މިދިޔަ ހަފްތާގައި 20ށް ވުރެ ގިނަ ކުއްލި ނުރައްކަލުގެ ހާދިސާ ހިނގާފައިވޭ، އެންމެ ގިނައީ އަލިފާނުގެ ހާދިސާތައް: އެމްއެންޑީއެފް
މިދިޔަ ހަފްތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ 23 ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މީގެ ތެރޭގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާ. އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލެސިޓީގައި. އަދި މީހުން ސަލާމަތްކުރުމާއި މެޑިކަލް އިވެކުއޭޝަންގެ ގިނަ އޮޕަރޭޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވޭ


މިމަހުގެ 9 ވަނަ ދުވަހު މ. ޝަފާ ގޭގެ ގުދަނެއްގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ | އެމްއެންޑީއެފް
މިދިޔަ ހަފްތާގެ ތެރޭގައި 20ށް ވުރެ ގިނަ ކުއްލި ނުރައްކަލުގެ ހާދިސާ ހިނގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ، 12 ޖުލައި 2026ން 18 ޖުލައި 2026ށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ 23 ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި މިހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރްއެސް)އިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ، އެންމެ ގިނައިން ހިނގާފައިވަނީ އަލިފާނުގެ ހާދިސާ ކަމަށެވެ.
އެގޮތުން އަލިފާނުގެ 12 ހާދިސާއެއް ހިނގާފައިވާއިރު، ތަފާތު 5 ހާދިސާއެއްގައި މީހުން ސަލާމަތްކޮށްފައިވެ އެވެ. އަދި 4 މެޑިކަލް އިވެކުއޭޝަން ހިންގާފައިވެ އެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ، ނުރައްކާތެރި މާއްދާއެއް އެކުލެވޭ (ހެޒްމަތް) އެއް ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
މިހާދިސާތައް ހިނގި ސަރަހައްދުތަކަށް ބަލާއިރު، އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލެސިޓީގަ އެވެ.

ހުޅުމާލޭގައި ހުންނަ ދޯދި ފްލެޓް 11 ކައިރީ ހުރި ކުނިތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގެ ތެރެއިން | އެމްއެންޑީއެފް
އެމްއެންޑީއެފުން ބުނީ މި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޖުމްލަ 16 ހާދިސާއެއްގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. މީގެ އިތުރުން، ސެންޓްރަލް އޭރިއާ ކޮމާންޑާއި ސަދަން އޭރިއާ ކޮމާންޑުން ކޮންމެ ސަރަހައްދަކުން 3 ހާދިސާއެއްގައި އެހީތެރިކަން ފޯރުކޮށްދީފައިވެފައިވެ އެވެ. އަދި ނޯދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވެފައިވަނީ އެއް ހާދިސާގަ އެވެ.
ކުއްލި ނުރައްކާތަކުގެ ހާދިސާތައް މަދު ކުރުމަށް ކަމާގުޅުންހުރި އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އަދިވެސް އިތުރެ އެވެ. މިއަހަރުގެ ތެރޭގައި އެކަނި ވެސް މާލެސިޓީގައި ނުރައްކާތެރި އަލިފާނުގެ ގިނަ ހާދިސާތައް ހިނގާފައިވެ އެވެ. މިމަހުގެ 9 ވަނަ ދުވަހު ވެސް މާފަންނުގައި ހުރި ގުދަނެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
މީގެ އިތުރުން ގަވާއިދާ ޚިލާފަށް އެކި ޒާތުގެ ކެމިކަލް އަދި ސިނާއީ މަސައްކަތް ކުރާ ތަކެތި ރައްކާކޮށްފައި ހުރި ގުދަންތަކުގައި ވެސް މީގެ ކުރިން މިފަދަ ބޮޑެތި ހާދިސާތައް ހިނގާފައިވެ އެވެ. އެހެންކަމުން މިހާރު މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކެމިކަލް ގުދަން ކުރުމަކީ މަނާ ކަމެކެވެ.








