ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
ކޮސޯވޯގެ އައު ސަފީރު ރަސްމީ އިއްޒަތުގައި ފަތްކޮޅު އެރުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ގައުމުން ރާއްޖެއަށް ދޭ ސްކޮލަރޝިޕް ފުރުސަތުތަކަށް ޝުކުރު އަދާކުރައްވާފައި. މި ބައްދަލުކުރެއްވުމުގައި ތައުލީމީ ދާއިރާއާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ އިތުރުން ޒުވާނުންގެ ތަރައްގީއަށް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި.

ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ | ރައީސް އޮފީސް
ކޮސޯވޯ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލަންސީ ލޫލްޒީމް ޕްލާނާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކޮސޯވޯ ސަރުކާރުން ދިވެހިރާއްޖެއަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ދެއްވަމުންގެންދަވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ތަޢުލީމީ ދާއިރާއާއި، ޒުވާނުންގެ ތަރައްޤީއާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ އިތުރުން ދެޤައުމުގެ މަސްލަހަތު ހިއްސާކުރާ އެހެނިހެން ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، އެއް ޤައުމުން އަނެއް ޤައުމަށް ދެމުންގެންދާ އެއްބާރުލުން، ދެމެހެއްޓެނިވި ޢަމަލީ ނަތީޖާތަކަކަށް ބަދަލުކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ ޢަޒުމް ދެބޭފުޅުން ވަނީ އައުކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ކޮސޯވޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2009 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.
މަސްދަރު: ރައީސް އޮފީސް









