ހދ. ހޮނޑާފުށި ކައިރިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ
ހޮނޑާފުށި ކައިރީގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ދޯނިން ގެއްލުނު މީހާ، އެ ރަށު ގޮނޑުދޮށަށް ލައްގާފައި އޮއްވާ ފެނިގެން ހަނިމާދޫ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާދެމުން. އެމްއެންޑީއެފް އާއި އާންމުން ގުޅިގެން ކުރި މަސައްކަތުން ފެނުނު މި މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދޭ


ހދ. ހޮނޑާފުށި ކައިރީގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން މީހަކު ގެއްލިގެން ހޯދަނިކޮށް އެމީހާ ފެނިފައިވަނީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ | އެމްއެންޑީއެފް
ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން މީހަކު ގެއްލިގެން، އެމްއެންޑީއެފް އިން ހޯދަމުންދަނިކޮށް، އެ މީހާ ހޮނޑާފުށީ ގޮނޑުދޮށުން ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، އެ މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހުގެ ފަތިހު 04:05 ހާއިރު ކަމަށެވެ. އަދި މި ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، ގެއްލުނު މީހާ ފެނިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ، ހޯދުމުގެ މަސައްކަތުގައި އެހީތެރިވަމުންދިޔަ ޑިންގީއަކަށް ކަމަށެވެ.
އޭނާއަށް އަވަސް ސިއްހީ ފަރުވާ ދިނުމަށް ޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެ މީހާ ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އުޅަނދުފަހަރުގެ އިތުރުން، އެ ސަރަޙައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުތަކުން ފުރިހަމަ އެއްބާރުލުން ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ފާހަގަކުރެ އެވެ.








