ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަށް ދައުލަތް ބައްޓަންކުރަން ބޮޑު ބަދަލެއް ގެންނަން ޖެހޭ: ޝިފާޒް
އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް ޝިފާޒު ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރެވޭނެ ފަދަ ނިޒާމީ ބަދަލެއް ގައުމަށް ގެންނަންޖެހޭ ކަމަށް. އިހުލާސްތެރި ވެރިއަކު ނެތުމުން މިހާރުގެ ގާނޫނުއަސާސީން ރައްޔިތުންގެ ހައްގުތައް ހިމާޔަތް ނުކުރެވޭކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ދައުލަތް ބައްޓަންކުރަންވީ އަދުލްއިންސާފަށް ނުފޫޒު ނުފޯރުވޭނެ ގޮތަށް ކަމަށް


ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވާހަކަ ދައްކަވަނީ | އެމްޑީޕީ
ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަށް ދައުލަތް ބައްޓަން ކުރަން، ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ޖަލްސާގައި ޝިފާޒު ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުވީ މިހާރުގެ ގާނޫނުއަސާސީ ލިބުމުން ކަމަށާއި އެހާލަތު ބަދަލުވިއިރު ވެރިކަން ވެސް ބަދަލުވެ، ވެރިމީހާ ވެސް ބަދަލުކުރެވުނު ކަމަށެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް ބަދަލެއްގެ ވާހަކަ ދައްކަން ޖެހިފައިވާ ކަމަށާއި އަނެއްކާ ވެސް ރާއްޖެ ބަދަލުކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެހި ގާނޫނު އަސާސީ ވަރަށް ފުރިހަމަ ކަމަށް ގަބޫލުކުރެވުނު ނަމަވެސް އިހުލާސްތެރި ވެރިއެއް ނެތުމުން އެކަމުގެ ދެރަ ގައުމާއި ރައްޔިތުންނަށް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އިހުލާސްތެރި ވެރިއެއް ނެތުމުން އެ ގާނޫނުއަސާސީން ކުރެވޭ ކަމެއް ނެތް ކަމަށެވެ.
ވެރިކަމަށް އަންނަ މީހާ ވެރިކަމުގެ ހުވާކުރާ ދުވަހުން ފެށިގެން ރާއްޖެއަކީ ތަރިކަ މުދާ ކަމަށް ހިތުނިޔަތް ގަތުމުން ގާނޫނުއަސާސީން ކުރެވޭ އެއްވެސް ކަމެއް ނެތްކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ، އެފަދަ ވެރިއަކު ބޭނުންވާ ގޮތެއް ހަދާ ކަމަށާއި، ތިން ބާރަކީ ވަކިވެފައި އޮންނަ އެއްޗަކަށް ވެގެން ނުދާ ކަމަށެވެ.
އިހުލާސްތެރިކަން ނެތް ވެރިއަކު ވެރިކަން ކުރާނަމަ ދައުލަތް ޖަވާބުދާރީ ނުކުރެވޭ ކަމަށާއި، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ނުކުރެވޭނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ޖީބަށް އާމްދަނީ އިތުރުވާނެ އެއްވެސް ގޮތެއް ނުހޯދޭ ކަމަށާއި، ދަނީ ބިކަވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތް ޖަވާބުދާރީ ނުކުރެވޭ. އަޅުގަނޑުމެން ރައްޔިތުންގެ ހައްގުތަކެއް ހިމާޔަތެއް ނުކުރެވޭ. ރައްޔިތުންގެ ޖީބަށް އާމްދަނީ އިތުރުވާނެ އެއްވެސް ގޮތެއް ނުހޯދޭ. ވަނީ ބިކަ. ވެރިކަަން ކުރާ މީހާ އޭނާގެ އަމިއްލަ މުހުތާދަށް ވެރިކަން ކުރާ ކަމަށްވަނީނަމަ މި ގާނޫނު އަސާސީން އަޅުގަނޑުމެންނަށް ކުރެވުނު ކަމެއް ފެންނާކަށް ނެތް. ހަމައެކަނި އޮތް މިންވަރަކީ ގަބޫލުކުރަން ޖެހޭ މިންވަރަކީ އިހުލާސްތެރިކަމާއެކު ވެރިކަން ކުރަން ވެރިއެއް އައިސްފިއްޔާ އެއީ ވަރަށް ރަނގަޅު މިންވަރެކޭ. އެކަމަކު ކިހިނެތްތޯ މިވަނީ. މިހާރު 4 ވެރިން އަޅުގަނޑުމެންނަށް ފެނިއްޖެ މި ގާނޫނު އަސާސީގެ ފަހުން. އަޅުގަނޑުމެންނަށް އެ މިންވަރާ ގާތަށް ނުދެވުނުމުހައްމަދު ޝިފާޒު
ޝިފާޒު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރައްޔިތުންނަށް އުއްމީދެއް ލިބި ދިރުން އަންނަ ކަމަށެވެ. ނަމަވެސް ޖެހިގެން އަންނަ ދައުރު ވެރިކަން ބަދަލުވުމުން ދަނީ ފަހަތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ރާއްޖެއަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށާއި، އެމްޑީޕީއަކީ އަބަދުވެސް ގައުމަށް ބޮޑެތި ބަދަލުތައް ގެންނަ ޕާޓީއަކަށްވާއިރު، މި ބަދަލު ވެސް ގެނެވޭނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.
މިއީ ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަށް ދައުލަތް ބައްޓަން ކުރަންވީ ވަގުތުކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ ދައުލަތް ޖަވާބުދާރީ ކުރެވޭނެ ބަދަލާއެކު އެމްޑީޕީން ކުރިއަށްދާނެ ކަމަށެވެ.
ޝިފާޒު ވިދާޅުވީ ސަރުކާރުގައި ރައްޔިތުންގެ ބާރު އޮންނަން ޖެހޭ ކަމަށާއި، އަދުލު އިންސާފަށް އަތް ނުބޭނޭ ގޮތަށް ގައުމަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި މި ބަދަލަކީ ރާއްޖޭގެ އިޤްތިސާދަށް ބޮޑު ކުރިއެރުމެއް ގެނެވޭނެ ބަދަލަކަށްވާނެ ކަމަށާއި، މި ބަދަލާއެކު މިހާރުގެ ރައީސް މުއިއްޒަށް ވެރިކަމުގައި ނުހުންނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.









