ފޯކްލޭންޑް ބެނާ މައްސަލައިގައި ފީފާއިން އާޖެންޓީނާއަށް ފިޔަވަޅު އަޅަނީ
ވޯލްޑް ކަޕް ސެމީ ފައިނަލުގައި އިންގްލެންޑް ބަލިކުރުމަށްފަހު، ފޯކްލޭންޑް ރަށްތަކަކީ އާޖެންޓީނާގެ މިލްކެއް ކަމަށް ބުނެ އެ ގައުމުގެ ކުޅުންތެރިން ބެނާއެއް ބޭނުންކުރި މައްސަލަ ފީފާއިން ބަލަން ފަށައިފިއެވެ. ސިޔާސީ މެސެޖުތައް ދަނޑުމަތީގައި ބޭނުންކުރުން މަނާކުރާ ގަވާއިދާ ޚިލާފުވުމުން އާޖެންޓީނާއަށް ބޮޑު އަދަބެއް ލިބުމުގެ ފުރުސަތު އޮތްއިރު، އެ ގައުމުގެ ސަރުކާރުން ވަނީ ކުޅުންތެރިންގެ މި އަމަލަށް ތާއީދުކޮށްފައެވެ. ނަމަވެސް އާޖެންޓީނާގެ ކޯޗު ވަނީ ފުޓްބޯޅައާއި ސިޔާސީ ކަންކަން މަސްހުނި ނުކުރުމަށް ބާރުއަޅާފައެވެ.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑާއި އާޖެންޓީނާ ބައްދަލުކުރި މެޗަށްފަހު، އާޖެންޓީނާގެ ލިސަންޑްރޯ މާޓިނޭޒް އަދި ކްރިސްޓިއަން ރޮމޭރޯ ބެނާއަކާއެކު އުފާފާޅުކުރަނީ | ގެޓީ އިމޭޖަސް
ފޯކްލޭންޑް އައިލެންޑްސް ނުވަތަ ފޯކްލޭންޑް ޖަޒީރާ ރަށްތަކަކީ އާޖެންޓީނާގެ މިލްކެއް ކަމަށް ބުނެ، ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑް ބަލިކުރުމަށްފަހު އާޖެންޓީނާގެ ކުޅުންތެރިން ބެނާއެއް ހަރުކޮށް އުފާފާޅުކުރި މައްސަލައިގައި، ފީފާއިން އެ ގައުމާ މެދު އަދަބީ ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.
ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ އާޖެންޓީނާ، އެޓްލާންޓާގައި ކުޅުނު މި މެޗުގެ ފަހު ވަގުތު ދެ ލަނޑު ޖަހައި، ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު އިންގްލެންޑް 2-1 އިން ބަލިކުރީ ވަރަށް ފޯރިގަދަ ކުޅުމަކަށް ފަހު އެވެ. މި މޮޅާއެކު އާޖެންޓީނާ ވަނީ އަންނަ އާދީއްތަ ދުވަހު ސްޕެއިނާ ދެކޮޅަށް ކުޅޭ ފައިނަލުން ޖާގަ ހޯދާފަ އެވެ.
މެޗު ނިމުމުގެ ފަހު ސީޓީއާއެކު، އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅުކުރީ "ލަސް މަލްވީނަސް ސޮން އާޖެންޓީނާސް" ނުވަތަ "ފޯކްލޭންޑް ރަށްތަކަކީ އާޖެންޓީނާގެ މިލްކެއް" ކަމަށް ލިޔެފައިވާ ބެނާއެއް ހިފައިގެން ތިބެ އެވެ.
އެޓްލާންޓިކް ކަނޑުގެ ދެކުނު ހުޅަނގުގައި އޮންނަ، އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައިވާ ފޯކްލޭންޑް ޖަޒީރާ ރަށްތަކުގެ މިލްކުވެރިކަމާ މެދު އިނގިރޭސިވިލާތާއި އާޖެންޓީނާއާ ދެމެދު އަދިވެސް ދަނީ ބޮޑު ދެބަސްވުމެއް ހިނގަމުންނެވެ.
އާޖެންޓީނާގެ އިރުމަތީ އައްސޭރިން 300 މޭލު ދުރުގައި އޮންނަ މި ރަށްތަކުގެ މިލްކުވެރިކަމާ ގުޅިގެން، 1982 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް މި ދެ ގައުމުގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ކުރިއަށްދިޔަ އެވެ.
ޖުމްލަ 74 ދުވަހަށް ދެމިގެންދިޔަ މި ހަނގުރާމައިގައި އާޖެންޓީނާގެ 655 ސިފައިންނާއި އިނގިރޭސިވިލާތުގެ 255 ސިފައިން މަރުވި އެވެ. މީގެ އިތުރުން، އެ ރަށްތަކުގައި ދިރިއުޅޭ އާންމުންގެ ތިން މީހަކު ވެސް މި ހަނގުރާމައިގައި މަރުވި އެވެ.
މީގެ ކުރިން 2014 ވަނަ އަހަރު، ސްލޮވީނިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ކުރިން ވެސް މިފަދަ މެސެޖެއް ހިމެނޭ ބެނާއެއް ކުޅުންތެރިން ބޭނުންކުރުމާ ގުޅިގެން، ފީފާއިން ވަނީ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން 20،000 ޕައުންޑުން ޖޫރިމަނާކޮށްފަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އޭރު ބުނެފައިވަނީ އެ އަމަލަކީ ސިޔާސީ ހަރަކާތްތަކާ ގުޅޭ ގަވާއިދުތަކާއި ޓީމުތަކުގެ އަޚުލާގީ މިންގަނޑުތަކާ ޚިލާފު ކަމެއް ކަމަށެވެ.
