ވޯލްޑް ކަޕް: ތިންވަނަ ހޮވާ މެޗު އޮންނަނީ ކީއްވެ؟ - މެޗާ ބެހޭ ގޮތުން އެނގެން ޖެހޭ މުހިންމު މައުލޫމާތު
ވޯލްޑް ކަޕްގެ ތިންވަނަ ހޮވާ މެޗަކީ މާލީ ގޮތުންނާއި ރޭންކިންގެ ގޮތުން ޓީމުތަކަށް މުހިންމު މެޗަކަށް ވާއިރު، މިއީ ގޯލްޑަން ބޫޓް ރޭހަށް ވެސް ބޮޑު ބަދަލެއް އަތުވެދާނެ ކުރިމަތިލުމެއް. މި މެޗުގައި ބައްދަލުކުރާ ފްރާންސާއި އިންގްލެންޑްގެ ކޯޗުން ފައިނަލަށް ނުދެވުމުގެ މާޔޫސްކަން ފާޅުކުރި ނަމަވެސް، މުބާރާތް ރަނގަޅު ނަތީޖާއަކުން ނިންމާލުމަށް ދެ ޓީމުން ވެސް ވަނީ އަމާޒު ހިފާފައި.

މި ފޮޓޯ އިލަސްޓްރޭޝަނުން ފެންނަނީ (ވާއަތުން ކަނާތަށް) ފްރާންސްގެ މައިކަލް އޮލީސޭ، މަނޫ ކޯނޭ، ކީލިއަން އެމްބާޕޭ އަދި މައިކް މައިގްނާންގެ އިތުރުން އިންގްލެންޑްގެ ޖޯޑަން ޕިކްފޯޑް، ހެރީ ކޭން، އެންތަނީ ގޯޑަން އަދި ޖޫޑް ބެލިންގްހަމް | ގެޓީ އިމޭޖަސް
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ބަލިވި ފްރާންސާއި އިންގްލެންޑް، ތިންވަނަ ހޮވާ މެޗުގައި ނުވަތަ ފީފާއިން މިހާރު ކިޔާ ގޮތުން ނަމަ "ބްރޮންޒް ފައިނަލް" ގައި ހޮނިހިރު ދުވަހު ބައްދަލުކުރާނެއެވެ.
ސެމީ ފައިނަލުން ބަލިވާ ޓީމުތަކުގެ ގިނަ ކުޅުންތެރިންނާއި ސަޕޯޓަރުން ބޭނުންވަނީ އެނބުރި ގައުމަށް ދާށެވެ. ނަމަވެސް ބައެއް ޓީމުތަކުން ވޯލްޑް ކަޕްގެ ފަހު މެޗެއް ކުޅުމުގެ ފުރުސަތަށް މަރުހަބާ ކިޔާއިރު، މުބާރާތުގެ ތިންވަނަ ހާސިލްކުރުމަކީ ލިބޭ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ޓީމުތަކުން ދެކެއެވެ. މީގެ އިތުރުން، މި މެޗަކީ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށްދޭ "ގޯލްޑަން ބޫޓް" ރޭހަށް ވެސް ބަދަލުތަކެއް އަތުވެދާނެ މެޗެކެވެ.
ތިންވަނަ ހޮވާ މެޗާ ގުޅޭގޮތުން އެނގެންޖެހޭ މުހިންމު މައުލޫމާތުތައް ތިރީގައި އެވަނީއެވެ:
ވޯލްޑް ކަޕްގައި ތިންވަނަ ހޮވާ މެޗެއް ކުޅެނީ ކީއްވެ؟
މިއީ ޓީމަކަށް ބްރޮންޒް މެޑަލް ހާސިލްކޮށް، މުބާރާތުގެ ގަދަ ތިނެއްގެ ތެރޭގައި ހިމެނުމަށް ލިބޭ ފުރުސަތެކެވެ. އަދި މިއީ ތިއަރީގެ ގޮތުން ބަލާއިރު ދުނިޔޭގެ އެންމެ މޮޅު ދެ ޓީމެއްގެ މެދުގައި ކުޅެވޭ ފޯރިގަދަ ކުރިމަތިލުމެކެވެ.
