ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް
ވެނެޒުއޭލާ އަށް އަތްގަދަކުރުމަށް ފަހު ގްރީންލޭންޑާ މެދު ބާރުގެ ބޭނުންކޮށްފާނެ ކަމުގެ އިންޒާރު ދިނުމަކީ، ކައިރި މުސްތަގުބަލެއްގައި އެފަދަ ކަމެއް ހިނގުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެއް ކަމަށް.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި ސެކަންޑް ލޭޑީ އުޝާ ވޭންސް ކާނަލް ސޫޒަން މޭޔަރސް (ވ) އާއެކު އެމެރިކާގެ އަސްކަރިއްޔާގެ ޕިޓޫފިކް ސްޕޭސް ބޭސް ހުންނަ ގްރީންލޭންޑްގެ ޕިޓޫފިކް ގައި - މާޗް 28، 2025. | ގެޓީ އިމޭޖަސް
ޖެނުއަރީ ތިނެއްގައި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ، އެމެރިކާގެ ބާރުތަކުން ހައްޔަރުކުރުމާ އެކުއެކީ، ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ އަމިއްލަ އިދާރީ ހިންގުމެއް އޮންނަ ގްރީންލޭންޑް އެމެރިކާގެ މިލްކަކަށް ހެދުމުގެ ޝައުގުވެރިކަން ރައީސް ޑޮނަލްޑް ޓްރަމްޕް ބޮޑުކުރައްވާފައިވާ ކަމަށް ތަޖުރިބާކާރުން މައުލޫމާތު ދީފައިވާ ކަމަށް އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވެ އެވެ. ޓްރަމްޕް ގެ މި ފިޔަވަޅުގެ ސަބަބުން ނޭޓޯ އިއްތިހާދު ނިމުމަކަށް އައިސް، ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާ އިން ހާސިލުކުރަން ބޭނުންވާ މަގުސަދުތަކަށް މަގުފަހިވެގެންދާނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
އެމެރިކާގެ ސިފައިން މަދޫރޯ ހައްޔަރުކުރިތާ އެއް ދުވަސް ފަހުން، ޓްރަމްޕް ވަނީ ގްރީންލޭންޑަކީ އެމެރިކާގެ ދިފާއީ ކަންކަމަށް ކޮންމެހެން ބޭނުންތެރި ތަނެއް ކަމަށް ވިދާޅުވެ، ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފައްދަވާފަ އެވެ. މިކަމާ ގުޅޭގޮތުން ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ސްޓީވަން މިލާ ވިދާޅުވީ، ގްރީންލޭންޑަކީ އެމެރިކާގެ ބައެއްގެ ގޮތުގައި އޮތުމަކީ މި ސަރުކާރުގެ ރަސްމީ ސިޔާސަތެއް ކަމަށެވެ.
އެޓްލާންޓިކް ކައުންސިލްގެ ނޮދަން ޔޫރަޕްގެ ޑިރެކްޓަރު އޭނާ ވީސްލޭންޑަރ ފާހަގަކުރެއްވި ގޮތުގައި، ވެނެޒުއޭލާ އާ މެދު އަމަލުކުރި ގޮތުން އެނގެނީ ހުޅަނގުގެ ގައުމުތަކުގެ މައްޗަށް ބާރު ފޯރުވުމަށް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތެވެ. އަދި ޖިއޮގްރަފީ ގޮތުން ބަލާއިރު ގްރީންލޭންޑަކީ ވެސް މި ސަރަހައްދުގެ ބައެކެވެ. އޭނާ އިތުރަށް ވިދާޅުވީ، ވެނެޒުއޭލާ އަށް އަތްގަދަކުރުމަށް ފަހު ގްރީންލޭންޑާ މެދު ބާރުގެ ބޭނުންކޮށްފާނެ ކަމުގެ އިންޒާރު ދިނުމަކީ، ކައިރި މުސްތަގުބަލެއްގައި އެފަދަ ކަމެއް ހިނގުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން ޑެންމާކުގެ ބޮޑުވަޒީރު މެޓެ ފްރެޑްރިކްސަން ވިދާޅުވީ، ގްރީންލޭންޑް ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވާ ވާހަކައަކީ ސީރިއަސްކޮށް ބަލަންޖެހޭ ކަމެއް ކަމަށެވެ. އަދި އެމެރިކާ އިން ނޭޓޯގެ މެންބަރު ގައުމަކަށް ހަމަލާދީފި ނަމަ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ގާއިމުކުރެވުނު ސަލާމަތީ ނިޒާމާއި ނޭޓޯގެ އިއްތިހާދު މުޅިން ރޫޅިގެންދާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
ވީސްލޭންޑަރ ވެސް ވަނީ މި ހިޔާލަށް ތާއީދުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، އެމެރިކާ އިން އަސްކަރީ ބާރުގެ ބޭނުންކޮށްގެން ގްރީންލޭންޑް ހިފައިފި ނަމަ، ނޭޓޯގެ މުއާހަދާގެ 5 ވަނަ މާއްދާގައި ބުނާ "އެއް ގައުމު އަނެއް ގައުމަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ" އުސޫލުގެ އެއްވެސް މާނައެއް ނޯންނާނެ ކަމަށެވެ. 5 ވަނަ މާއްދާ އަކީ ނޭޓޯގެ މެންބަރު ގައުމަކަށް ދެވޭ ހަމަލާއެއްގައި ހުރިހާ ގައުމުތަކުން ބައިވެރިވެ އެހީތެރިވުމަށް ލާޒިމުކުރާ މާއްދާ އެވެ.
ނޭޓޯގެ އަކީ ހަމައެކަނި ނަމެއްގައި އޮންނަ ޖަމާއަތަކަށް ވެގެންދާނެ
ޗިކާގޯ ޔުނިވާސިޓީގެ ތާރީޚް ދިރާސާ ކުރައްވާ އިލްމުވެރިއެއް ކަމަށްވާ ޕްރޮފެސަރ ޖޯން މިއަޝީމަރ ވިދާޅުވި ގޮތުގައި، ޔޫކްރެއިން ގައި މިހާރު ހިނގަމުންދާ ހަނގުރާމަ އާއި، ގްރީންލޭންޑަށް އަރައިގަތުމާ ގުޅުވާލައިފި ނަމަ، މިއީ ނޭޓޯގެ އިއްތިހާދު މުޅިން ފުނޑުފުނޑުކޮށްލާނެ ވަރުގަދަ ދެ ހާދިސާ އަކަށް ވެގެންދާނެ އެވެ. "ނޭޓޯގެ ބާރު މުޅިން ކެނޑި، އެއީ ހަމައެކަނި ނަމެއްގައި އޮންނަ، އެއްވެސް ނުފޫޒެއް ނެތް ޖަމާއަތަކަށް ބަދަލުވެގެންދާނެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ އިއްތިހާދު މުޅިން ހަލާކުވެގެންދާނެ އެވެ."

ނަމަވެސް، ޔޫކްރެއިނަށް ސަލާމަތީ ޔަގީންކަން ހޯދައިދިނުމާ ގުޅޭގޮތުން ޔޫރަޕްގެ ލީޑަރުންނާއި ވައިޓް ހައުސްގެ އޮފިޝަލުން ޕެރިހުގައި ބައްދަލުކުރެއްވި އިރު، ވެނެޒުއޭލާ ނުވަތަ ގްރީންލޭންޑާ ބެހޭގޮތުން އާންމުކޮށް އެއްވެސް ވާހަކަ އެއް ދައްކަވާފައެއް ނުވެ އެވެ.
އެމެރިކަން ކޮލެޖް އޮފް ގްރީސްގެ އިންޓަނޭޝަނަލް އެފެއާޒް ޕްރޮފެސަރ ކޮންސްޓަންޓިނޯސް ފިލިސް އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއް ގައި ވިދާޅުވީ، "މިވަގުތުގެ އެންމެ ބޮޑު އިސްކަމެއް ދެވިފައި ވަނީ ޔޫކްރެއިނަށާއި، ޔޫރަޕްގެ ދިފާއީ އަދި ސަލާމަތީ ކަންކަމަށެވެ. އަދި މި ކަންކަމުގައި އެމެރިކާގެ ބައިވެރިވުން ދެމެހެއްޓުމަށެވެ."
