ސުނާމީ ކާރިސާއާއި ކޮވިޑުގެ އާލަމީ ވަބާގެ ދުވަސްވަރު ވެސް ވަޒީފާތަކުން މުވައްޒަފުން ކަނޑައިފައެއް ނުވޭ: ވައްޑެ
ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަން އަންގާފައިވާއިރު، މިއީ 14,000 އަށްވުރެ ގިނަ ވަޒީފާ ކަމަށް އެމްޑީޕީ އިން ބުނޭ. އާދައިގެ ރައްޔިތުން ވަޒީފާ އިން ވަކިކުރަމުންދާއިރު، ސިޔާސީ މަގާމުތައް އިތުރުވަމުންދާތީ، މިއީ ކޮވިޑުގެ އާލަމީ ވަބާގައި ވެސް އަމަލުކޮށްފައިނުވާ ފަދަ ދަތި ގޮތެއްކަން ގިނަ ބަޔަކު ފާހަގަކުރޭ


ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) | ރާއްޖެ އެމްވީ
ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާއި ކޮވިޑް-19 ގެ އާލަމީ ވަބާގެ ދަތި އުނދަގޫ ދުވަސްވަރު ވެސް މުވައްޒަފުން ވަޒީފާތަކުން ވަކިކޮށް ބިކަކޮށްފައި ނުވާ ކަމަށާއި، ނަމަވެސް މި ސަރުކާރުން އެތައް ހާސް މުވައްޒަފުންނެއް ވަޒީފާތަކުން ވަކި ކުރަމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވައްޑެ ވިދާޅުވީ، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އެރި ދުވަސްވަރު ވެސް މުވައްޒަފުން ވަޒީފާތަކުން ވަކިކޮށްފައި ނުވާ ކަމަށެވެ. އަދި ހަމައެހެންމެ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ގައުމުގެ އިގްތިސާދު މުޅިން ހުއްޓިފައި އޮތް އިރުވެސް ސަރުކާރުން މުވައްޒަފުން ކަނޑާފައިނުވާ ކަމަށެވެ.
އިގްތިސާދީ އެއްވެސް ހާސްކަމެއް ނެތް ކަމަށް ވިދާޅުވެ، އަދި އެއްވެސް މުވައްޒަފަކު ވަޒީފާއިން ނުކަނޑާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެން، ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު ދައްކަމުންދަނީ މުޅިން ތަފާތު މަންޒަރެއް ކަމަށް ވައްޑެ ވިދާޅުވި އެވެ. އެގޮތުން އެއްފަހަރާ 14,000 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރުމަށް ސަރުކާރުން ނިންމާފައިވާއިރު މިއީ 14,000 އަށްވުރެ ގިނަ މުވައްޒަފުން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ނެރުނު ސާކިއުލާއެއްގައި، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ވަނީ އަންގައިފަ އެވެ. މީގެ އިތުރުން، އެޗްޑީސީ އާއި ފެނަކަ ފަދަ ބޮޑެތި ކުންފުނިތަކުން ހަތަރު މަސްދުވަހުގެ މުސާރަ ދިނުމަށް ފަހު އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ހަރަދު ކުޑަކުރުމުގެ ނަމުގައި އާދައިގެ މުވައްޒަފުން ވަޒީފާތަކުން ވަކިކޮށް، އާއިލާތައް ބިކަކުރަމުންދާއިރު، ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރު ނުކުރައްވާނެ ކަމަށް ވިދާޅުވެފައި ނަމަވެސް، މިހާތަނަށް 2,000 އަށްވުރެ ގިނަ މީހުން ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.



