ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރު ގޮއްވާލައިފި
ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާގެ އަސްކަރިއްޔާއިން ހިންގާ އަމަލުތަކުގެ ސަބަބުން ދެ ތެޔޮ ޓޭންކަރެއް ގޮވާފައިވާކަމަށް އީރާނުން ބުނޭ. ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާގެ ނުފޫޒު ހިންގުމަކީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް ސިފަކޮށް، އެމެރިކާގެ އުދުވާނުތަކަށް ރައްދު ދޭނެ ކަމުގެ އިންޒާރު އީރާނުން ތަކުރާރުކޮށް ވަނީ ދިފައި.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ހާމަކޮށްފައިވާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅީގެ ނުރައްކާތެރި އަދި އެކްސިޑެންޓްތައް ގިނައިން ހިނގާ ދެކުނު މަގުން ވަދެ ނުކުމެ ހެދުމަށް މަސައްކަތް ކުރި، އުސޫލުތަކާ ޚިލާފަށް ދަތުރުކުރި ތެޔޮ އުފުލާ ދެ ބޯޓެއް އާދީއްތަ ދުވަހުގެ ރޭ ވަނީ ގޮވާފައި | ސްކްރީން އިމޭޖް
ކުޑަކުދިން މަރާ އެމެރިކާގެ އަސްކަރިއްޔާގެ މަޖުބޫރުކުރުވުމާއި ބާރުގެ ބޭނުންކުރުމުގެ ސަބަބުން، މަގުން ކަސިޔާރުވެފައިވާ ދެ ތެޔޮ ޓޭންކަރެއް ހުރްމުޒް ކަނޑުއޮޅީގެ ނުރައްކާތެރި ދެކުނު ސަރަހައްދުން ވަދެ ނުކުމެ ހަދަން އުޅުމުގެ ތެރޭގައި އާދިއްތަ ދުވަހުގެ ރޭ ގޮވާފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފި އެވެ.
މި ހާދިސާއާ ގުޅިގެން އެ ދެ އުޅަނދު ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފައެވެ. މިއީ އީރާނުގެ އިސްތިގުލާލީ ބާރު ހިނގާ މި މުހިންމު ކަނޑުގެ ސަރަހައްދުގެ އަމާންކަން ނަގާލުމަށް ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި ނަތީޖާތައް ހާމަކޮށްދޭ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
އައިއާރުޖީސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ ޓެރަރިސްޓް އަސްކަރިއްޔާގެ ސީދާ މަޖުބޫރުކުރުވުމާއި ބިރުދެއްކުމުގެ ދަށުން، އެ ޓޭންކަރުތައް މަސައްކަތް ކުރީ ކަނޑުދަތުރުފަތުރު ކުރުމަށް ކަނޑައަޅާފައިވާ ރައްކާތެރި ސަރަހައްދުތަކާ ޚިލާފުވުމަށެވެ.
އީރާނުގެ ހިތްވަރުގަދަ ރައްޔިތުންނާ މުޚާތަބުކޮށް އެ ބަޔާނުގައި ބުނެފައިވަނީ، "މިއީ އަހަރެމެންގެ ބިމެވެ. އެތައް ހާސް ކިލޯމީޓަރެއްގެ ދުރުން އައިސް އެމެރިކާގެ ޓެރަރިސްޓް އަސްކަރިއްޔާއިން ހިންގާ މިފަދަ އަމަލުތަކަކީ އެއްވެސް ގާނޫނީ ހުއްޖަތެއް އޮތް ކަންކަމެއް ނޫނެވެ. އަދި އެކަންކަމަށް ހަމަޔަގީނުންވެސް ރައްދު ދޭނަމެވެ."
އެ ބަޔާނުގައި ވަނީ ސަރަހައްދުގައި އެމެރިކާގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކާއި އުދުވާނުތައް ކުރިއަށްދާހާ ހިނދަކު، ކެމިކަލް މާއްދާތަކާއި، ތެޔޮ ނުވަތަ ގޭހުގެ އެންމެ ތިއްކެއް އުފުލާ އުޅަނދަކަށްވެސް އެ ސަރަހައްދަކީ އަމާން ތަނަކަށް ނުވާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
އަދި ގާނޫނާ ޚިލާފަށް ހިންގި މި އަމަލަށް ދޭ އަދަބެއްގެ ގޮތުން ހިންގާ އޮޕަރޭޝަންތަކަށް ތައްޔާރުވުމަށް އިސްތިއުމާރީ އަސްކަރިއްޔާއަށް ވަނީ ގޮވާލާފަ އެވެ.