އެހެންނަމަވެސް، ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާތެރި ހާލަތު ފެންނަން އެބައޮތް ކަމަށާއި، މިހާރު މި ކުރެވޭ މަސައްކަތަކީ ހަމައެކަނި ވަގުތު ހޯދުން ކަމަށް 'ޗެތަމް ހައުސް' ތިންކް ޓޭންކްގެ ޔޫރޭޝިއާ ސަރަހައްދު ދިރާސާ ކުރައްވާ ކެއަރ ޖައިލްސް ގަބޫލުކުރައްވަ އެވެ.
"ވޭތުވެދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ސްޓްރެޓެޖީގެ އެއް ބަޔަކީ ޓްރަމްޕްގެ ރުހުން ހޯދުމަށް މަސައްކަތް ކުރުމެވެ. މިއާއެކު އޮބްޒާވަރުން އުންމީދު ކުރަނީ، އެމެރިކާ އާ އެކު އޮތް ގުޅުން މުޅިން ކެނޑިގެންދާ ހާލަތަކަށް ތައްޔާރުވުމަކީ ވެސް މި ސްޓްރެޓެޖީގެ މުހިންމު ބަޔެކެވެ،" ޖައިލްސް ވިދާޅުވިއެވެ.
ޔޫރަޕަށް އޮތް ނުރައްކާ
އަލްޖަޒީރާ އަށް މަޢުލޫމާތު ދެމުން ގައިލްސް ބުނި ގޮތުގައި، ޔޫރަޕަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ގްރީންލޭންޑުގައި އަސްކަރީ ބާރެއް ބޭތިއްބުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި 2017 ވަނަ އަހަރަށް ފަހު ބޯލްޓިކް ޤައުމުތަކާއި ޕޮލެންޑު ގައި އިއްތިހާދުގެ ފައުޖުތައް ބޭތިއްބުމަކީ ރަޝިޔާ އިން އެ ސަރަޙައްދުތަކަށް އަރައިގަތުން ހުއްޓުވުމަށް އެޅުނު ކާމިޔާބު ފިޔަވަޅެކެވެ.
ގައިލްސް ފާހަގަ ކުރެއްވި ގޮތުގައި އެމެރިކާ އިން ގްރީންލޭންޑަށް އަސްކަރީ ގޮތުން އަރައިގަތުމަކީ ޔޫރަޕަށް ދެގުނަ ބޮޑު ނުރައްކަލަކަށް ވާނެ އެވެ. ސަބަބަކީ އެއީ ޔޫކްރޭން މައްސަލައިގައި ޕޫޓިންގެ މަޤްޞަދުތައް ހާސިލުކުރުމަށް ލިބޭނެ ބޮޑު ފުރުޞަތަކަށް ވާތީ އެވެ. ބޮޑެތި ބާރުތަކުން އެމީހުންގެ ކައިރި ސަރަޙައްދުތަކުގެ މައްޗަށް ބޭނުންހާ ގޮތެއް ހެދުމުގެ ފުރުޞަތު އޮތުމަކީ ރަޝިޔާ އިން ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ. ގްރީންލޭންޑަށް އަރައިގަތުމަކީ ޓްރަމްޕްގެ ސަރުކާރުން މޮސްކޯ އަށް މިހާތަނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ ކަމަށް އޭނާ ސިފަކުރި އެވެ.
ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރ މި ހަފުތާގައި ބޭއްވި ސިމްޕޯޒިއަމެއް ގައި ވިދާޅުވީ، ނޭޓޯގެ އުޞޫލުތައް ބަލިކަށިވުމަކީ ދުނިޔޭގެ ނިޒާމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އޭނާ ވިދާޅުވީ، މީގެ މަޤްޞަދަކީ ދުނިޔެ އަކީ އެއްވެސް އުޞޫލެއް ނެތި ބޭނުން އެއްޗެއް ނަގާ "ވައްކަންކުރާ މީހުންގެ ހާއްޔަކަށް" ވިޔަ ނުދިނުމެވެ. އަދި ބޮޑެތި ބާރުތަކުން ވަކިވަކި ސަރަޙައްދުތައް ނުވަތަ މުޅި ޤައުމުތަކަކީ އެމީހުންގެ އަމިއްލަ މިލްކިއްޔާތެއްގެ ގޮތުގައި ދެކޭ ދެކުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މިފަދަ ނުރައްކާތައް އޮތުމާއެކު، ޔޫރަޕްގެ އިސްވެރިން މިހާރު ދަނީ އަސްކަރީ ގޮތުން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކުރަމުންނެވެ. ނިމިދިޔަ އަހަރު ޓްރަމްޕް ގްރީންލޭންޑް ހޯދުމުގެ ޝައުޤުވެރިކަން ފާޅުކުރުމުން، ފަރަންސޭސިވިލާތުން ވަނީ ކެނެޑާގެ އައްސޭރިފަށަށް ނިއުކްލިއަރ ސަބްމެރިންއެއް ފޮނުވާފަ އެވެ. އެއީ، ކެނެޑާ ކައިރީގައިވާ ސެއިންޓް ޕިއަރޭ އަދި މިކެލޯން ޖަޒީރާތަކަކީ ފަރަންސޭސިވިލާތުގެ ސިޔާދަތީ ބާރު ހިނގާ ތަންތަންކަން ހަނދާންކޮށްދިނުމުގެ ގޮތުންނެވެ.
މި ހަފުތާގައި ފަރަންސޭސި ޚާރިޖީ ވަޒީރު ޖީން-ނޮއެލް ބަރޮޓް ވިދާޅުވީ، "އަޅުގަނޑުމެން ފިޔަވަޅު އަޅަން ބޭނުންވަނީ ޔޫރަޕްގެ އެހެން ބައިވެރިންނާ ގުޅިގެން" ކަމަށެވެ. އަދި މިކަމާ ގުޅޭ ރޭވުންތަކާ ބެހޭގޮތުން ޖަރުމަނާއި ޕޮލެންޑާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޖަރުމަނުގެ ޚާރިޖީ ކަންކަމާ ބެހޭ އިސް މަސްއޫލުވެރި އެއް ކަމަށްވާ ޖޮހާން ވޭޑެފުލް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޑެންމާކަކީ ނޭޓޯގެ މެންބަރަކަށް ވާތީ، އުޞޫލެއްގެ ގޮތުން ގްރީންލޭންޑަކީ ވެސް ނޭޓޯ އިން ދިފާޢު ކުރާނެ ތަނެއް ކަމަށެވެ.
އަސްކަރީ ބާރުގެ ބޭނުންކޮށްފާނެތަ؟
ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި ޓްރަމްޕް ބޭނުންކުރައްވާނެ އުކުޅުތަކާ މެދު މާހިރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.

މާކޯ ރޫބިއޯ ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ޑެންމާކް ސަރުކާރާ ބައްދަލުކުރައްވާނެ ކަމަށެވެ. ނަމަވެސް، ގްރީންލޭންޑާ މެދު އަސްކަރީ ފިޔަވަޅެއް އެޅުމުގެ ފުރުސަތު އޮތްތޯ ސުވާލުކުރުމުން އެކަން ދޮގުކުރައްވާފަ އެއް ނުވެ އެވެ.
"އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ރައީސަށް ފެނިވަޑައިގެންފި ނަމަ، އެކަމަށް އަސްކަރީ ހައްލެއް ހޯއްދެވުމުގެ އިޚްތިޔާރު ކޮންމެ ރައީސަކަށް ވެސް އޮންނާނެ. އަޅުގަނޑުމެން އަބަދުވެސް ބޭނުން ވަނީ ވެނެޒުއޭލާ ގައި ވެސް ކަންކުރި ފަދައިން، އެހެން ގޮތްގޮތުން މައްސަލަތައް ހައްލުކުރަން،" އޭނާ ވިދާޅުވި އެވެ.
