ޔޫކްރެއިން-ރަޝިޔާ ގެ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ދުވަހުގެ ބައްދަލުވުން އަބޫދާބީ ގައި ފަށައިފި
ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް އަބޫދާބީގައި ކުރިއަށްދާ މަޝްވަރާތަކުގައި އުންމީދީ ކުރިއެރުންތަކެއް ލިބެމުންދާކަމަށް ރަޝިޔާއާއި ޔޫކްރެއިންގެ މަންދޫބުން ހާމަކުރެއްވި. އެމެރިކާ މެދުވެރިއެއްގެ ދައުރު އަދާކުރާ މި ބައްދަލުވުންތަކުގައި ބިމުގެ މިލްކުވެރިކަމާއި ނިއުކްލިއާ ޕްލާންޓާ ގުޅޭގޮތުން ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ދެ ގައުމުގެ ނިންމުންތައް އެއްގަލަކަށް އެރުވުމަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ދަނީ މަސައްކަތް ކުރަމުން. މި މަޝްވަރާތަކަށް ވިލާތުގެ ބައެއް ގައުމުތަކުން ހުރަސްއަޅަމުންދާ ކަމަށް ރަޝިޔާއިން ތުހުމަތުކުރާއިރު، އެމެރިކާގެ ސަރުކާރުން ދަނީ ދެފަރާތުން ވެސް ދޫދީ އެއްބަސްވުމަކަށް އައުމަށް ބާރުއަޅަމުން.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި 2026 ފެބްރުއަރީ 4 ވަނަ ދުވަހު ބޭއްވި ތިން ގައުމުގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ ދެވަނަ ބުރުގައި، އެމެރިކާ އާއި ރަޝިއާ އަދި ޔޫކްރޭންގެ ވަފުދުތަކުގެ މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. | ރޮއިޓާސް
ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގައި ހިނގަމުންދާ އެންމެ ނުރައްކާތެރި އަދި ގެއްލުން ބޮޑު ހަނގުރާމަ ހުއްޓާލުމަށްޓަކައި، އެމެރިކާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އަބޫދާބީގައި ކުރިއަށްގެންދާ މަޝްވަރާތަކުގެ ދެވަނަ ދުވަހުގެ ބައްދަލުވުންތައް ބުރާސްފަތި ދުވަހު ފަށައިފި އެވެ. ޔޫކްރެއިން އާއި ރަޝިޔާ އިން ވެސް ވަނީ މި މަޝްވަރާތަކުގެ ފުރަތަމަ ދުވަހަކީ ނަތީޖާ ނެރެވޭނެ ފަދަ އުންމީދީ ދުވަހެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ މަންދޫބު ކިރިލް ޑްމިޓްރިއެވް ބުރާސްފަތި ދުވަހު ވިދާޅުވީ، ހަތަރު އަހަރުވީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބި، ރަނގަޅު މިސްރާބަކަށް ކަންކަން ދަތުރުކުރަމުންދާ ކަމަށެވެ.
ބުދަ ދުވަހުގެ ބައްދަލުވުންތަކަށްފަހު ޔޫކްރެއިންގެ އިސް މަންދޫބު ރުސްތަމް އުމަރޯވް ވިދާޅުވީ، އެ ބައްދަލުވުންތަކަކީ މާނަހުރި އަދި ނަތީޖާ ނެރެވޭނެ ފަދަ ބައްދަލުވުންތަކެއް ކަމަށާއި، މަޝްވަރާތައް ބިނާވެފައިވަނީ ހަނގުރާމަ ހުއްޓާލުމަށް އެޅޭނެ އަމަލީ ފިޔަވަޅުތަކުގެ މައްޗަށް ކަމަށެވެ.
މަޝްވަރާތަކުގެ ދެވަނަ ދުވަސް ފެށުނުކަން އިއުލާން ކުރައްވަމުން އުމަރޯވް ވިދާޅުވީ، ފުރަތަމަ ދުވަހެކޭ އެއްފަދައިން ދެވަނަ ދުވަހު ވެސް އޮފިޝަލުން މަސައްކަތް ކުރައްވާނީ ތިން ފަރާތް ބައިވެރިވާ ކޮންސަލްޓޭޝަންތަކާއި، ގްރޫޕް މަޝްވަރާތަކުގެ އިތުރުން ދެ ގައުމުގެ ނިންމުންތައް އެއްގަލަކަށް އެރުވުމުގެ މައްޗަށް ކަމަށެވެ.
ޓެލެގްރާމް އެޕް މެދުވެރިކޮށް އުމަރޯވް ވިދާޅުވީ، އަބޫދާބީގައި ކުރިއަށްދާ މަޝްވަރާތަކުގެ ދެވަނަ ދުވަހުގެ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށެވެ.
ޑްމިޓްރިއެވް ވިދާޅުވި ގޮތުގައި، ރަޝިޔާ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން އަލުން އިއާދަކުރުމަށްޓަކައި އަމަލީ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މީގެ ތެރޭގައި އިގްތިސާދީ ކަންކަމާ ގުޅޭގޮތުން އެމެރިކާއާއި ރަޝިޔާ ގުޅިގެން އުފައްދާފައިވާ ވޯކިން ގްރޫޕްގެ މަސައްކަތްތައް ވެސް ހިމެނެއެވެ.
"ޔޫރަޕާއި އިނގިރޭސިވިލާތުގެ ހަނގުރާމަ އަށް ތާއީދުކުރާ ފަރާތްތަކުން ދަނީ މެދުނުކެނޑި މި މަރުހަލާ އަށް ހުރަސްއަޅައި ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން. އެފަދަ މަސައްކަތްތައް އިތުރުވާ ވަރަކަށް އަޅުގަނޑުމެންނަށް އެނގެނީ މި މަޝްވަރާތަކުން ހަގީގީ ކުރިއެރުން ލިބެމުންދާކަން،" ޑްމިޓްރިއެވް ވިދާޅުވި އެވެ.