ބުދަ ދުވަހުގެ މޮޅަށްފަހު، އާޖެންޓީނާގެ ނައިބު ރައީސް ވިކްޓޯރިއާ ވިލަރޫއެލް ވަނީ އެކްސްގައި ވީޑިއޯއެއް ހިއްސާކުރައްވާފަ އެވެ. އާޖެންޓީނާގެ ސިފައިން ފެންނަ އެ ވީޑިއޯއާއެކު އޭނާ ލިޔުއްވާފައިވަނީ "މިއީ ހަމައެކަނި ކުޅިވަރު މެޗެއް ނޫން" ކަމަށެވެ.
ވިލަރޫއެލް އިތުރަށް ލިޔުއްވާފައިވަނީ "ފޯކްލޭންޑް ރަށްތަކަކީ އާޖެންޓީނާގެ މިލްކެއް" ކަމަށާއި، "ދަނޑަށް އެ ބެނާ ވެއްދުން އެމީހުން މަނާކުރި ނަމަވެސް، އެ ރަށްތަކަކީ އަހަރެމެންގެ ލެޔާއި ހިތުގައި ބިންވަޅު ނެގިފައިވާ ރަށްތަކެއްކަން އެމީހުން ހަނދާން ނެތުނީ" ކަމަށެވެ.
މެޗުގެ ކުރިން ވެސް ވިލަރޫއެލް ވަނީ މި ސެމީ ފައިނަލަކީ "އިސްތިއުމާރުކުރި މީހުން އެމީހުންގެ ހައްގު މަގާމަށް ތިރިކޮށްލުމަށް" ލިބޭ ފުރުސަތެއް ކަމަށް ވިދާޅުވެފަ އެވެ.
އިނގިރޭސިވިލާތުގެ ބިޒްނަސް އެންޑް ޓްރޭޑް ސެކްރެޓަރީ، އެމްޕީ ޕީޓާ ކައިލް ވިދާޅުވީ އާޖެންޓީނާގެ ބެނާއަކީ "މުޅިން ނާތަހުޒީބު" އަމަލެއް ކަމަށާއި، ފީފާއިން މި މައްސަލަ ވަރަށް ފުރިހަމައަށް ތަހުގީގު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ބީބީސީ ބްރެކްފަސްޓް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކައިލް ވިދާޅުވީ، ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ކަންކަން ނުވެއްދުމަށް އޮންނަ ގަވާއިދާ އެހާ ބޮޑަށް ޚިލާފުވެފައިވާތީ، ތަހުގީގެއް ހިނގާނެކަން ޔަގީންވާ ކަމަށެވެ.
މީގެ ކުރިން ގަދަ 16 ގައި މިސްރު އަތުން 3-2 އިން އާޖެންޓީނާ މޮޅުވި މެޗަށްފަހު ވެސް، އެ ގައުމުގެ ކުޅުންތެރިން ވަނީ ފޯކްލޭންޑް ރަށްތަކާއި، އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑުން ކަމަށްވާ ޑިއޭގޯ މަރަޑޯނާ އަދި ލިއޮނަލް މެސީއަށް ނިސްބަތްކޮށް ލަވަތައް ކިޔާފަ އެވެ.
ނަމަވެސް، ސެމީ ފައިނަލް މެޗުގެ ކުރިން އާޖެންޓީނާގެ ކޯޗު ލިއޮނަލް ސަކަލޯނީ ބުނެފައިވަނީ އޭނާ ފުޓްބޯޅައާއި ސިޔާސީ ކަންކަން "މަސްހުނި ނުކުރާނެ" ކަމަށެވެ.
ސަކަލޯނީ ބުނެފައިވަނީ "ހަގީގަތަކީ މިއީ ފުޓްބޯޅަ މެޗެއް ކަމެވެ. އަހަރެން މިކަންކަން މަސްހުނިކުރާކަށް ބޭނުމެއް ނޫން، ހާއްސަކޮށް މީގެ އެތައް އަހަރެއް ކުރިން ހިނގާދިޔަ ކަންކަމަށް އޮތް އިހުތިރާމެއްގެ ބޮޑުކަމުން" ކަމަށެވެ.
އޭނާ އިތުރަށް ބުނީ "އެއީ އަހަރެމެންގެ ތާރީޚުގައި ހިނގާދިޔަ ވަރަށް ހިތާމަވެރި ދުވަސްތަކެއް، އަދި އެކަމުގައި އަހަރެމެންނަށް މިހާރު ކުރެވޭނެ މާ ބޮޑު ކަމެއް ނެތް. އެއީ ހަގީގަތަކީ" ކަމަށެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަން އެބަ ހިނގާ، އަދި ހަނގުރާމަ އޮތުމާ ދެކޮޅަށް އަހަރެމެން ފާޑުކިޔަން. އެ ހަނގުރާމައިގައި މަރުވި މީހުން އަހަރެމެން ހަނދާން ކުރަން. އެކަމަކު މިއީ ފުޓްބޯޅަ މެޗެއް - މި ދެކަންތައް އަހަރެމެން އޮޅުވާލައިގެން ނުވާނެ،" ސަކަލޯނީ ބުންޏެވެ.
އެންޒޯ ފެނާންޑޭޒް އާއި ލައުޓާރޯ މާޓިނޭޒް ފަހު ވަގުތު ޖެހި ލަނޑުތަކުން އިންގްލެންޑް ބަލިވި މި ސެމީ ފައިނަލް މެޗު ކުރިއަށްދިޔައީ، ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ ނުތަނަވަސްކަމުގެ ސަބަބުން ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްގެންނެވެ.
މަސްދަރު: ބީބީސީ










