ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި
ބ. ކަމަދޫ ފެނަކަ ބްރާންޗުގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމާ ގުޅިގެން، އެ ތަނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ދާއިމީ މުވައްޒަފުންތަކަކަށް ވަޒީފާއަށް ނުކުމެވޭނެ ގޮތެއް ނެތި ގޮތް ހުސްވެއްޖެ. މި ބަދަލާއެކު ސްޓެލްކޯއަށް ނަގާފައިވަނީ ހަމައެކަނި ވަގުތީ މުވައްޒަފުން ކަމަށްވާއިރު، ބާކީކޮށްލި މުވައްޒަފުންނަށް މިހާތަނަށް އެއްވެސް ރަސްމީ ލިޔުމެއް ނުވަތަ މުސާރައިގެ ޔަގީންކަމެއް ދީފައެއް ނުވޭ


ފެނަކަ ކޯޕަރޭޝަން ލިމިޓެޑް | ކޯޕަރޭޓް މޯލްޑިވެސް
ފެނަކަ ކޯޕަރޭޝަނުން ބ. ކަމަދޫގައި ފޯރުކޮށްދެމުންދިޔަ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމާ ގުޅިގެން، އެ ރަށު ފެނަކަ ބްރާންޗުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންތަކަކަށް ވަޒީފާއަށް ނުކުމެވޭނެ ގޮތެއް ނެތި ގޮތް ހުސްވާ ހިސާބަށް ހާލަތު ގޮސްފި އެވެ.
މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދިން ކަމަދޫގެ ރައްޔިތަކު ބުނި ގޮތުގައި، ކަމަދޫ ފެނަކަ އޮފީސް ސްޓެލްކޯގެ ދަށަށް ބަދަލުވުމާއެކު، މިއަދުން ފެށިގެން އޮފީހަށް ނުކުންނަން ނުޖެހޭނެކަން ބައެއް މުވައްޒަފުންނަށް ވަނީ އަންގައިފަ އެވެ. މިގޮތަށް އަންގާފައިވާ މުވައްޒަފުންގެ ތެރޭގައި އެ ތަނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ދާއިމީ މުވައްޒަފުން ހިމެނޭކަން އޭނާ ފާހަގަކުރި އެވެ. ނަމަވެސް، އެ މުވައްޒަފުންގެ ބަދަލުގައި ސްޓެލްކޯއަށް ނަގާފައިވަނީ ފެނަކައިގެ ވަގުތީ އަދި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަމުންދިޔަ މުވައްޒަފުން އެކަނި ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
މި ބަދަލާ ގުޅިގެން ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯގެ ފަރާތުން ވެސް މިހާތަނަށް ރަސްމީ އެއްވެސް މުއާމަލާތެއް މުވައްޒަފުންނާ ކޮށްފައިނުވާތީ، ބާކީކޮށްލެވުނު މުވައްޒަފުން ތިބީ މުސާރަ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތި، ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ. ވަޒީފާއިން ވަކިކުރި ކަމުގެ ރަސްމީ ލިޔުމެއް މިހާތަނަށް ލިބިފައި ނުވިނަމަވެސް، ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ނުރަސްމީ މަސްދަރުތަކުން ލިބެމުންދާކަމަށް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ސިޓީއެއް ވެސް ނާދޭ، ވަޒީފާއިން ވަކިކުރިކަން ވެސް ނާންގާ، މިއަދު ނުނިކުންނަން އަންގައިފަ އޮތީ. މުސާރަ ލިބޭނެ ކަމެއް ނޫނީ މުސާރަ ނުލިބޭނެ ކަމެއް ވެސް ނޭނގޭ. އެއްވެސް ކަމެއް ނާންގާކަމަދޫއިން ވާހަކަދެއްކި މީހަކު ބުނި
އޭނާ އިތުރަށް ބުނީ، މިގޮތަށް ބާކީކޮށްލި މުވައްޒަފުންގެ ތެރޭގައި އިދާރީ މުވައްޒަފުންނާއި، ޓެކްނީޝަނުންގެ އިތުރުން މަސައްކަތު މީހުން ވެސް ހިމެނޭ ކަމަށެވެ. ވަގުތީ އަދި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރިއިރު، ކުންފުންޏަށް ގިނަ އަހަރުތަކެއްވަންދެން އިހުލާސްތެރިކަމާއެކު ހިދުމަތްކުރި ދާއިމީ މުވައްޒަފުން ބާކީކޮށްލުމަކީ އެ ފަރާތްތަކަށް ދެވޭ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.
ހަރަދުތައް ކުޑަކުރުމުގެ ނަމުގައި މި ސަރުކާރުން ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް އާއިލާތައް ބިކަކުރަމުންދާއިރު، ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން ރައީސް މުއިއްޒަށާއި މި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރު ނުކުރައްވާނެ ކަމުގެ ވައުދާއެކުގައި ނަމަވެސް، މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 3,000 އަށްވުރެ ގިނަ މީހުން ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވެ އެވެ.







