ފައިނަލުގައި އާޖެންޓިނާ ކުޅޭއިރު ލެޓިން އެމެރިކާގެ ގައުމުތަކުން އިދިކޮޅު ޓީމަށް ސަޕޯޓު ކުރަނީ ކީއްވެ؟
ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ ވާދަކުރާއިރު، ލެޓިން އެމެރިކާގެ ގިނަ ގައުމުތަކަކުން އެ ޓީމާ ދެކޮޅަށް ތާއީދުކުރަނީ ރެފްރީންގެ އެހީތެރިކަން އާޖެންޓީނާއަށް ލިބޭކަމަށް ބުނެ. މީގެ އިތުރުން ނަސްލީ ތަފާތުކުރުންތަކާއި ސިޔާސީ ސަބަބުތަކާ ހުރެ ބްރެޒިލާއި މެކްސިކޯ ފަދަ ގައުމުތަކުގެ ސަޕޯޓަރުން ބޭނުންވަނީ އާޖެންޓީނާ ބަލިވެ ސްޕެއިން މޮޅުވުމަށް.

ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލްގައި އިންގްލެންޑާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި، އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް (ޖާޒީ ނަންބަރު 22) އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރުމަށް މަގުފަހިކޮށްދިން ހުރަސް ނަގައިދިނުމަށްފަހު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ (ޖާޒީ ނަންބަރު 10) އުފާފާޅުކުރަނީ. | ގެޓީ އިމޭޖަސް
ފީފާ ވޯލްޑް ކަޕްގެ ފަހު މަރުހަލާތަކަށް ދަތުރުކުރާ ލެޓިން އެމެރިކާގެ ގައުމުތަކަށް އެ ސަރަހައްދުގެ އެހެން ގައުމުތަކުން އާންމުގޮތެއްގައި ތާއީދުކުރި ނަމަވެސް، އާންމުވަމުންދާ މީމްތަކާއި، ޖޯކުތަކާއި އަދި ފާޑުކިޔުންތަކުން އެނގެނީ މީގައި އޮތް ހަމައެކަނި އިސްތިސްނާއަކީ އާޖެންޓީނާ ކަމެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ފޮޓޯޝޮޕްކޮށްފައިވާ އެއް ފޮޓޯއަކުން ފެންނަނީ، ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނަ ސްޕެއިންގެ ތަރި ލަމީން ޔަމާލް ބްރެޒިލްގެ ޖާޒީއެއް ލައިގެން ހުއްޓައެވެ. އޭގައިވާ މަލާމާތުގެ ކެޕްޝަނުގައި ވަނީ "ބްރެޒިލްގެ ރައްޔިތުންގެ އުންމީދު" މިހެންނެވެ.
މި ފޯރި ހަމައެކަނި ބްރެޒިލްގެ ޕެލޭ އާއި އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާއާ ދެމެދު އޮންނަ ތާރީޚީ ވާދަވެރިކަމަށްވުރެ ބޮޑެވެ. މެކްސިކޯ، ކޮލަމްބިއާ، ޗިލީ އަދި އެހެން ގައުމުތަކުން ވެސް އުންމީދު ކުރަނީ އާދީއްތަ ދުވަހު ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިވާނެ ކަމަށެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާ ތިންވަނަ ފަހަރަށް ތަށި ހޯދުމުގެ ކުރިން ވެސް މިފަދަ ކަންތައްތަކެއް ފެނިގެންދިޔަ އެވެ.
ކޮލަމްބިއާގެ ސޯޝިއޮލޮޖިސްޓެއް ކަމަށްވާ ޖާމަން ގޯމޭޒް ގަބޫލުކުރާ ގޮތުގައި އާޖެންޓީނާއާ އެކު އޮތް "އެއްބައިވަންތަކަމުގެ ރޫހު" މިހާރު ވަނީ ގެއްލިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑިޖިޓަލް ޒަމާނާއި ސޯޝަލް ނެޓްވޯކްތަކުގެ ސަބަބުން، އާޖެންޓީނާ ޓީމަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ "ލޯބިވާ" ޓީމެއް ކަމަށް ދެކެވޭ ވާހަކަތަކަށް ވަނީ ބާރު ލިބިފަ އެވެ.