އޭނާގެ ޕްރެސް ސާވިސް އިން އާންމުކުރި ބަޔާނެއްގައި ޑްމިޓްރިއެވް އިތުރަށް ވިދާޅުވީ، މަޝްވަރާތަކުގައި ހެޔޮ ބަދަލުތަކެއް ފެންނަމުންދާ ކަމަށެވެ.
އެއްބަސްވުމަކަށް އައުމަށް އެމެރިކާ އިން ދަނީ ބާރު އަޅަމުން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދަނީ ހަނގުރާމަ ހުއްޓާލުމަށްޓަކައި ދެފަރާތުން ވެސް ދޫދީ، އެއްބަސްވުމަކަށް އައުމަށް ޔޫކްރެއިން އާއި ރަޝިޔާއަށް ބާރުއަޅަމުންނެވެ. ނަމަވެސް، އެމެރިކާގެ އޮފިޝަލުންނާއެކު ބޭއްވުނު އެތައް ބުރުގެ މަޝްވަރާތަކަށް ފަހު ވެސް، މުހިންމު ކަންކަމުގައި ދެ ގައުމުގެ ދެމެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރިކަން ފާހަގަކުރެވެ އެވެ.
ޔޫކްރެއިންގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، މިފަހަރުގެ މަޝްވަރާތައް ކުރީގެ ބައްދަލުވުންތަކާ ތަފާތެވެ. ސަބަބަކީ ރަޝިޔާގެ ވަފުދުގައި މިފަހަރު އަސްކަރީ ޓީމުތައް ވެސް ބައިވެރިވުމެވެ.
މި މަޝްވަރާތަކުގައި ހުރި އެންމެ އުނދަގޫ މައްސަލަތަކަކީ، އިރުމަތީ ޑޮނެޓްސްކް ސަރަހައްދުގައި ޔޫކްރެއިންގެ ބާރުގެ ދަށުގައި ހުރި ބިންތައް ދޫކޮށްލުމަށް ރަޝިޔާ އިން ކުރާ ޑިމާންޑާއި، ރަޝިޔާގެ ބާރުގެ ދަށުގައިވާ ސަރަހައްދެއްގައި ހުރި ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ޕަވަރ ޕްލާންޓް ކަމަށްވާ ޒަޕޮރީޜިއާ ޕްލާންޓާ މެދު ގޮތެއް ނިންމުމެވެ.
އެއްވެސް އެއްބަސްވުމަކަށް އައުމުގެ ކުރިން ޝަރުތެއްގެ ގޮތުގައި ރަޝިޔާ އިން ބޭނުންވަނީ، ޑޮނެޓްސްކް ސަރަހައްދުގެ ހުރިހާ ހިސާބަކުން ޔޫކްރެއިންގެ ސިފައިން ފޭބުމަށެވެ. މީގެ ތެރޭގައި ޔޫކްރެއިންގެ ދިފާއީ އެންމެ ވަރުގަދަ ސަރަހައްދުތަކުގެ ގޮތުގައި ބެލެވޭ، ކިއްލާތަކެއް ފަދަ ވަރުގަދަ ސިޓީތައް ވެސް ހިމެނެ އެވެ.
ޔޫކްރެއިން އިން ބުނަމުންދަނީ ހަނގުރާމަ ހުއްޓާލަންވާނީ މިހާރު ސިފައިން ތިބި ރޮނގުތަކާ ހަމައިން ކަމަށާއި، އެއްވެސް ހާލެއްގައި އެއްފަރާތުން ސިފައިން ފަހަތަށް ޖެއްސުމަށް އިންކާރު ކުރާ ކަމަށެވެ. އަދި ޒަޕޮރީޒިއާ ނިއުކްލިއާ ޕަވަރ ޕްލާންޓްގެ ފުރިހަމަ ކޮންޓްރޯލް ބޭނުންވާ ކަމަށް ވެސް ޔޫކްރެއިންއިން ބުނެ އެވެ.
ކްރައިމިއާ އާއި 2022 ވަނަ އަހަރުގެ ހަމަލާތަކުގެ ކުރިން ހިފާފައިވާ އިރުމަތީ ޑޮންބާސް ސަރަހައްދު ހިމެނޭހެން، ޔޫކްރެއިންގެ ބިމުގެ 20 އިންސައްތަ މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގަ އެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި 2024 ވަނަ އަހަރު ފެށުނީއްސުރެ ރަޝިޔާ އިން ވަނީ ޔޫކްރެއިންގެ ބިމުގެ އިތުރު 1.5 އިންސައްތަ ހިފާފަ އެވެ.
މަޝްވަރާތައް ފެށުމުގެ ކުރިން، އަންގާރަ ދުވަހުގެ ރޭގަނޑު ރަޝިޔާ އިން ޔޫކްރެއިން އަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވީ ނަމަވެސް، ބުރާސްފަތި ދުވަހު ހަމަލާތައް ދިން ކަމުގެ ރިޕޯޓްތައް މަދެވެ. ކީވްގެ މޭޔަރު ވިދާޅުވި ގޮތުގައި، ރޭގަނޑު ވެރިރަށް ކީވް އަށް ދިން ޑްރޯން ހަމަލާއެއްގައި ދެ މީހަކަށް ވަނީ އަނިޔާވެފަ އެވެ.







