އިރާގުގެ ބޮޑުވަޒީރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެފި
24 ޖުލައި 2026 | ހުކުރު 10:24އިރާގުގެ ބޮޑުވަޒީރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން އިންކާރުކޮށްފައިވަނީ، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު ވަކި ގޮތެއް ނުނިންމައި ވަގުތީ އެއްބަސްވުމަކަށް ދާން ބޭނުންނުވާތީ. މި މަސައްކަތް ނާކާމިޔާބުވެފައިވާއިރު އެމެރިކާއިން އީރާނަށް ދޭ ހަމަލާތައް ދަނީ ހުއްޓުމެއްނެތި ކުރިއަށް ގެންދަމުން

ވޮޝިންގޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގެ ވެސްޓް ވިންގަށް ޢިރާޤުގެ ބޮޑުވަޒީރު ޢަލީ އަލް-ޒައިދީ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދަންނަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީޑިއާތަކާ ވާހަކަފުޅު ދައްކަވަނީ. | ގެޓީ އިމޭޖަސް
އިރާގުގެ ބޮޑުވަޒީރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން އިންކާރުކޮށްފި ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފި އެވެ.
އީރާނާއި އިރާގުގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އިރާގުގެ ބޮޑުވަޒީރު އަލީ އަލް-ޒައިދީ ތެހެރާނަށް ވަޑައިގެންނެވީ އެމެރިކާގެ މި ހުށަހެޅުން ހިއްޕަވައިގެންނެވެ.
މި ރިޕޯޓުގައިވާ ގޮތުން، މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރި މި މަސައްކަތް ނާކާމިޔާބުވެފައި މިވަނީ، ހަނގުރާމަ އިތުރަށް ވަރުގަދަކޮށް އީރާނުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ދަނޑިވަޅެއްގަ އެވެ.
މި މަހުގެ ކުރީކޮޅު ވައިޓް ހައުސްއަށް ވަޑައިގެން ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށްފަހު، ބޮޑުވަޒީރު އަލް-ޒައިދީ ތެހެރާނަށް ވަޑައިގެންނެވީ ބުރާސްފަތި ދުވަހު އެވެ. ނަން ހާމަނުކުރުމަށް އެދި ނިއުޔޯކް ޓައިމްސްއަށް މައުލޫމާތު ދިން އޮފިޝަލުން، އެމެރިކާއިން ހުށަހެޅި ހުށަހެޅުމުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އިރާގުގެ ބޮޑުވަޒީރު އަލީ އަލް-ޒައިދީ (ވ) އާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން (ކ) 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު އީރާނުގެ ތެހެރާންގައި ބައްދަލުކުރައްވަނީ | ގެޓީ އިމޭޖަސް
އީރާނުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ މަޝްވަރާގެ މޭޒުމަތީގައި އޮތް "ހަމައެކަނި ހުށަހެޅުން" ކަމަށް ވީނަމަވެސް، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭގޮތުން ވަކި ގޮތެއް ނުނިންމައި، ވަގުތީ އެއްބަސްވުމަކަށް ދިއުމަށް ތެހެރާނުން ބޭނުމެއް ނުވެ އެވެ.
ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާއިން ވަނީ އީރާނުގެ އަސްކަރީ އަމާޒުތަކަށް އާ ހަމަލާތަކެއް ދީފައެވެ. މިއީ އެ ސަރަހައްދުގައި ހަނގުރާމަ ހިނގަމުންދާ 13 ވަނަ ރޭ ކަމަށްވާއިރު، ހުރްމުޒް ކަނޑުއޮޅިން އުޅަނދުތަކަށް ލިބޭ ކޮންމެ ގެއްލުމެއްގެ ބަދަލު ދެއްކުމަށް އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ބޭނުންކުރައްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.










