ބަހްރައިންއާއި އުރުދުންގައި ހުންނަ އެމެރިކާގެ މުހިންމު ދެ އަސްކަރީ މަރުކަޒަކަށް އީރާނުގެ އަސްކަރިއްޔާއިން ހަމަލާދީފި
24 ޖުލައި 2026 | ހުކުރު 10:38އެމެރިކާއިން އީރާނަށް ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ ބަހްރޭނާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން ހަމަލާތަކެއް ދީފައި. އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ދެމުންދާ ހަމަލާތަކުގައި ގިނަ ބަޔަކު މަރުވަމުންދާއިރު، އީރާނުން ދަނީ އެމެރިކާގެ އިސްތިރާޖީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުން.
އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ބެލިސްޓިކް މިސައިލް ފޮނުވާލާ މަންޒަރު | އައިއާރުޖީސީ
އީރާނަށް އެމެރިކާއިން ދެމުންދާ ނުރައްކާތެރި ވައިގެ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ބަހްރައިންއާއި އުރުދުންގައި ހުންނަ އެމެރިކާގެ މުހިންމު ދެ އަސްކަރީ މަރުކަޒަކަށް އީރާނުގެ އަސްކަރިއްޔާއިން ހަމަލާދީފި އެވެ.
އީރާނުގެ އަސްކަރިއްޔާގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ހުކުރު ދުވަހު ބުނި ގޮތުގައި، "އޮޕަރޭޝަން ސާއިގާ" (ވިދުވަރު) ގެ 24 ވަނަ މަރުހަލާގެ ދަށުން ދިން މި ހަމަލާތަކުގައި "އަރަޝް" މަރުކާގެ ކަމިކާޒޭ ޑްރޯންތައް ބޭނުންކޮށްފައިވެ އެވެ. މި ޑްރޯންތަކުން ހަމަލާދީފައިވަނީ ބަހްރައިނުގައި ހުންނަ ޝައިޚް އީސާ އެއާ ބޭސްގައި ހުރި ތެޔޮ ރައްކާކުރާ ތަންތަނަށާއި، ބޮޑެތި މެޝިނަރީތައް ބަހައްޓާ ގުދަންތަކާއި، އެމެރިކާގެ ޓެރަރިސްޓް ސިފައިން ދިރިއުޅޭ ތަންތަނަށެވެ.
މީގެ އިތުރުން، އުރުދުންގައި ހުންނަ އަލް-އަޒްރަގް އެއާ ބޭސްގައި ހުރި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ބަހައްޓާ ހޭންގަރުތަކަށާއި، މަތިންދާބޯޓު މަރާމާތުކުރާ ތަންތަނުގެ އިތުރުން، އެމެރިކާގެ އިސްތިއުމާރީ ސިފައިން ތިބޭ ތަންތަނަށް ވެސް އީރާނުގެ ޑްރޯންތަކުން ހަމަލާދީފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އީރާނުގެ ރައްޔިތުންގެ ގާނޫނީ އަދި އުސޫލީ މަސްލަހަތުތަކަށާއި، މުގައްދަސް އިސްލާމީ ޖުމްހޫރިއްޔާގެ ނިޒާމަށް އަމާޒުކޮށް ހިންގާ ކޮންމެ އަމަލަކީ، ސަރަހައްދުގެ އެހެން ގައުމުތަކުގެ ސަލާމަތާއި އިގްތިސާދީ މަސްލަހަތުތަކަށް ވެސް އޮތް ނުރައްކަލެކެވެ.
ވޭތުވެދިޔަ 13 ރޭ މެދުނުކެނޑި އެމެރިކާގެ އަސްކަރިއްޔާއިން ދަނީ އީރާނަށް ވައިގެ ހަމަލާތައް ދެމުންނެވެ. އަދި އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ހަމަލާދީ އެމެރިކާއިން ދަނީ ހަނގުރާމައިގެ ކުށްތައް ހިންގަމުންނެވެ.
މި ހަމަލާތަކުގެ ރައްދުގައި، އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ދަނީ ހުޅަނގު އޭޝިއާ ސަރަހައްދުގައި ހުރި އެމެރިކާގެ އިސްތިރާޖީ މަރުކަޒުތަކަށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދެމުންނެވެ.
އީރާނުގެ ދެކުނުގެ ޕްރޮވިންސްތަކަށް އަމާޒުކޮށް އެމެރިކާއިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފާލަންތަކާއި ފެން ސާފުކުރާ ޕްލާންޓްތައް ފަދަ އުމްރާނީ ވަސީލަތްތައް ހަލާކުވެފައިވާއިރު، އީރާނުގެ 55 މީހަކު މަރުވެ 645 މީހަކު ވަނީ ޒަޚަމްވެފަ އެވެ.
އެމެރިކާއިން އަލުން މި ހަމަލާތައް ދޭން ފަށާފައިވަނީ، ހަނގުރާމަ ހުއްޓާލުމަށްޓަކައި ޖޫން 17 ވަނަ ދުވަހު ސޮއިކުރި "އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް" އާ އެމެރިކާއިން ޚިލާފުވުމާ ގުޅިގެންނެވެ.
އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ޣައިރު ގާނޫނީ ހަނގުރާމައެއް ފަށާފައިވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް، އީރާނުގެ ވަރުގަދަ ދިފާއާއި، ކާމިޔާބު ބަދަލުހިފުމުގެ ހަމަލާތަކުގެ އިތުރުން ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އޮތް ބާރުވެރިކަމުގެ ސަބަބުން، ހަނގުރާމަ ފެށިތާ 40 ދުވަސް ފަހުން އޭޕްރީލް 8 ވަނަ ދުވަހު އެމެރިކާ އިން ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި އެވެ. އެހެން ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮތީ މަދު ދުވަސްކޮޅަކަށެވެ.










