފުށި ރައްޔިތަކު ދިން އިންޓަވިއު
މީގެ އިތުރުން، ސަރުކާރުގެ އިދާރާއަކުން މިގޮތަށް ކަންކަން ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަން ފާހަގަކޮށް އޭނާ ވަނީ މިއީ ބޮޑު އޮޅުވާލުމެއްކަމަށް ބުނެފައެވެ.
ރާއްޖެޓީވީއާ ވާހަކަ ދެއްކި މުވައްޒަފުން ވަނީ މުސާރަ ލިބުން ލަސްވެގެން ދިއުމުގެ ސަބަބުން އެތައް އާއިލާތަކަކަށް އެކަމުގެ ތަކުލީފުތައް ކުރިމަތިވަމުންދާކަން ފާހަގަކޮށްފަ އެވެ. އެހެންކަމުން މުވައްޒަފުންނަށް ވައުދުވި ފައިސާ ދިނުން އަވަސް ކުރުމަށް މުވައްޒަފުންގެ ފަރާތުން އެދިފައިވެއެވެ.
ކުންފުނީގެ މުވައްޒަފުންގެ މުސާރައަށް އެކަނިވެސް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހޭދަކުރަންޖެހޭކަމަށް ބުނެ މުވައްޒަފުން މަދު ކުރުމުގެ ޕްރޮގްރާމެއް ފެނަކައިން ހިންގަމުންދާއިރު، މި ޕްރޮގްރާމްގެ ދަށުން ވަކިވާ މުވައްޒަފުންނަށް ލިބެންޖެހޭ ޙައްޤުތައް ނުލިބި ދިގުލައިގެންދާތީ އެތައް ބަޔަކު ގެންދަނީ އެ ޝަކުވާ ކުރަމުންނެވެ.






