އެމެރިކާގެ ރާގު ބަދަލުވެ، ސައުދީގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ދާނީ އިސްރާއީލާއެކު ގުޅުން ގާއިމު ކުރުމުން ކަމަށް ޓްރަމްޕް ހާމަ ކުރައްވައިފި
23 ޖުލައި 2026 | ބުރާސްފަތި 16:52އެމެރިކާއާއި ސައުދީ އަރަބިއްޔާއާ ދެމެދު ސޮއިކުރި މަދަނީ ނިއުކްލިއާ އެއްބަސްވުން ތަންފީޒުކުރެވޭނީ، އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމުކުރުމަށް އެކުލަވާލާފައިވާ "އަބްރަހަމް އެކޯޑްސް" ގައި ސައުދީން ބައިވެރިވުމުން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ. މި އެއްބަސްވުމުގެ ދަށުން ޔުރޭނިއަމް މުއްސަނދިކުރުމުގެ ފުރުސަތު ސައުދީ އަށް ނޯންނާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، މިއީ މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަމެއް އުފެދިދާނެ ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ގައި ވޮޝިންގޓަން ޑީސީގެ ވައިޓް ހައުސްގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) އިޝާރާތެއް ކުރައްވަނީ. | ގެޓީ އިމޭޖަސް
ސައުދީ އަރަބިއްޔާއާއެކު ސޮއިކޮށްފައިވާ މަދަނީ ނިއުކްލިއާ އެއްބަސްވުން ކުރިއަށްދާނީ، "އަބްރަހަމް އެކޯޑްސް" ގެ ދަށުން އެ ގައުމުން އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
މި އެއްބަސްވުމުގެ ތަފުސީލުތައް ހާމަކޮށްފައި ނުވާއިރު، އެއްބަސްވުން އިއުލާނުކުރިތާ 24 ގަޑިއިރު ނުވަނީސް ބުރާސްފަތި ދުވަހު ޓްރަމްޕް ދެއްވި މި ބަޔާނާއެކު، މިހާރުވެސް އޮޅުންބޮޅުން ބޮޑު މި މުއާމަލާތާ މެދު އިތުރު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.
ޓްރަމްޕްގެ "ޓްރޫތު ސޯޝަލް" އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އެއްބަސްވުން ފާސްކުރެވޭނެ ކަމަށާއި، ނަމަވެސް އެކަން މުޅިން ބިނާވެފައި އޮތީ ވަރަށް ކާމިޔާބު އަދި އިހުތިރާމް ލިބިގެންވާ "އަބްރަހަމް އެކޯޑްސް" ގައި ސައުދީ އަރަބިއްޔާ ބައިވެރިވުމުގެ މައްޗަށް ކަމަށެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ސައުދީ އަރަބިއްޔާއިން ވަގުތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަށް ސައުދީން އެއްބަސްވެއްޖެ ނަމަ، އެއީ އެ ގައުމުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތަށް އަންނާނެ ވަރަށް ބޮޑު ބަދަލެކެވެ.
ޓްރަމްޕް މި ބަޔާން ނެރުއްވީ، މަދަނީ ނިއުކްލިއާ ޕްރޮގްރާމެއް ފެށުމާ ގުޅޭގޮތުން ވޮޝިންޓަނާއި ރިޔާޟްއާ ދެމެދު އެތައް ބިލިއަން ޑޮލަރެއްގެ، އެތައް އަހަރަކަށް ދެމިގެންދާނެ "ސުލްހަވެރި ނިއުކްލިއާ އެއްބަސްވުމެއް" ގައި ސޮއިކުރިކަން އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން އިއުލާނުކުރިތާ އެއްދުވަސް ފަހުންނެވެ.
މި އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި އެމެރިކާގެ ކޮންގްރެސްގެ ހުއްދަ ބޭނުންވާނެ އެވެ.
އެމެރިކާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި އެއްބަސްވުމުގެ ދަށުން ނިއުކްލިއާ ފިއުލް އިމްޕޯޓް ކުރުމުގެ ބަދަލުގައި، ސައުދީ އަރަބިއްޔާގެ އެތެރޭގައި ޔުރޭނިއަމް މުއްސަނދި ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މިއީ އެހެން ގައުމުތަކުގެ މަދަނީ ނިއުކްލިއާ ޕްރޮގްރާމްތަކާ މެދު ވޮޝިންޓަނުން ގެންގުޅޭ އުސޫލާ މުޅިން ތަފާތު ނިންމުމެކެވެ. ސަބަބަކީ، ޔުރޭނިއަމް މުއްސަނދި ކުރުމުގެ ޓެކްނޮލޮޖީއާއި ތަމްރީނު، އެކަން ކުރިން ނުކުރާ ގައުމުތަކަށް ދިނުމަށް އެމެރިކާއިން އަބަދުވެސް ދެކޮޅު ހަދާތީ އެވެ. ނަމަވެސް ބުރާސްފަތި ދުވަހު ޓްރަމްޕް ނެރުއްވި ބަޔާނުގައި އެ ރިޕޯޓްތައް ދޮގުކުރައްވައި ވިދާޅުވީ، އެއްވެސް މާއްދާއެއް މުއްސަނދި ކުރުމުގެ ފުރުސަތު މި އެއްބަސްވުމުގެ ދަށުން ސައުދީ އަކަށް ނޯންނާނެ ކަމަށެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، މަދަނީ (ޔުރޭނިއަމް މުއްސަނދި ނުކުރާ) ނިއުކްލިއާ ވަސީލަތްތައް ގާއިމުކުރުމާ އެމެރިކާއިން ދެކޮޅު ނޫން ކަމަށެވެ.