މިއަރޝީމާ ގަބޫލުކުރައްވާ ގޮތުގައި، މީގެ ކުރިން ޖޫން މަހު އީރާނަށާއި، ޑިސެމްބަރު މަހު ނައިޖީރިއާ އަށް، އަދި މިހާރު ވެނެޒުއޭލާ އަށް ޓްރަމްޕް ދެއްވި ހަމަލާތަކަށް ބަލާއިރު، ގްރީންލޭންޑާ މެދު ވެސް މިފަދަ ފިޔަވަޅެއް އެޅުމުގެ ފުރުސަތު ބޮޑެވެ.
ޕޮލިޓިކަލް ސައިންޓިސްޓް ގްލެން ޑީސެން އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، "ޓްރަމްޕްގެ އަމަލުތައް ހުންނަ ގޮތަށް ބަލާއިރު، ޚަރަދު ކުޑަކޮށް އަދި ފަސޭހައިން ކުރެވެން އޮންނަ ކަންކަމުގައި އަސްކަރީ ބާރުގެ ބޭނުންކުރަން އޭނާ ފަހަކަށް ނުޖެހޭނެ. މިއީ ކުޑަ އޮޕަރޭޝަނެއްގެ ގޮތުގައި ދެއްކިދާނެ ކަމަކަށްވާތީ، ގްރީންލޭންޑް ހިފުމުގެ ފުރުސަތު ވަރަށް ބޮޑު."
ނަމަވެސް އެހެން ބައެއް މާހިރުން މިކަމާ ދެކޮޅު ހައްދަވައެވެ. ފިލިސް ވިދާޅުވި ގޮތުގައި، ޓްރަމްޕް ބޮޑަށް ބޭނުންފުޅު ވާނީ ގްރީންލޭންޑްގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދީ، އެމެރިކާގެ އެހީތެރިކަމަށް އެދޭނެ ފަދަ މާހައުލެއް އުފެއްދުމަށެވެ.
ގްރީންލޭންޑްގެ މައި އިދިކޮޅު ޕާޓީގެ ލީޑަރު ބުރާސްފަތި ދުވަހު ވިދާޅުވީ، ޑެންމާކުން މިކަމުގެ ތެރެއަށް ނުވަދެ، އެމެރިކާ އާ ސީދާ ވާހަކަދެއްކުމުގެ ފުރުސަތު ގްރީންލޭންޑަށް ދޭންޖެހޭ ކަމަށެވެ.
ނަލެރާގް ޕާޓީގެ ލީޑަރު ޕެލޭ ބްރޮބާގް ވިދާޅުވީ، "ޑެންމާކާ ނުލައި އެމެރިކާ ސަރުކާރާއެކު ސީދާ މަޝްވަރާ ކުރުމަށް މިހާރުގެ ސަރުކާރަށް އަޅުގަނޑުމެން ބާރުއަޅަން. ސަބަބަކީ ޑެންމާކުން މެދުވެރިއެއްގެ ދައުރު އަދާކުރަން އުޅުމުގެ ސަބަބުން ގްރީންލޭންޑާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަށް ބުރޫއަރަމުން ދާތީ." ނަލެރާގް ޕާޓީން ވަނީ މިދިޔަ އަހަރުގެ އިންތިޚާބުގައި ވޯޓުގެ 25 އިންސައްތަ ކާމިޔާބުކޮށްފަ އެވެ.
ޖައިލްސް ގަބޫލުކުރައްވާ ގޮތުގައި، މަޖުބޫރުކުރުމާއި، ފިއްތުންތައް ކުރިމަތިކުރުމާއި، އަދި ނުސީދާ ގޮތްގޮތުން ނުފޫޒު ފޯރުވުމަކީ ޓްރަމްޕް އެންމެ ފުރަތަމަ ބޭނުންކުރައްވާނެ އުކުޅުތަކެވެ.
