އިންޑިއާގެ ކޮކްރޯޗް ޕާޓީގެ ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުން ވަރުގަދަ ފިޔަވަޅުތަކެއް އެޅިތާ 24 ގަޑިއިރު ނުވަނީސް އެތައް ހާސް ބަޔަކު އަލުން އެއްވެއްޖެ
އިންޑިއާގެ ތަޢުލީމީ ނިޒާމު އިޞްލާޙުކޮށް އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި ދިއްލީގައި ކުރިއަށްދާ މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ހަމަލާދީ ގިނަ ބަޔަކު ޒަޚަމްކޮށްލައިފި. ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލަން މަސައްކަތް ކުރި ނަމަވެސް، "ކޮކްރޯޗް ޖަންތާ ޕާޓީ" އިން ވަނީ އެމީހުންގެ ޑިމާންޑްތައް ފުރިހަމަވަންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް ބުނެފައި

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އަށް ތާއީދުކުރާ މީހަކު މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ | ގެޓީ އިމޭޖަސް
އިންޑިއާގެ ތަޢުލީމީ ނިޒާމަށް ބޮޑެތި އިޞްލާޙުތަކެއް ގެނައުމަށާއި، އެޤައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމަށް ގޮވާލައި، ޒުވާނުން އިސްވެ އުފައްދާފައިވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީ.ޖޭ.ޕީ) ގެ ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުން ވަރުގަދަ ފިޔަވަޅުތަކެއް އެޅިތާ 24 ގަޑިއިރު ނުވަނީސް، އެތައް ހާސް ބަޔަކު އަލުން އިންޑިއާގެ ވެރިރަށް ދިއްލީއަށް ވަނީ އެއްވެފަ އެވެ.
މިދިޔަ ހޯމަ ދުވަހު ފުލުހުން މުޒާހަރާ ކުރުން މަނާކޮށްފައި އޮތް ނަމަވެސް، އެތައް ހާސް ޒުވާން ފިރިހެނުންނާއި އަންހެނުން ވަނީ މަގުތަކަށް ނުކުމެ ޕާލަމެންޓާ ދިމާލަށް ހިނގާލުމެއް ބާއްވަން މަސައްކަތް ކޮށްފަ އެވެ.
ވެރިރަށް ދިއްލީގައި ހޯމަ ދުވަހު ހިނގި މި ކުރިމަތިލުންތަކުގައި ފުލުހުން ވަނީ ކަރުނަގޭހާއި މުގުރު ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން ރޫޅާލަން މަސައްކަތް ކޮށްފަ އެވެ. މި ހަމަލާތަކުގައި މަދުވެގެން 60 މީހަކު ޒަޚަމްވެފައިވާއިރު، ފުލުހުން ވަނީ މުޒާހަރާ ކުރާ މައި ސަރަހައްދުގައި ހުރި ސްޓޭޖާއި ވަގުތީ ފޭލިގެތައް ވެސް ރޫޅާލާފަ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ކުރިމަތިލުންތަކުގައި 118 ފުލުހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، މުޒާހަރާގެ ބައިވެރިންގެ ތެރެއިން 70 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މުޒާހަރާގެ ބައިވެރިންނާއި ފުލުހުން ކުރިމަތިލީ މުގުރާއި ކަރުނަ ގޭސް ބޭނުން ކޮށްގެން
މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް މުގުރާއި ކަރުނަގޭސް ބޭނުންކުރި މައްސަލައިގައި ފުލުހުންނާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ފުލުހުން ހިންގި މި އަނިޔާވެރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ސީ.ޖޭ.ޕީ އަކީ އިންޑިއާގެ އުއްތަމަ ފަނޑިޔާރު މި އަހަރު ކުރީކޮޅު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އުފެދުނު ހަރަކާތެކެވެ. އުއްތަމަ ފަނޑިޔާރު ވަނީ ނޫސްވެރިކަމާއި އެކްޓިވިޒަމްގެ ތެރެއަށް ވަންނަ ވަޒީފާނެތް ޒުވާނުން ސިފަކުރުމަށް "ކޮކްރޯޗް" ނުވަތަ ކުރަފީގެ ނަން ބޭނުންކުރައްވާފަ އެވެ. އާންމުންގެ ބޮޑު ނުރުހުމެއް މިކަމަށް އަމާޒުވުމުން، އޭނާ ފަހުން ވިދާޅުވީ އެއީ ހަމައެކަނި "ވަގު ސެޓްފިކެޓް" ގެންގުޅޭ މީހުންނަށް ނިސްބަތްކުރެއްވި ބަހެއް ކަމަށެވެ. ހޯމަ ދުވަހުގެ މުޒާހަރާއިން ފެނިގެންދިޔައީ، ސީ.ޖޭ.ޕީ އަކީ ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއަކަށް ނުވި ނަމަވެސް، އެތައް ހާސް ބަޔަކު މަގުތަކަށް ނެރުމުގެ ގާބިލުކަން ހުރި ވަރުގަދަ ހަރަކާތަކަށް އެ ޖަމާއަތް ބަދަލުވެފައިވާ ކަމެވެ.