އެމެރިކާއާއި ސައުދީ އަރަބިއްޔާއިން ސޮއިކޮށްފައިވާ "ޓްރީޓީ އޮން ދަ ނޮން-ޕްރޮލިފަރޭޝަން އޮފް ނިއުކްލިއާ ވެޕަންސް" (އެން.ޕީ.ޓީ) ގެ ދަށުން ޔުރޭނިއަމް މުއްސަނދި ކުރުމަކީ މަނާ ކަމެއް ނޫނެވެ. ނިއުކްލިއާ ފިއުލް އުފެއްދުމަށް ޔުރޭނިއަމް މުއްސަނދި ކުރަން ޖެހޭއިރު، އެކަން ވަރަށް މަތީ މިންވަރަކަށް ކޮށްފި ނަމަ އެއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ އަސާސެވެ.
ފެބްރުއަރީ 28 ގައި ފެށުނު އެމެރިކާ-އިސްރާއީލު ހަނގުރާމައިގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ދައްކަނީ އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުމުގެ މައްސަލަ އެވެ. އީރާނުން ބުނަމުންދަނީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުން ނުވާ ކަމަށާއި، ޔުރޭނިއަމް މުއްސަނދި ކުރުމަކީ ގައުމީ ސިޔާދަތާ ގުޅިފައިވާ ހައްގެއް ކަމަށެވެ. ސައުދީ އަރަބިއްޔާއިން ވެސް މަދަނީ ނިއުކްލިއާ ޕްރޮގްރާމެއް ބޭނުންވަނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.
އެހެންނަމަވެސް، ބުދަ ދުވަހު އިއުލާނުކުރި މި އެއްބަސްވުމަށް ނިއުކްލިއާ ހަތިޔާރު ފެތުރުމާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ބައެއް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވިދާޅުވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ސައުދީގައި ޔުރޭނިއަމް މުއްސަނދި ކުރަން ހުއްދަ ދީފި ނަމަ، މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަމެއް އުފެދިދާނެ އެވެ.
މީގެ އިތުރުން، މީގެ ސަބަބުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް އީރާނަށް އިތުރު ހިތްވަރެއް ލިބިދާނެ ކަމުގެ އިންޒާރު ވެސް ބައެއް ފަރާތްތަކުން ދެއެވެ. އިސްރާއީލަކީ ވެސް ނިއުކްލިއާ ހަތިޔާރު ހުރި ގައުމެއް ކަމަށް ބެލެވުނު ނަމަވެސް، އެމެރިކާއިން އެކަމާ މެދު ގެންގުޅެނީ ސާފު ނޫން ސިޔާސަތެކެވެ.
މިހާރު ވެސް ތުރުކީ، މިސްރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި އެކި މިންވަރުގެ މަދަނީ ނިއުކްލިއާ ވަސީލަތްތައް ހުރެ އެވެ.
ސައުދީން އިސްރާއީލާއެކު ގުޅުން ގާއިމުނުކުރާ ނަމަ ނިއުކްލިއާ އެއްބަސްވުން އޮތީ "ބާތިލު" ވެފައި ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ވެސް ވަނީ ވިދާޅުވެފަ އެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ، ސައުދީ އަރަބިއްޔާއާއެކު ސޮއިކޮށްފައިވާ މަދަނީ ނިއުކްލިއާ އެއްބަސްވުން ކުރިއަށްދާނީ އެ ގައުމުން އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމުކުރުމުން ކަމަށެވެ.
ލީވިޓް ފާހަގަކުރެއްވި ގޮތުގައި، ސައުދީ ހިމެނޭހެން އެހެން ގައުމުތަކުން ވެސް "އަބްރަހަމް އެކޯޑްސް" ގައި ބައިވެރިވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވެސް ތަކުރާރުކޮށް ބާރުއަޅުއްވާފައިވެ އެވެ.
ނަމަވެސް، ބުދަ ދުވަހު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޓްރަމްޕްގެ މި އާ ޝަރުތު ހާމަނުކުރީ ކީއްވެގެން ކަމެއް ލީވިޓް ސާފުކޮށްދެއްވާފައެއް ނުވެ އެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން، އެންމެ ފަހުގެ ނިންމުން ނިންމަވާނީ ރައީސް. މިއީ އެމަނިކުފާނު އެކި ފަހަރުމަތިން ފާހަގަކުރައްވާފައިވާ ކަމެއް،" ލީވިޓް ވިދާޅުވި އެވެ.
ލީވިޓް އިތުރަށް ވިދާޅުވީ، ގުޅުން ގާއިމުކުރުމާ ގުޅޭގޮތުން ސައުދީގެ ވެރިންނާއެކު ޓްރަމްޕް މަޝްވަރާ ކުރައްވާނެ ކަމަށެވެ. ނަމަވެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ސާފު މަގެއް ނުފެންނަނީސް އިސްރާއީލާއެކު ގުޅުން ގާއިމުނުކުރާނެ ކަމަށް ވިދާޅުވެފައިވާ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ، ޓްރަމްޕްގެ މި އާ ޝަރުތަށް ފަހު އަދި ވާހަކަދައްކަވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް މި ބަޔާން ނެރުއްވީ މީގެ މަދު ގަޑިއިރުތަކެއް ކުރިން. އޭގެ ފަހުން ވަލީއަހުދާ ފޯނުން ވާހަކަދެއްކެވި ކަމަކަށް ގަބޫލެއް ނުކުރެވޭ. އެހެންނަމަވެސް، މިއީ މީގެ ކުރިން ކުރެވުނު މަޝްވަރާތަކުގައި ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވާ ކަމެއް،" ލީވިޓް ވިދާޅުވި އެވެ.