ސައޮ ޕައުލޯގެ ޝޮޕިން ސެންޓަރެއްގައި ވޯލްޑް ކަޕް ސްޓިކާ ބަދަލުކުރަން ހުރި ބްރެޒިލްގެ ސަޕޯޓަރެއް ކަމަށްވާ ފްރެންސިސްކޯ ސަންތޯސް ބުނީ "އާޖެންޓީނާއަށް ރެފްރީންގެ އެހީތެރިކަން ލިބޭ" ކަމަށެވެ. ސެމީ ފައިނަލްގައި އާޖެންޓީނާ ކޮޅަށް އިންގްލެންޑުން ފުރަތަމަ ލަނޑު ޖެހުމާއެކު އެތަނުގައި ތިބި މީހުން ވަނީ އުފާފާޅުކޮށްފަ އެވެ.
އުމުރުން 42 އަހަރުގެ ސަންތޯސް ބުނީ ބްރެޒިލަށް ހަވަނަ ފަހަރަށް ޗެމްޕިއަންކަން ނުލިބޭނަމަ، "އާޖެންޓީނާ ހަތަރުވަނަ ފަހަރަށް ތަށި ހޯދުމަށްވުރެ، ސްޕެއިން ދެވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދާތަން ދެކެން މާ ބޭނުން" ކަމަށެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ފީފާ އާއި ތަޖުރިބާކާރުން އެ ނިންމުންތަކަށް ތާއީދުކުރި ނަމަވެސް، ޕެނަލްޓީ ދިނުމާއި އިދިކޮޅު ކުޅުންތެރިންނަށް ރީނދޫ ނުވަތަ ރަތް ކާޑު ދެއްކުމުގައި އާޖެންޓީނާއަށް ފައިދާވާ ގޮތަށް ރެފްރީން ނިންމުންތައް ނިންމަ އެވެ.
ކޮލަމްބިއާގެ ވެރިރަށް ބޮގޯޓާގައި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ އުމުރުން 28 އަހަރުގެ ހުއާން ކަމީލޯ އަބޫސައިދު ބުނީ "އަހަރެމެން ސަޕޯޓް ކުރާނީ ސްޕެއިނަށް" ކަމަށެވެ.
'ވަރަށް ސިޔާސީ'
މެކްސިކޯ ސިޓީގެ ފުލުހެއް ކަމަށްވާ އުމުރުން 51 އަހަރުގެ އެންޓޯނިއޯ ލޯޕޭޒް، މެސީއަކީ "ލެޖެންޑެއް"ގެ ގޮތުގައި ސިފަކުރި އެވެ.
ނަމަވެސް އޭނާ އިތުރަށް ބުނީ "ދަނޑުމަތީގައި މަރަށް ފުރާނަ އަށް މަސައްކަތްކޮށްގެން ދެވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދާނަމަ އަހަރެން އެކަން ގަބޫލުކުރާނަން. އެކަމަކު ރެފްރީން އެހީތެރިވާނަމަ އެކަން ގަބޫލެއް ނުކުރެވޭނެ،" ކަމަށެވެ.
މީޑިއާ ކޮންފަރެންސެއްގައި މެކްސިކޯގެ ރައީސް ކްލައުޑިއާ ޝީންބައުމް ވަނީ ސަމާސާ ރޫހެއްގައި، ފައިނަލްގައި ސަޕޯޓް ކުރަނީ ކޮން ޓީމަކަށްތޯ ނޫސްވެރިން ގާތު އައްސަވާފަ އެވެ.
ނޫސްވެރިން ޖަވާބު ދިނީ "ސްޕެއިން! ސްޕެއިން!" މިހެންނެވެ.