ވޭތުވެދިޔަ މަހެއްހާ ދުވަހު ދިއްލީގެ 300 އަހަރުވީ އޮބްޒަވޭޓަރީ، ޖަންތަރް މަންތަރްގައި ކޭމްޕް ޖަހައިގެން ތިބި މުޒާހަރާގެ ބައިވެރިންނަށް ދުނިޔޭގެ ސަމާލުކަން ލިބުނީ، މަޝްހޫރު އެކްޓިވިސްޓް އަދި ތަޢުލީމީ ދާއިރާގެ މާހިރު ސޯނަމް ވަންގްޗުކް ޖޫން 28 ގައި އެމީހުންނާ ގުޅި، މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތަކަށް ތާއީދުކޮށް މުއްދަތެއް ނެތް ގޮތަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށުމުންނެވެ.
ނަމަވެސް، މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ވަނީ ގަދަކަމުން އޭނާ މުޒާހަރާ ކުރާ ސަރަހައްދުން ނެރެ، ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ހޮސްޕިޓަލުގައި ހުރެގެން ވެސް އޭނާ އަދިވެސް ގެންދަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއަށް ގެންދަމުންނެވެ.
މި ހަރަކާތް މިހާރު ވަނީ ފަހުގެ ތާރީޚެއްގައި މޯދީގެ ސަރުކާރާ ދެކޮޅަށް އާންމުންގެ ނުރުހުން ފާޅުކުރާ އެންމެ ބޮޑު އެއް ހަރަކާތަށް ބަދަލުވެފަ އެވެ.
ވަންގްޗުކް އާއި ސީ.ޖޭ.ޕީގެ ބާނީ އަބީޖީތު ދިޕްކޭއަށް މިހާރު ވަނީ އިދިކޮޅު ގިނަ ސިޔާސީ ޕާޓީތަކާއި، ދަނޑުވެރިންގެ ލީޑަރުންނާއި، އެކްޓިވިސްޓުންގެ އިތުރުން ބޮލީވުޑްގެ ތަރިން ހިމެނޭހެން ގިނަ ބައެއްގެ ތާއީދު ލިބިފަ އެވެ.
އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވިދާޅުވީ ދަރިވަރުންގެ ޑިމާންޑްތަކަކީ "އިންސާފުވެރި" ޑިމާންޑްތަކެއް ކަމަށެވެ. އަދި ބޮޑުވަޒީރު މޯދީއަކީ އިންޑިއާގެ ތާރީޚުގައި ވެސް ފެނުނު ޒުވާނުންނާ އެންމެ ދެކޮޅު ބޮޑުވަޒީރުގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މުޒާހަރާގެ ބައިވެރިންނާ ވާހަކަދެއްކުމަށް ސަރުކާރުން ދެކޮޅު ހަދަމުން ދިއުމަށްފަހު، ހޯމަ ދުވަހު ހެލްތު މިނިސްޓަރު ޖޭ.ޕީ ނައްޑާ ވަނީ ސީ.ޖޭ.ޕީގެ ބައެއް ލީޑަރުންނާ ބައްދަލުކުރައްވައި އެމީހުންގެ ޝަކުވާތައް އަޑުއައްސަވާފަ އެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ، އިންޑިއާގެ ޕާލަމެންޓުގެ ދައުރު ފެށޭ ދުވަހާ ދިމާކޮށް ސީ.ޖޭ.ޕީން ގޮވާލި ގޮވާލުމަށް އިޖާބަދީ، މުޅި ޤައުމުން އެތައް ހާސް ބަޔަކު ޕާލަމެންޓަށް ހިނގާލުމެއް ބޭއްވުމަށް އެއްވެފައި ވަނިކޮށެވެ.
