ރައީސް މުއިއްޒުގެ ސަރުކާރުން ތާރުއެޅި މަގު ޕްރޮމޯޓް ކުރުމަށް ސިފައިންގެ މައި މަރުކަޒު ފެންނަ ގޮތަށް ޑްރޯން ފޮޓޯތަކާއި ވީޑިއޯތައް އާއްމުކޮށް ޤައުމު ނުރައްކަލަކަށް ހުށަހަޅައިފި
24 ޖުލައި 2026 | ހުކުރު 08:14މާލޭގެ ގްރީން ޒޯނާއި ސިފައިންގެ މައި މަރުކަޒު ފެންނަ ގޮތަށް ޑްރޯން ބޭނުންކޮށްގެން ނަގާފައިވާ ފޮޓޯތަކެއް އާންމުކުރުމާ ގުޅިގެން، ގައުމީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. ސަލާމަތީ ގޮތުން ނުރައްކާތެރި މިފަދަ މަންޒަރުތައް އާންމުކުރުމަކީ ސިފައިންގެ ގާނޫނާ ޚިލާފު ކަމެއް. މި މައްސަލަ ބެލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން


ސިފައިންގެ މައި މަރުކަޒު ފެންނަ ގޮތަށް ނަގާފައިވާ ޑްރޯން ފޮޓޯއެއް | ވަން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދު ޕްރޮމޯޓު ކުރުމަށްޓަކައި، ސިފައިންގެ މައި މަރުކަޒު ކަމަށްވާ ބަންޑާރަކޮށި މަތިން ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކެއް އާންމުކޮށްފި އެވެ.
މި ފޮޓޯތަކާއި ވީޑީއޯތައް އާންމުކޮށްފައިވަނީ އެމްޓީސީސީގެ އިތުރުން ސަރުކާރު ޕްރޮމޯޓް ކުރާ ބައެއް މީޑިއާތަކުންނެވެ.
އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން މާލޭގެ ގްރީން ޒޯން އެއްކޮށް ފެންނަން ހުރިއިރު، ބަންޑާރަކޮށީގެ އިތުރުން ފުލުހުންގެ މައި ހެޑްކުއާޓަރު ޝަހީދު ހުސެއިން އާދަމް ބިލްޑިންގ، ރައީސް އޮފީސް، ރައްޔިތުންގެ މަޖިލިސް އަދި މުލިއާގެ ވެސް މަތިން ވަރަށް ސާފުކޮށް ފެންނަން ހުރެ އެވެ.
މިއީ ގައުމީ ސަލާމަތަށް ހުރި ވަރަށް ބޮޑު ނުރައްކަލަކަށްވާއިރު، ބަންޑާރަކޮށި ބޭރުން ވެސް ފޮޓޯ ނެގުން މަނާ ކަމަށް އަންގާ ބޯޑުތައް ހަރުކޮށްފައިވެ އެވެ. އަދި ރައީސް އޮފީސް ހިމެނޭ ސަރަހައްދުގައި މަޑުކޮށްގެން ވީޑިއޯ ކުރުމާއި ނޫސްވެރިން އިންޓަވިއު ނެގުން ފަދަ ކަންކަމަށް ވެސް ސިފައިން އަބަދުވެސް ހުރަސްއަޅަ އެވެ.
24 ގަޑިއިރު، އެ ސަރަހައްދުގައި ސިފައިން ފޯރިމަރާއިރު، މި ސަރުކާރުން ތާރު އެޅި މަގެއް ޕްރޮމޯޓް ކުރުމަށްޓަކައި ޑްރޯން ބޭނުން ކޮށްގެން މިފަދަ ފޮޓޯތަކާއި ވީޑިއޯތައް ނެގުމަކީ ސިފައިންގެ ގާނޫނުން ވެސް ތަންދޭ ކަމެއް ނޫނެވެ.
ސިފައިންގެ ގާނޫނު ބުނާ ގޮތުން، ގްރީން ޒޯނުގައި އަދި ބަންޑާރަކޮށި ސަރަހައްދުގައި ޑްރޯން އެރުވޭނީ ޚާއްސަ ހުއްދައެއްގެ ދަށުން ސިފައިންގެ ބެލުމުގެ ދަށުންނެވެ. އަދި ގްރީން ޒޯނުގައި ހިމެނޭ ސެކިއުރިޓީ ހައި އެއްވެސް އިމާރާތެއްގެ މަތިން ފޮޓޯ އާއި ވީޑިއޯ ނަގައި އާންމު ކުރުމަކީ މަނާ ކަމެކެވެ.
ގްރީން ޒޯނަކީ މާލޭގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭ ސަރަހައްދު ހިމާޔަތްކޮށް، އާންމު ހަރަކާތްތަކާއި އެއްވުންތަކަށް ލިމިޓްކޮށްފައިވާ ނުވަތަ ޚާއްސަ އަމަންއަމާންކަން ގާއިމުކޮށްފައިވާ ސަރަހައްދެކެވެ.
ނަމަވެސް މިފަދަ ފޮޓޯތާކާއި ވީޑިއޯތައް އާއްމުވުމާއި ގުޅިގެން މި މައްސަލަ ބެލުމަށް ދަނީ ގިނަބަޔަކު ގޮވާލަމުންނެވެ. މި ސަރުކާރުން ސިފައިންގެ ވެސް ސިޔާސީ ކޮށްފައިވާ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑު ކިޔުން ދަނީ އަމާޒުވަމުންނެވެ.