ކުޅިވަރުގެ އިޖުތިމާއީ ދިރާސާތަކަށް ޚާއްސަ މެކްސިކޯގެ އެންތްރޮޕޮލޮޖީ ޕްރޮފެސަރު ޖޯޖް ނެގްރޯ ވިދާޅުވީ "މި ވޯލްޑް ކަޕަކީ ވަރަށް ސިޔާސީ ވޯލްޑް ކަޕެއްކަން ސާބިތުވެއްޖެ" ކަމަށެވެ.
ކޮލަމްބިއާގެ ސޯޝިއޮލޮޖިސްޓް ގޯމޭޒް އިތުރަށް ވިދާޅުވީ، މަރަޑޯނާއަކީ ފީފާގެ ބާރުތަކާ ދެކޮޅަށް ތެދުވި އިންގިލާބީއެއްގެ ގޮތުގައި ފެނުނު ނަމަވެސް، މިހާރުގެ ވާހަކަތަކުގައި މެސީ ފެންނަނީ ފީފާގެ "ރަން ދަރިފުޅު"ގެ ގޮތުގައި ކަމަށެވެ.
ގައުމީ ސިޔާސީ މަސްރަހުގެ ސަބަބުން ވެސް ނުރުހުންތެރިކަން ވަނީ އުފެދިފައެވެ.
"އަހަރެން ހަގީގަތުގައި ވެސް ހާވިއޭ މިލެއި (އާޖެންޓީނާގެ ރައީސް) ދެކެ ކުޑަކޮށް ވެސް ގަޔާ އެއް ނުވޭ،" ސެންޓިއާގޯގައި އެގްރިކަލްޗަރަލް ލެބޯޓްރީއެއްގައި މަސައްކަތްކުރާ އުމުރުން 29 އަހަރުގެ ރާޝިދު ޝޯބާގް ބުންޏެވެ.
"އާޖެންޓީނާ މޮޅުވެއްޖެ ނަމަ، ވޯލްޑް ކަޕް ކާމިޔާބުވީތީ އޭނާ ބޮޑާވެގަންނާނެ ކަމުގެ ވިސްނުމަކީ އަހަރެން ގަބޫލުކުރާ ހިތްވާ ކަމެއް ނޫން."
އާޖެންޓީނާގެ ސަޕޯޓަރުންނާއި ބައެއް ކުޅުންތެރިންނަށް ނަސްލީ ތަފާތުކުރުމުގެ ތުހުމަތުތައް ވެސް ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި ފްރާންސް ޓީމުގެ ކަޅު ނަސްލުގެ ކުޅުންތެރިންނަކީ އަސްލު ފްރާންސް މީހުން ނޫން ކަމަށް ބުނެ މީގެ ކުރިން އާޖެންޓީނާ ޓީމުން ކިޔާފައިވާ ލަވައެއް ހިމެނެ އެވެ.
މީގެ އިތުރުން، ކްލަބް ފެންވަރުގައި ބްރެޒިލްގެ ސަޕޯޓަރުންނާ ދިމާލަށް ނުވަތަ ކަޅު ނަސްލުގެ ކުޅުންތެރިންނާ ދިމާލަށް ދަނޑުމައްޗަށް ދޮންކެޔޮ އުކުމާއި ރަނގަޅު ނޫން އިޝާރާތްތައް ކުރުމުގެ ދިގު ތާރީޚެއް ވެސް އޮވެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި، އާޖެންޓީނާގެ ސަޕޯޓަރަކު "އައިޝޯސްޕީޑް"ގެ ނަމުން މަޝްހޫރު އެމެރިކާގެ ކަޅު ނަސްލުގެ އިންފްލުއެންސަރަކާ ދިމާލަށް ލައިވްސްޓްރީމެއްގައި "ޒޫއަށް ގޮސް ރޯން" ބުނުމާ ގުޅިގެން ފީފާއިން ވަނީ ބަޔާނެއް މެދުވެރިކޮށް ނަސްލީ ތަފާތުކުރުން ކުށްވެރިކޮށްފަ އެވެ.