ވެރިކަންކުރާ ބީ.ޖޭ.ޕީގެ އިސް ލީޑަރެއްގެ ގޮތުގައި ވެސް ހިމެނިވަޑައިގަންނަވާ ނައްޑާ ވިދާޅުވީ، ބައްދަލުވުން ކުރިއަށްދިޔައީ ވަރަށް އެކުވެރި މާހިއްލެއްގައި ކަމަށެވެ. އަދި މުޒާހަރާ ހުއްޓާލައި، މަސްލަހަތު ގާއިމުކުރުމަށް ސަރުކާރަށް އެހީތެރިވުމަށް ހުރިހާ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ސީ.ޖޭ.ޕީގެ ތަރުޖަމާނު ސޯރަވް ދާސް ވިދާޅުވީ، 10 މިނެޓުގެ އެ ބައްދަލުވުން ނިމުނީ މައްސަލަ ބަލާނެ ކަމުގެ ވައުދަކާއެކު ކަމަށާއި، އެއްވެސް ޔަގީންކަމެއް ސަރުކާރުން ދީފައިނުވާ ކަމަށެވެ. އެ ޖަމާއަތުގެ އަނެއް ލީޑަރު އާޝުތޯޝް ރަންކާ ވަނީ ބައްދަލުވުމަށް ހަތަރު ގަޑިއިރު އިންތިޒާރު ކުރަން ޖެހުމަކީ "ވަގުތު ބޭކާރުކުރުން" ކަމަށް ބުނެފަ އެވެ.

އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލައިގައި، އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމަށް ގޮވާލައި ކޮކްރޯޗް ޖަންތާ ޕާޓީ (ސީ.ޖޭ.ޕީ) އިން ކުރިއަށްގެންދިޔަ މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން މުގުރު ބޭނުން ކުރަނީ | ގެޓީ އިމޭޖަސް
ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު، ސަރުކާރާއެކު ބޭއްވި ބައްދަލުވުމަށްފަހު ސީ.ޖޭ.ޕީން މުޒާހަރާ ހުއްޓާލަފާނެ ކަމަށް ބެލެވުނެވެ.
ނަމަވެސް، މުޅި ދުވަހު އެ ސަރަހައްދުން މެދުކަނޑާލާފައި އޮތް އިންޓަނެޓްގެ ޚިދުމަތް އަލުން ލިބުމާއެކު، ފުލުހުން ހިންގި އަނިޔާވެރި އަމަލުތަކުގެ މަންޒަރުތައް ފެނި، މުޒާހަރާގެ ބައިވެރިންގެ ރޫހު އިތުރަށް ވަރުގަދަވެގެން ދިޔަ އެވެ.
އާންމުވި މަންޒަރުތަކުގެ ތެރޭގައި، ބޮލަށް ލިބުނު ބޮޑު އަނިޔާއަކުން ލޭ އޮހެމުންދިޔަ ޒުވާނަކާއި، ފައި ބިންދައިގެން ގޮސްފައިވާ ދަރިވަރަކު ޖަންތަރް މަންތަރްއަށް ގެނައި މަންޒަރު ހިމެނެ އެވެ. އެމީހުންނަށް ފަރުވާ ދެމުންދިޔައީ ހިލޭސާބަހަށް މަސައްކަތްކުރާ ޑޮކްޓަރުންނެވެ.
މުޒާހަރާގެ ލީޑަރުން ނައްޑާއާ ބައްދަލުކުރަމުން ދިޔަ ވަގުތު، ފުލުހުންނާއި ޕެރާމިލިޓަރީ ފައުޖުތަކުން ވަނީ ޖަންތަރް މަންތަރް ހުސްކުރުމަށް މަސައްކަތް ފަށާފަ އެވެ. މީގެ ތެރޭގައި އާދައިގެ ހެދުމުގައި ތިބި، މޫނު ނިވާކޮށްގެން ތިބި އޮފިސަރުން ވެސް ހިމެނެ އެވެ. އެމީހުން ވަނީ ޔުނީފޯމްގައި ތިބި ފުލުހުންނާ ގުޅިގެން މުޒާހަރާގެ ބައިވެރިންގެ ފަހަތުން ދުވެ، މުގުރުން ތަޅައި އަނިޔާކޮށްފަ އެވެ.
ލައުޑްސްޕީކަރުން ތަކުރާރުކޮށް ގޮވަމުންދިޔައީ "މިހާރު މިތަނުން ދާށެވެ، މުޒާހަރާ ނިމިއްޖެ" ކަމަށެވެ. އިންޓަނެޓް ލިބުމާއެކު، ސަލާމަތީ ބާރުތަކުން އަންހެނުން ހިމެނޭހެން މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރާ މަންޒަރުތަކާއި، ގިނަ ބަޔަކު ހޭނެތިގެން ބިމަށް ވެއްޓިފައި ތިބި މަންޒަރު ފެންނަ ވީޑިއޯތަކުން ސޯޝަލް މީޑިއާ ފުރިގެންދިޔަ އެވެ.
ހޯމަ ދުވަހުގެ ރޭ، ސީ.ޖޭ.ޕީން ވަނީ އަލުން ޖަންތަރް މަންތަރްގެ ކޮންޓްރޯލް ހޯދައި، "މި ސުލްހަވެރި މުޒާހަރާއެއް ނުނިމޭނެ!" ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ.