އައިއާރުޖީސީގެ ބަޔާން ނިންމާލާފައިވަނީ ކީރިތި ގުރުއާނުގެ އާޔަތެއްގެ މާނައިންނެވެ: "އަދި މޮޅުވުން (ނަސްރު) ލިބުން، ގަދަފަދަވަންތަ، ހަކީމްވަންތަ ﷲ ގެ ހަޟްރަތުން މެނުވީ ނުވެ އެވެ."
އޮމާންގެ އައްސޭރިފަށާ ދުރުނޫން ހިސާބެއްގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށް، ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން އާދީއްތަ ދުވަހުގެ ރޭ ވަނީ ބުނެފަ އެވެ. ނަމަވެސް، އެ އުޅަނދުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އެ އިދާރާއަށް އަދި ކަށަވަރު ކުރެވިފައެއް ނުވެ އެވެ. ޔޫކޭއެމްޓީއޯގެ ބަޔާނުގައި އެ އުޅަނދުގެ ނަމާއި، ދުއްވާ ދިދައާއި، ފަޅުވެރިން ނުވަތަ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވޭތޯ ބަލައި، އެކަމުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ބުނެފައިވަނީ، އެ ސަރަހައްދުގައި އެމެރިކާއިން ހިންގާ "އުދުވާނީ" އަމަލުތައް ކުރިއަށްދާހާ ހިނދަކު، އެ ކަނޑުގެ ސަރަހައްދަކީ ރައްކާތެރި ތަނަކަށް ނުވާނެ ކަމަށެވެ. އަދި ޕެޓްރޯކެމިކަލް އުފެއްދުންތަކާއި، ތެލާއި ގޭހުގެ އެންމެ ތިއްކެއް ބޭރުކުރުމަށްވެސް އެ ސަރަހައްދުގެ މަގުތައް ރައްކާތެރި ނުވާނެ ކަމަށް ބުނެ އައިއާރުޖީސީން ވަނީ އިންޒާރު ދީފަ އެވެ.
އެލްއެސްއީޖީ (އެލް.އެސް.އީ.ޖީ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް އާދީއްތަ ދުވަހު ދަތުރުކޮށްފައިވަނީ އެންމެ ހަތަރު އުޅަނދެވެ. މިއީ އޭގެ ކުރީ ދުވަހު އެ ސަރަހައްދުން ދަތުރުކުރި އަށް އުޅަނދާ އަޅާބަލާއިރު މަދު އަދަދެކެވެ. ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ހުކުރު ދުވަހުން ފެށިގެން ތެޔޮ ބަރުކުރުމަށްޓަކައި ތެޔޮ އުފުލާ މަދުވެގެން ތިން ޓޭންކަރަކާއި، ސާފުނުކުރާ ތެޔޮ އުފުލާ ވަރަށް ބޮޑު އުޅަނދެއް (ވީއެލްސީސީ) ވަނީ އެ ކަނޑުއޮޅިއަށް ވަދެފަ އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން، ހޯމަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 2 އިންސައްތަ މައްޗަށް ގޮސްފަ އެވެ. މިއާއެކު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 90 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.
މިހާދިސާ ހިނގާފައި މިވަނީ ފެބްރުއަރީ މަހުން ފެށިގެން އެމެރިކާއާއި ޒަޔަނިސްޓް އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަމަލާތަކާ ގުޅިގެން ސަރަހައްދުގެ މަސްރަހު އަނެއްކާވެސް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އީރާނުން ވަނީ މީގެ ކުރިންވެސް، ޕާޝިއަން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން ގާނޫނީ އިމުގެ ތެރެއިން ރައްދު ހަމަލާތައް ދީފައެވެ.
މިދިޔަ މަހު ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ވެވުނު އެއްބަސްވުމެއްގެ ދަށުން ހަމަނުޖެހުންތައް ކުޑަކުރުމަށް މަސައްކަތް ކުރި ނަމަވެސް، ހޮރްމުޒަ ކަނޑުއޮޅީގައި އެމެރިކާއިން ހިންގަމުންދާ އަމަލުތަކުގެ ސަބަބުން މަސްރަހު ވަނީ އަނެއްކާވެސް ނުތަނަވަސްވެފަ އެވެ.