ރޮއިޓާސް އިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ އާ ގުޅުމަށް އެއްބަސްވުމުގެ އިނާމެއްގެ ގޮތުން ގްރީންލޭންޑްގެ ކޮންމެ މީހަކަށް 10،000 އާއި 100،000 ޑޮލަރާ ދެމެދުގެ އަދަދެއް ދިނުމަށް ވެސް ޓްރަމްޕް ގެންދަވަނީ ވިސްނަވަމުންނެވެ.
ޓްރަމްޕް ގްރީންލޭންޑް ބޭނުންވަނީ ކީއްވެ؟
މި ހުރިހާ ކަމެއްގެ ފަހަތުގައި އޮތް އަސްލު ބޭނުމަކީ، އެމެރިކާގެ ބާރު އޮންނަ ސަރަހައްދުން ވިލާތުގެ ނުފޫޒު ކަނޑުވާލުމެވެ. އެކަމަކު އެއީ ކީއްވެގެން ހެއްޔެވެ؟

ޓްރަމްޕާއި، ރޫބިއޯ އަދި ސްޓީފަންސް ވެސް ފާހަގަކުރައް ވަނީ ސަލާމަތީ ސަބަބުތަކެވެ. ނަމަވެސް 1953 ވަނަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން، ގްރީންލޭންޑްގައި އަސްކަރީ މަރުކަޒުތައް ގާއިމުކުރުމާއި، ސިފައިންނާއި ވަސީލަތްތައް ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު އެމެރިކާ އަށް މިހާރު ވެސް އޮވެއެވެ. އެމެރިކާ އިން މިހާރުވެސް ގްރީންލޭންޑްގެ ޕިޓުފިކްގައި ރާޑަރު ސްޓޭޝަނެއް ހިންގަމުންދެ އެވެ.
މީގެ އަހަރެއް ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެމެރިކާގެ "އިގްތިސާދީ ސަލާމަތަށްޓަކައި" ގްރީންލޭންޑާއި ޕެނަމާ ކެނަލްގެ ކޮންޓްރޯލް އެމެރިކާ އަށް ލިބެންޖެހޭ ކަމަށެވެ.
ފިލިސް ވިދާޅުވި ގޮތުގައި، "މީގެ މައިގަނޑު ސަބަބަކީ އާކްޓިކް ސަރަހައްދު ހުޅުވިގެން ދިއުމާއެކު އުފެދޭ އާ ކަނޑުދަތުރުފަތުރުގެ މަގުތަކާއި، ސަލާމަތީ ކަންކަމެވެ. އާކްޓިކް ސަރަހައްދަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވާނެ ތަނެކެވެ."
ޕުޓިން ވިދާޅުވި ގޮތުގައި، އާކްޓިކްގެ ގަނޑުފެން ވިރެމުންދިއުމުގެ ސަބަބުން، ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި އެ ސަރަހައްދުން ކުރާ ވިޔަފާރި ދަތުރުތައް ވަނީ ނުވަ ގުނަ އިތުރުވެފަ އެވެ. މީގެ މާނަ އަކީ އަސްކަރީ ބޭނުންތަކަށް ކުރާ ދަތުރުތައް ވެސް އިތުރުވުމުގެ ފުރުސަތު އޮތުމެވެ. ޚާއްޞަކޮށް ރަޝިޔާ އާއި ޗައިނާ އިން ގުޅިގެން ހިންގާ އަސްކަރީ ތަމްރީނުތައް އިތުރުވަމުންދާތީއެވެ.
ހަމަ އެއާ އެކު، ޕެނަމާ އަކީ ވެސް އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑު ގުޅުވައިދޭ މުހިންމު މަގެކެވެ.
މީގެ އިތުރުން، ސްވިޑަންއާއި ގްރީސް ފަދައިން، ގްރީންލޭންޑަކީ ވެސް ވިލާތުގެ އިއްތިހާދަށް ބޭނުންވާ މުހިންމު މަޢުދަނުގެ ވަސީލަތްތައް އެންމެ ގިނައިން ލިބެން ހުރި އެއް ތަނުގެ ގޮތުގައި ބެލެވެ އެވެ.