އިތުރު މެޗެއް ކުޅުމަކީ ފީފާއަށާއި މުބާރާތް ބާއްވާ ސިޓީއަށް އިތުރު އާމްދަނީ ހޯދުމަށް ލިބޭ ފުރުސަތެކެވެ. އަދި ބުދަ ދުވަހު ކުޅޭ ފަހު ސެމީ ފައިނަލާއި އާދިއްތަ ދުވަހުގެ ފައިނަލް މެޗާ ދެމެދު ބްރޯޑްކާސްޓަރުންގެ ތާވަލަށް ދިމާވާ ހުސްވަގުތު ފޫބެއްދުމަށް ވެސް މި މެޗު އެހީތެރިވެދެ އެވެ.
ތިންވަނަ ހޮވާ މެޗު ތައާރަފްކުރީ ކޮން އިރަކު؟
މި މެޗު ފުރަތަމަ ތައާރަފްކުރީ 1934 ވަނަ އަހަރު ބޭއްވި ދެވަނަ ވޯލްޑް ކަޕްގައެވެ. އެ މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ޖަރުމަނުން ވަނީ އޮސްޓްރިއާގެ މައްޗަށް 3-2 އިން ކުރިހޯދާފަ އެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން މުބާރާތް މެދުކަނޑާލުމުގެ ކުރިން 1938 ވަނަ އަހަރު ވެސް ތިންވަނަ ހޮވާ މެޗު ބޭއްވި އެވެ. ނަމަވެސް ހަނގުރާމައަށްފަހު 1950 ވަނަ އަހަރު ބޭއްވި މުބާރާތުގައި މި މެޗު ކުޅެފައެއް ނުވެ އެވެ.
އޭގެ ފަހުން 1954 ވަނަ އަހަރު އަލުން މި މެޗު ބާއްވަން ފެށި ގޮތަށް، މިހާތަނަށް ބޭއްވި ކޮންމެ ވޯލްޑް ކަޕެއްގައި ވެސް ތިންވަނަ ހޮވާ މެޗު ކުޅެއެވެ.
މި މެޗުގެ ސަބަބުން ގޯލްޑަން ބޫޓް ރޭހަށް އަސަރެއް ކުރާނެތަ؟
ތިންވަނަ ހޮވާ މެޗަކީ ފީފާއިން ބަލައިގަންނަ ރަސްމީ މެޗަކަށް ވާތީ، މި މެޗުގައި ޖަހާ ލަނޑުތައް ގޯލްޑަން ބޫޓް ރޭހުގައި ގުނާނެ އެވެ.
މީގެ މިސާލަކީ 1958 ވަނަ އަހަރު ފްރާންސުން ވެސްޓް ޖަރުމަނު އަތުން 6-3 އިން މޮޅުވި މެޗުގައި ޖަސްޓް ފޮންޓެއިން ހަތަރު ލަނޑު ޖެހުމެވެ. މިއާއެކު އޭނާ ވަނީ އެއް ވޯލްޑް ކަޕެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް (13 ލަނޑު) ގާއިމްކޮށްފަ އެވެ. މި ރެކޯޑް އަދިވެސް އޮތީ އޭނާގެ އަތުގަ އެވެ. ހޮނިހިރު ދުވަހުގެ މެޗަކީ މިފަހަރުގެ ގޯލްޑަން ބޫޓް ލިބޭނެ ކުޅުންތެރިއަކު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާނެ މެޗެކެވެ.
މިވަގުތު، އަށް ލަނޑާއި ހަތަރު އެސިސްޓާއެކު ތާވަލުގެ ކުރީގައި އޮތީ އާޖެންޓީނާގެ ލިއޮނަލް މެސީ އެވެ. ލަނޑުގެ އަދަދު އެއްވަރުވެއްޖެ ނަމަ ބަލާނީ އެސިސްޓްގެ އަދަދަށެވެ. ފްރާންސްގެ ކީލިއަން އެމްބާޕޭ އަށް ލަނޑާއި ތިން އެސިސްޓް ހޯދާފައިވާއިރު، އިންގްލެންޑްގެ ހެރީ ކޭން އަދި ޖޫޑް ބެލިންހަމް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ހަ ލަނޑު ޖަހާފަ އެވެ.
ތިންވަނަ ހޮވާ މެޗުން މޮޅުވާ ޓީމަށް ތަށްޓެއް ނުވަތަ މެޑަލެއް ލިބޭތަ؟
ނޫނެކެވެ. ނަމަވެސް ހަތަރުވަނައަށް ދާ ޓީމަށްވުރެ ތިންވަނައަށް ދާ ޓީމަށް އިނާމު ފައިސާގެ ގޮތުގައި އިތުރު 2 މިލިއަން ޑޮލަރު ލިބޭނެ އެވެ.