'އަހަރެމެންނަކީ ކެތްނުކުރެވޭ ވަރުގެ ބައެއް'
ޓީމު މޮޅުވުމާއި ބަލިވުމާ ގުޅިގެން އުފެދިފައިވާ ވަރުގަދަ ޝުއޫރުތަކަށް މެސީ ވެސް ވަނީ އެއްބަސްވެފަ އެވެ.
"ހަތަރު އަހަރު ކުރިން އަހަރެމެން ބޭނުންވި ކަންތައް ހާސިލުކުރިން. އެއީ ފައިނަލް ކުޅެ ހަތަރު އަހަރު ވަންދެން އެންމެ މޮޅު ޓީމުގެ ގޮތުގައި އޮތުން. އަނެއްކާވެސް އަހަރެމެން މި ސާބިތުކޮށްދިނީ އެއްވެސް މީހަކު އަހަރެމެންނަށް ހިލޭ އެއްޗެއް ނުދޭކަން. އަދި އަހަރެމެން މިވަނީ އަނެއްކާވެސް އެންމެ މޮޅު ދެ ޓީމުގެ ތެރޭގައި ހިމެނިފައި،" އޭނާ ބުންޏެވެ.
"މީގެ ސަބަބުން ތަދުވާ ބަޔަކަށް ތަދުވާން ދޫކޮށްލާ."
އާޖެންޓީނާގައި ވަރަށް މަގުބޫލު ބުއިމެއް ކަމަށްވާ "ފާނެޓް" ބްރޭންޑަކުން ވަނީ އާޖެންޓީނާއާ ދެކޮޅު ޝުއޫރުތަކުގެ ފައިދާ މަޖާ ގޮތަކަށް ނަގާފަ އެވެ.
"އަހަރެމެންނަކީ ކެތްނުކުރެވޭ ވަރުގެ ބައެއް" މި ޝިއާރުގެ ދަށުން އެ ބްރޭންޑުން ވަނީ އިޝްތިހާރެއް ނެރެފައެވެ. އޭގައި ފެންނަނީ ތަފާތު ޓީމުތަކުގެ ސަޕޯޓަރުން ތެރަޕީ ސާކަލްއެއްގައި އިށީނދެގެން ތިބެ، ފުޓްބޯޅައަށް އާޖެންޓީނާ މީހުން ބަހައްޓާ ހައްދުފަހަނަޅާފައިވާ ލޯތްބާ ބެހޭގޮތުން ޝަކުވާކުރާ މަންޒަރެވެ.
ލެޓިން އެމެރިކާގެ ގިނަ ބަޔަކު އާޖެންޓީނާއާ ދެކޮޅަށް ތިބި ނަމަވެސް، އެމެރިކާގައި ބާއްވާ ތަމްރީނު ކޭމްޕުތަކުގައި އެ ޓީމަށް ވަނީ ވަރަށް ހޫނު ތަރުހީބެއް ލިބިފަ އެވެ. ސަޕޯޓަރުން ދަނީ "މެސީ! މެސީ!" އޭ ކިޔައި އަޑުގަދަކުރަމުންނެވެ.
އަނެއްކޮޅުން، ބައެއް މީހުން އަދިވެސް ސަރަހައްދީ އެއްބައިވަންތަކަން ގަބޫލުކުރެ އެވެ.
"އަހަރެން އާޖެންޓީނާއަށް ސަޕޯޓް ކުރާނަން، ސަބަބަކީ އެއީ ދެކުނު އެމެރިކާގެ ގައުމަކަށް ވާތީ،" ލީމާގައި ކިޔަވާ އުމުރުން 20 އަހަރުގެ ދަރިވަރު ވެލެންޓީނޯ ޓޮކްޓޯ ބުންޏެވެ.
މަސްދަރު: އަލް ޖަޒީރާ