އެ ޖަމާއަތުން ބުނެފައިވަނީ، ފުލުހުންގެ އަނިޔާވެރިކަމާއެކު ވެސް ސީ.ޖޭ.ޕީގެ ހިތްވަރުގަދަ ބައިވެރިން އަލުން އެނބުރި އަތުވެއްޖެ ކަމަށާއި، ދިއްލީގެ ރައްޔިތުން ނުކުމެ މި ހަރަކާތުގައި ބައިވެރިވުމަށެވެ. އަދި މިއީ އެންމެ ފަހުގެ ފުރުސަތު ކަމަށާއި، ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފަހުން ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، މުޒާހަރާގެ ބައިވެރިން އަމަލުކުރީ ވަރަށް ބޭއަދަބީކޮށް އަދި އަނިޔާވެރިކޮށް ކަމަށާއި، އަމުރުތަކަށް ކިޔަމަންނުވެ މުޒާހަރާ ރޫޅާލަން ދެކޮޅު ހެދި ކަމަށެވެ.
އަދި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާދީ، ބެރިކޭޑްތައް ފަހަނައަޅައި ދާން މަސައްކަތްކޮށް، ފުލުހުންގެ އުޅަނދުތަކަށާއި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ސީ.ޖޭ.ޕީން ވަނީ ފުލުހުންގެ މި ވާހަކަތައް ދޮގުކޮށް، އިސްވެ ހަމަލާދިނީ ފުލުހުން ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އަނިޔާވި މީހުންނާއި ގާނޫނީ އެހީތެރިކަން ބޭނުންވާ މީހުން އެ ޖަމާއަތާ ގުޅުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އެދިފަ އެވެ.
ސީ.ޖޭ.ޕީން ގޮވާލަމުންދަނީ އިންޑިއާގެ ތަޢުލީމީ ނިޒާމު މުޅިން އިޞްލާޙުކުރުމަށާއި، އިމްތިޙާން ކަރުދާސްތައް ލީކުވާ މައްސަލައިގައި ޒިންމާދާރުކުރުވުމަށެވެ. ޚާއްޞަކޮށް މެޑިކަލް އެންޓްރަންސް އިމްތިޙާން، ނޭޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރަންސް ޓެސްޓް (ނީޓް) ގެ ކަރުދާސް ލީކުވި މައްސަލައިގައި މިނިސްޓަރު ޕްރަދާން އިސްތިއުފާ ދެއްވުމަކީ އެމީހުންގެ މައިގަނޑު ޑިމާންޑެވެ.
މެއި މަހުގެ 3 ވަނަ ދުވަހު ބޭއްވި މި އިމްތިޙާނުގައި ގާތްގަނޑަކަށް 2.28 މިލިއަން ކެންޑިޑޭޓުން ބައިވެރިވި އެވެ. ނަމަވެސް ކަރުދާސް ލީކުވިކަމުގެ ރިޕޯޓްތަކާ ގުޅިގެން ދުވަސްކޮޅެއް ފަހުން އިމްތިޙާން ބާތިލުކޮށް، އަލުން އިމްތިޙާން ބާއްވަން ޖެހުނެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް 20 އަށްވުރެ ގިނަ ދަރިވަރުން އަމިއްލައަށް މަރުވެފައިވާއިރު، އެކުދިންގެ އާއިލާތަކުން ބުނަނީ މި ބޮޑު ޚިޔާނާތުގެ ސަބަބުން އެކުދިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ބުނަނީ މިކަމުގެ ޒިންމާ ޕްރަދާން އުފުއްލަވައި އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށެވެ. ނަމަވެސް އޭނާ ވަނީ އެކަމަށް އިންކާރު ކުރައްވައި، ސީ.ޖޭ.ޕީ އާއި އެ ޖަމާއަތަށް ތާއީދުކުރާ މީހުންނަކީ "ޤައުމު ހަލާކުކުރަން އުޅޭ ބައެއްގެ ބީ-ޓީމް" ކަމަށް ސިފަކުރައްވާފަ އެވެ.
އެހެންނަމަވެސް، ހޯމަ ދުވަހު ފެނިގެންދިޔަ ބޮޑު އެއްވުމާއި، ހިނގާދިޔަ އަނިޔާވެރި އަމަލުތަކުގެ އިތުރުން، މުޒާހަރާ ހުއްޓާލަން ސީ.ޖޭ.ޕީން ދެކޮޅު ހެދުމުގެ ސަބަބުން، މި ހަރަކާތް ކުރިއަށް އޮތް ތަނުގައި ވެސް މަސްރަޙުގެ ސަމާލުކަމުގައި އޮންނާނެ ކަމަށް ބެލެވެ އެވެ.
މަސްދަރު: ބީބީސީ