މީގެ ކުރިން ފްރާންސް ނުވަތަ އިންގްލެންޑުން ތިންވަނަ ހޮވާ މެޗެއް ކާމިޔާބުކޮށްފައިވޭތަ؟
ފްރާންސުން ވަނީ މީގެ ކުރިން ކުޅުނު ތިންވަނަ ހޮވާ ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފަ އެވެ. އެއީ 1958 ވަނަ އަހަރު ވެސްޓް ޖަރުމަނު އަތުން މޮޅުވި މެޗާއި، 1986 ވަނަ އަހަރު އިތުރު ވަގުތު ކުޅެގެން 4-2 އިން ބެލްޖިއަމް ބަލިކުރި މެޗެވެ.
ފްރާންސް ވަނީ 1982 ވަނަ އަހަރު ޕޮލެންޑް އަތުން ބަލިވެފަ އެވެ. ނަމަވެސް އެ މެޗުގައި، ސެމީ ފައިނަލުގައި ވެސްޓް ޖަރުމަނު އަތުން ވީ ހިތްދަތި ބައްޔަށްފަހު، މިޝޭލް ޕްލެޓިނީ ފަދަ މުހިންމު ބައެއް ކުޅުންތެރިންނަށް ފްރާންސުން އަރާމުދިނެވެ.
އިންގްލެންޑުން ވަނީ މީގެ ކުރިން ކުޅުނު ތިންވަނަ ހޮވާ ދެ މެޗުން ވެސް ބަލިވެފަ އެވެ. އެއީ 1990 ވަނަ އަހަރު މުބާރާތް ބޭއްވި އިޓަލީ އަތުން 2-1 އިން ބަލިވި މެޗާއި، 2018 ވަނަ އަހަރު ބެލްޖިއަމް އަތުން 2-0 އިން ބަލިވި މެޗެވެ.
އެންމެ ގިނަ ފަހަރު ތިންވަނަ ހޯދީ ކޮން ޓީމެއް؟
ވޯލްޑް ކަޕްގެ ތިންވަނަ އެންމެ ގިނަ ފަހަރު ހޯދާފައިވަނީ ޖަރުމަނެވެ. އެ ގައުމުން ވަނީ ހަތަރު ފަހަރު ތިންވަނަ ހާސިލްކޮށްފަ އެވެ. 2026 ވަނަ އަހަރުގެ
ތިންވަނަ ހޮވާ މެޗު އޮންނާނީ ކޮންތާކު، ކޮން އިރަކު؟
މި މެޗު އޮންނާނީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ މިއާމީ ސްޓޭޑިއަމްގަ އެވެ. މެޗު ފަށާނީ އެ ގައުމުގެ ގަޑިން ހަވީރު 5 ޖަހާއިރު (ޖީއެމްޓީން 21:00 ގައެވެ).
ހޮނިހިރު ދުވަހުގެ މެޗާ ގުޅޭގޮތުން ކޯޗުން ބުނީ ކީކޭ؟
ފްރާންސްގެ ކޯޗު ދިދިއޭ ޑެޝޯމްޕްސް: "މިއީ ތިންވަނަ ހޯދުމަށް ކުޅޭ މެޗެއް، އެހެންކަމުން އެކަން ހާސިލްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަހަރެމެން މި ތިބީ ބޭނުންވި ނުވަތަ އުންމީދުކުރި މަގާމެއްގައެއް ނޫން. ލިބުނު މާޔޫސްކަން... އެއްވަރަށް ބޮޑު... ނަމަވެސް މިއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް. އިތުރު ގޮތެއް ނެތް."
އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް: "އިންގްލެންޑްގެ އެއްވެސް ކުޅުންތެރިއަކު، ނުވަތަ ފްރާންސްގެ އެއްވެސް ކުޅުންތެރިއަކު ވެސް މި މެޗު ކުޅޭކަށް ބޭނުމެއް ނުވާނެ. އެމީހުން ބޭނުންވީ ފައިނަލުގައި ކުޅެން. ފައިނަލަށް ދިއުމަށް އަހަރެމެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިން. ކޮންމެ މީހަކު ވެސް ކުޅެނީ ވޯލްޑް ކަޕް ކާމިޔާބުކުރަން، އެކަމަކު ކަންތައް މިވީ މިހެން."










